އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ކުޅުނު މެޗުގައި ނިއުކާސަލް ކައިރިން 3-2 އިން މޮޅުވެއްޖެއެވެ.

ރޭ ޗެލްސީން އަމިއްލަ ދަނޑުގައި ހޯދި މޮޅުގައި އެންމެ ބޮޑު ދައުރެއް އާދަކުރީ މި ސީޒަނަށް އެޓީމަށް ގެންދިޔަ މިޑްފީލްޑަރު ކޯލް ޕާމާއެވެ. އޭނާ ވަނީ ގޯލެއް ޖަހައި އެސިސްޓްވެސް ކޮށްދީފައެވެ. ރޭގެ މޮޅާއެކު ޗެލްސީއަށް ވަނީ ތާވަލުގައި ކުރިއަށް ޖެހިލަން ފުރުސަތު ފަހިވެފައެވެ. މިވަގުތު، 27 މެޗުން 39 ޕޮއިންޓާއެކު ޗެލްސީ ލީގު ތާވަލުގެ 11 ވަނައިގައި އޮތް އިރު، އެޓީމުގެ މަތިން ނިއުކާސަލް 10 ވަނައިގައޮ އޮތީ 28 މެޗުން 40 ޕޮއިންޓާއެކުގައެވެ. އަދި ވުލްވްސް ނުވަ ވަނައިގައި އޮތީ 28 މެޗުން 41 ޕޮއިންޓާއެކުގައެވެ. މެޗު ހަމަކޮށް، އެ ދެ ޓީމުގެ ކުރިއަށް ޖެހިލުމަށް މިހާރު ޗެލްސީއަށް ފުރުސަތު އެބައޮތެވެ.

މެޗުގެ ފަސްވަނަ މިނެޓުގައި ރޭ ޗެލްސީން ލީޑު ނެގި އިރު، އެ ގޯލަކީ ސްވެން ބޮޓްމަން ސާފުކޮށްލި ބޯޅައެއްގައި ޕާމާ ފޮނުވާލި ބޯޅައެއް، އޭރިއާ ތެރެއިން ނިކޮލަސް ޖެކްސަން ފައިގައި ޖައްސައި ގޯލަށް ވައްދާލައިގެން ޗެލްސީން ޖެހި ގޯލެކެވެ.

އެ ގޯލާއެކު ޗެލްސީން ލީޑު ނަގައިގެން ހާފު ނިންމާލަން ދިޔަ ނަމަވެސް، އެލެކްސެންޑްރާ އިސާކް، އޭރިއާ ތެރެއިން ސީދާ ގޯލުގެ ކަނަށް އަމާޒުކޮށް ފޮނުވާލި ހަމަލާއިން ނިއުކާސަލް ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލާއެކު ނަތީޖާ ހަމަހަމަވެގެން ފުރަތަމަ ހާފު ނިމުނު އިރު، ދެވަނަ ހާފަށް މާ ގިނައިރެއް ނުވެ، ޕާމާ ދުރުން ފޮނުވާލި ބޯޅައެއް ގޯލަށް ވައްދާލައި ޗެލްސީން އަލުން ލީޑު ނެގިއެވެ.

އޭގެ ފަހުން މެޗުގެ 76 ވަނަ މިނެޓުގައި މިހައިލޯ މުޑްރީކް ޗެލްސީއަށް ލީޑު ފުޅާކޮށްދިނެވެ. ކޯނޯ ގެލެގާ ފައިދަށުން ބޯޅަ ހޯދައިގެން، އޭރިއާ ތެރެއަށް ވަދެ ޑިފެންޑަރާއި ކީޕަރުވެސް ނައްޓާލުމަށްފަހު މުޑްރީކް ޖެހީ ހިތްގައިމު ގޯލެކެވެ.

ނިއުކާސަލުން މެޗަށް އަނބުރައި ވަނުމަށް ކުރި މަސައްކަތުގައި ޖޭކޮބް މާފީ ވަނީ އިތުރު ގޯލެއް ޖަހައިފައެވެ. އެހެން ނަމަވެސް އެޓީމަށް މެޗު އެއްވަރު ނުކުރެވި، އުނދަގޫ ހާލަތަކަށް ވެއްޓުނެވެ.