ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި، އެ އެސޯސިއޭޝަންގެ ބައި އިލެކްޝަން ހަތަރު ދުވަސް ފަސްކުރަން ފާސްކޮށްފިއެވެ.
ސޮލައިޓް ރެސްޓޯރަންޓްގައި ރޭ ކުރިއަށްދިޔަ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި މައްސަލަތަކެއް ކުރިމަތިވެފައިވާ އިރު، ކޮންގްރެސްގައި އޮލިމްޕިކް ކޮމިޓީއާއި ސްޕޯޓްސް ކޮމިޝަނުން ބައިވެރިވެފައެއް ނުވެއެވެ. އިންތިހާބާ ގުޅޭ ނިންމުންތަކާއި އެސޯސިއޭޝަނުގެ އިދާރީ ކަންކަމުގެ ނިންމުންތައް ރޭގެ ކޮންގްރެސްގައި ފާސްކޮށްފައިވާ އިރު، ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ވަނީ ދާދި ފަހުން ވޮލީ އެސޯސިއޭޝަނަށް ސިޓީއެއް ފޮނުއްވައި، ވޮލީ އެސޯސިއޭޝަންގެ އިންތިހާބުގެ ކަންކަން މަޑުޖައްސާލަން އަންގައިފައެވެ. އަދި އިންތިހާބަކާ ހަމައަށް ދިއުމުގެ ކުރިން، އޮލިމްޕިކް ކޮމިޓީއާއި ސްޕޯޓްސް ކައުންސިލުން، ވޮލީ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއާއެކު ބައްދަލުވުމަކަށް ގޮވާލައިފައިވެސް ވެއެވެ. އެހެންނަމަވެސް އެ ބައްދަލުވުމަށް ނުގޮސް، ވީއޭއެމުން މަސައްކަތް ކުރަމުންދަނީ އިންތިހާބު ބޭއްވުމަށެވެ.
ކުރިން އިންތިހާބު ބާއްވަން އޮތީ މިމަހުގެ 15 ވަނަ ދުވަހުގެ ރޭގައި ނަމަވެސް، މިހާރު ވަނީ 19 ވަނަ ދުވަހުގެ ރެޔަށް އިންތިހާބު ފަސްކޮށްފައެވެ. ރޭގެ ކޮންގްރެސްގައި ވީއޭއެމްގެ 2020، 2021، 2022 އަދި 2023ގެ އޮޑިޓް ރިޕޯޓު ތައްޔާރުކުރާނެ ގޮތެއް ހޯދައި، އެކަމަށްވެސް ވަނީ ރުހުން ދީފައެވެ. އަދި އިންތިހާބަކާ ހަމައަށް ދަންދެން އިދާރާގެ ހިންގުން ބީޗް ވޮލީބޯލް ކޮމިޝަންގެ ޗެއާމަން ކަމުން، އާ އަސާސީ ގަވާއިދުގެ ތެރެއިން، ބީޗްވޮލީބޯޅަ ނައިބު ރައީސަކަށް ބަދަލުވި، އަބްދުﷲ ނަޝީދު (އަބުޅޯ)އާ ހަވާލުކުރަން ވެސް ފާސްކުރިއެވެ.
އޭގެ އިތުރުން ރޭގެ ކޮންގްރެސްގައި ވަނީ ވޮލީ އެސޯސިއޭޝަންގެ އިލެކްޓޯރަލް ކޮމިޓީ އާއި ލީގަލް ކޮމިޝަންގެ އިތުރުން އެޕީލްސް ކޮމިޝަން ވެސް ވަނީ ފާސްކޮށްފައެވެ.
ރޭގެ ކޮންގްރެސްއަށް ދިޔަ ބައެއް ބައިވެރިންނަށް ކޮންގްރެސްގައި ބައިވެރިވެފައި ނުވާ އިރު، މައްސަލަ ގޯސްވެފައިވެއެވެ. އެގޮތުން، ސިޓީ ސްޕޯޓްސް ކުލަބުގެ ފަރާތުން ކޮންގްރެސްގައި ބައިވެރިވާން ދިޔަ، އިބްރާހީމް ރަޝީދު (ސަތޯ) އަށް ބައިވެރިނުވެވުނީ، ރަޖިސްޓްރޭޝަން ފުރިހަމަނުވާތީ ކަމަށް އެސޯސިއޭޝަނުން ބުނެފައިވާ އިރު، ސަތޯ ބުނީ ކޮންގްރެސްގެ ދައުވަތު ލިބުމާއެކު ރަޖިސްޓްރީ ފޯމު ހުށަހެޅި ކަމަށެވެ. އަދި ކޮންގްރެސްއަކީ ރަސްމީ ހައިސިއްޔަތެއް އޮވެގެން ކުރިއަށްދާ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
އޮބްޒާވަރެއްގެ ގޮތުގައި ރޭގެ ކޮންގްރެސްގައި ބައިވެރިވުމަށް ދިޔަ، މަލްސަމް ސްޕޯޓްސް ކްލަބުގެ ރައީސް މުހައްމަދު ޝާފީއަށްވެސް ވަނުމަށް ފުރުސަތެއް ނުލިބުނެވެ. އެއީވެސް ރަޖިސްޓްރޭޝަން ފުރިހަމަ ނުވާތީ ކަަމަށް ވަނީ އަންގައިފައެވެ.
ވޮލީ އެސޯސިއޭޝަނުން އިންތިހާބެއް ބާއްވަނީ، އެ އެސޯސިއޭޝަންގެ ރައީސްގެ މަގާމުން، މިދިޔަ މަހު މުހައްމަދު ރަނޭޝް (ރަނޭ)، ދައުރުގައި ބާކީ އެއް އަހަރު އޮއްވައި އިސްތިއުފާ ދިނުމުންނެވެ. ރަނޭ އިސްތިއުފާ ދިނުމުން، ދެން ކުރިއަށް އޮތް އިންތިހާބުގައި މަގާމުތަކަށް މީހުން ހޮވަނީ، މި ދައުރުގެ ބާކީ ބަަޔަށެވެ. އެގޮތުން ވޮލީ އެސޯސިއޭޝަނުން ވަނީ، ކުރިމަތިލުމުގެ ސުންގަނޑި ހަމަވުމުގެ ކުރިން، މަގާމުތަކަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައް އާންމުކޮށްފައެވެ.
އެގޮތުން ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ދާދި ފަހުން، ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ރައީސް ކަމަށް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި މުހައްމަދު ލަތީފް (ލަތީބެ) އެކަންޏެވެ.
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން