ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ސެލްޓާ ވީގޯ ކައިރިން ބޮޑު މޮޅެއް ހޯދައި، ރެއާލް މެޑްރިޑުން ލީގު ހޯދުމަށް ފުރުސަތު ފަހިކޮށްފިއެވެ.

ރެއާލް އިން ރޭ އަމިއްލަ ދަނޑުގައި ސެލްޓާ ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާ އާއެކު ރެއާލް ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 28 މެޗުން 69 ޕޮއިންޓާ އެކުގައެވެ. ޖިރޯނާ ދެވަނައިގައި 28 މެޗުން 62 ޕޮއިންޓާއެކު އޮތް އިރު، އެންމެފަހުގެ ޗެމްޕިއަން ބާސާއިން ތިންވަނައިގައި އޮތީ 28 މެޗުން 61 ޕޮއިންޓާއެކުގައެވެ. ހަތަރު ވަނައިގައި މި ވަގުތު އޮތީ އެތުލެޓިކޯ މެޑްރިޑެވެ. އެއީ 28 މެޗުން 55 ޕޮއިންޓާއެކުގައެވެ.

ރެއާލް އިން ރޭގެ މެޗަށް ނުކުތީ ޖޫޑް ބެލިންހަމް ނުލައެވެ. އެޓީމަށް އެންމެ ފޯމު ރަނގަޅުކޮށް ކުޅެމުންދާ ބެލިންހަމްއަށް ކުރީ މެޗުގައި ދެއްކި ރަތް ކާޑާއެކު އޭނާ ރޭގެ މެޗަށް ސަސްޕެންޝަންގައި ހުރި އިރު، އެތަން ފޫބައްދަން ފުރަތަމަ 11 އަށް ނުކުތީ ލޫކާ މޮޑްރިޗެވެ. އޭނާ މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވެއެވެ.

މެޗުގެ ކުރީކޮޅުގައި ވިނީޝިއަސް ޖޫނިއާ ޖެހި ގޯލުން ރެއާލް ލީޑު ނަގާފައިވާ އިރު، އޭނާ ގޯލު ޖެހީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ. ވިނީޝިއަސް ފުރަތަމަ ޖެހި ބޯޅަ، ސެލްޓާގެ ކީޕަރު ވިސެންޓޭ ގުއައިޓާ މަތަކުރި ނަމަވެސް ދެވަނަ ފަހަރަށް ޖެހި ބޯޅައިގައި ފަސޭހަކޮށް ބޯޅަ ގޯލަށް ވައްދާލިއެވެ.

ފުރަތަމަ ހާފު ރެއާލްއިން 1-0 ގެ ނަތީޖާއަކުން ކުރީގައި އޮވެ ނިމުނު ނަމަވެސް، ދެވަނަ ހާފަށް ނުކުމެ ސެލްޓާ ފެނުނީ އަމިއްލަ ގޯސްތައް ގިނަކޮށެވެ. ރެއާލްއިން މެޗަށް ވަދެ، ރަނގަޅު ހަމަލާތަކަށް މަސައްކަތް ކޮށްފައިވާ އިރު، ރޮޑްރީގޯއާއި ބްރަހީމް ޑިއާޒަށް ފުރުސަތުތައް ލިބި ބޭކާރުވިއެވެ. ފުރުސަތުތައް ގެއްލި، ރެއާލްގެ ސަޕޯޓަރުންވެސް މާޔޫސްކޮށް ފެނުނު އިރު، ރެއާލްއަށް އަނެއް ގޯލުތައް ޖެހުނީ މެޗު ނިމިނިމި އޮއްވައެވެ.

މެޗުގެ 79 ވަނަ މިނެޓުގައި އެންޓިއޯ ރުޑިގާ ބޮލުން ޖެހި ބޯޅައެއް ދަނޑީގައި ޖެހިފައި ކީޕަރު ގުއައިޓާ ގައިގައި ޖެހި ގޯލަށް ވަން އިރު، އޭގެ އިރުކޮޅެއްފަހުން ކާލޯސް ޑޮމިނިގޭޒް އަތުންވެސް ބައިކޮޅަށް ގޯލެއް ވަނެއެވެ. އަދި ފަހުން މެޗު ނިމިނިމި އޮއްވާ ރެއާލްގެ ފަހު ގޯލު ޖެހީ ތުރުކީގެ ޒުވާން ތަރި އާދާ ގޫލާއެވެ. އެއީ އޭނާ ރެއާލަށް ޖެހި ފުރަތަމަ ގޯލެވެ.