ރަމަޟާން މަހަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އެފްއޭއެމްގެ ވެޓެރަންސް މުބާރާތް، ވެޓެރަންސް ލީގު މިއަހަރުވެސް ކުރިއަށް ގެންދަން ނިންމައި، މާދަމާ ފަށަން ތާވަލުކޮށްފިއެވެ.

މިފަހަރުވެސް މުބާރާތް އިންތިޒާމް ކުރަނީ އެފްއޭއެމްއާ ގުޅިގެން، ކްލަބު އިވެންޓްސްއިންއެވެ. ވެޓެރަންސް ލީގުގެ މިދިޔަ ދެ އަހަރުވެސް ޗެމްޕިއަންކަން ހޯދާފައިވަނީ، ހުޅުމާލެ ވެޓެރަންސް ކްލަބުންނެވެ. މީގެ ކުރިން މާފަންނު ޓާފް ދަނޑުގައި މުބާރާތް ބާއްވަމުންދިޔަ ނަމަވެސް، މިފަހަރު މުބާރާތް އޮންނާނީ ހެންވޭރެ ދަނޑުގައެވެ. މުބާރާތް މާދަމާ ފަށާނީ، ހަވީރު 4:30 ގައި ހުޅުމާލޭ ވެޓެރަންސްއާއި ވިލިމާލެ ޔުނައިޓެޑް ވާދަކުރާ މެޗުންނެވެ.

ޖުމުލަ 10 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދަން ރާވާފައިވާ އިރު، ފައިނަލް ކުޅޭނީ ސެމީގެ ދެ މެޗަށްފަހުއެވެ.

  • ހުޅުމާލެ ވެޓެރަންސް ކްލަބް
  • ވިިލިމާލެ ޔުނައިޓެޑް
  • ޕޮލިސް ކްލަބް
  • ހުއްރިއްޔާ (ހުރާ)
  • ދިވެހި ސިފައިންގެ ކްލަބް
  • ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް
  • އެމްއެސް މޭޓްސް
  • މުއިވެޔޮ
  • ލެގޫންސް ސްޕޯޓްސް ކްލަބް
  • ކްލަބް ސްޓެލްކޯ

ތިރީސް ފަސް އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުޅޭ ވެޓެރަންސް މުބާރާތަކީ ރަމަޟާން މަހާ ދިމާކޮށް ގިނަ ފަހަރެއްގެ މަތިން ބާއްވަމުން އަންނަ މުބާރާތެކެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ފަސް ފަހަރު މުބާރާތުގެ ތަށި އުފުލާލި ކްލަބް ވެލެންސިއާއެވެ. އޭގެ އިތުރުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ސޮކަ ވެޓެރަންސް އެސޯސިއޭޝަން އަދި ހުޅުމާލެ ވެޓެރަންސް ކްލަބުން ވެސް ވަނީ މުބާރާތް ކާމިޔާބުކޮށްފައެވެ.