ޖަރުމަނު ލީގުގެ އެއްވަނައިގައި މި ވަގުތު އޮތް ބަޔާން ލެވަކޫސަން އިން ރޭ ލީގުގައި ކުޅުނު މެޗުންވެސް މޮޅުވެ، ލީގު ތާވަލުގެ އެއްވަނައިގައި 10 ޕޮއިންޓްގެ ލީޑު ދަމަހައްޓައިފިއެވެ.
ރޭ ލެވަކޫސަން އިން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ވުލްވްސްބާގް ކައިރިން މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ. މެޗުގެ 28 ވަނަ މިނެޓުގައި މޮރިޓްޒް ޖެންޒަށް ދެއްކި ރަތް ކާޑާއެކު ވުލްވްސްބާގުން ކުޅުންތެރިޔަކު މަދުކޮށް މެޗުގެ ބޮޑުބައިގައި ކުޅެފައިވާ އިރު، ލެވަކޫސަން އެއްވަނައިގައި އޮތީ 10 ޕޮއިންޓްގެ ލީޑެއްގައެވެ.
ޒަބީ އެލޯންސޯގެ ކޯޗުކަމުގައި މިހާތަނަށް މި ސީޒަނުގެ ލީގުގައި ކުޅުނު 25 މެޗުގައިވެސް ލެވަކޫސަން ބަލިވެފައި ނުވާއިރު، އެ ޓީމު އެއްވަނައިގައި އޮތީ 67 ޕޮއިންޓާއެކުގައެވެ. އެންމެފަހުގެ 11 އަހަރުގެ ލީގު ޗެމްޕިއަން ބަޔާން މިއުނިކް ދެވަނައިގައި އޮތީ 25 މެޗުން 57 ޕޮއިންޓާއެކުގައެވެ. ލެވަކޫސަންއަށް މި ސީޒަނުގެ ލީގު ހޯދުމަށް ބޮޑު ފުރުސަތެއް ފަހިވެފައިވާއިރު، މީގެ ކުރިން އެ ޓީމަށް ލީގު ހޯދިފައެއް ނުވެއެވެ.
ރޭގެ މެޗުގެ އަށްވަނަ މިނެޓުގައި ލެވަކޫސަން ލީޑު ނަގާފައިވާ އިރު، އެޓީމަށް ގޯލު ޖަހައިދިނީ ކުރީގެ ސައުތުހެމްޓަން އަދި ބާންލީ ފޯވަޑް ނެތަން ޓެޔާއެވެ. އޭގެ ފަހުން ލެވަކޫސަންއިން މެޗު ކޮންޓްރޯލްކޮށް ކުޅެމުން ގޮސް، ދެވަނަ ގޯލެއް ޖަހައި ތިން ޕޮއިންޓް ނެގީ އެކްސެގީލް ޕަލާސިއޯ ޖެހި ގޯލުންނެވެ.
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ