އިނގިރޭސި ޕްރިމިއާ ލީގުގެ ތައްޓަށް ވާދަކުރަމުންދާ މެންޗެސްޓާ ސިޓީއާއި ލިވަޕޫލް ރޭ ވާދަކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމުމާއެކު އާސެނަލަށް އެއްވަނައިގައި މަޑުޖެހިލަން ފުރުސަތު ފަހިވެއްޖެއެވެ.
ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު މެޗު އެއްވަރުވުމާއެކު ލިވަޕޫލާއި ސިޓީއަށްވެސް ވަނީ ލީގުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު ގެއްލިފައެވެ. އާސެނަލް މި ވަގުތު އެއްވަނައިގައި އޮތީ 28 މެޗުން 64 ޕޮއިންޓާއެކުގައެވެ. ލިވަޕޫލް ދެވަނައިގައި އޮތް އިރު، އެ ޓީމަށްވެސް 28 މެޗުން 64 ޕޮއިންޓް ލިބިފައިވާއިރު، އާސެނަލް އެއްވަނަ ލިބެނީ ފައިދާ ހަތް ގޯލުގެ ތަފާތުންނެވެ. ސިޓީ ތިންވަނައިގައި އޮތީ 28 މެޗުން 63 ޕޮއިންޓާއެކުގައެވެ.
އިނގިރޭސި ފުޓުބޯޅައިގައި މިދިޔަ 10 ވަރަކަށް އަހަރުވެސް އެންމެ ބޮޑު ވާދަވެރިކަމެއްގެ ގޮތުގައި ލިވަޕޫލާއި ސިޓީގެ ކުރިމަތިލުން ފާހަގަވެގެން ގޮސްފައިވާ އިރު، މެޗު ފެނުނީ ފޯރިގަދަކޮށެވެ. 23 ވަނަ މިނެޓުގައި ސިޓީން ލީޑު ނަގާފައިވާ އިރު، އެ ޓީމުން ގޯލު ޖެހީ ކޯނަރެއްގައެވެ. ލިވަޕޫލުން ކައިރިން ކަނަށް މާބޮޑަށް ނުވިސްނާ ތިއްބައި ކެވިން ޑި ބްރޭނާ މަޑުމަޑުން ޕާސްކޮށްލި ކޯނަރު، ޖޯން ސްޓޯންސް ގޯލަށް ވައްދާލީ ފަސޭހަކޮށެވެ.
ސިޓީން ފުރަތަމަ ހާފު ލީޑުގައި ނިންމާލި ނަމަވެސް، ދެވަނަ ހާފު ފެށިގެން އެ ޓީމަށް ލީޑު ދެމެހެއްޓުނީ 84 ސިކުންތުގައެވެ. އެޑަސަން، ޑާވިން ނުނޭޒަށް ކުރި ފައުލަކަށް ލިވަޕޫލަށް ޕެނަލްޓީ ލިބިފައިވާ އިރު، އެ ފައުލްގެ ތެރެއިން ސިޓީގެ ކީޕަރު އެޑަސަންއަށް ވަނީ އަނިޔާވެފައެވެ. މެޗުގެ ބާކީ ބައިގައި ސިޓީގެ ގޯލަށް ނުކުމެފައި ވަނީ ސްޓެފަން އޮރިޓޭގާއެވެ.
ލިވަޕޫލަށް ލިބުނު ޕެނަލްޓީ އެލެކްސިސް މެކް އަލިސްޓާ ކާމިޔާބުކުރި އިރު، އޭގެ ފަހުން ލިވަޕޫލަށް ވަނީ ހުސް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ހާއްސަކޮށް ފުލުފުލުގައި ލުއިސް ޑިއާޒަށް ލިބުނު ފުރުސަތުތަކުގައި އޭނާއަށް ބޭނުން ނުކުރެވި ދިޔައިރު، ނުނޭޒްގެ ރަނގަޅު ހަމަލާއެއް އޮރިޓޭގާ މަތަކުރިއެވެ. އަދި މުހައްމަދު ސަލާހް ބެންޗުން އަރައި އުފެއްދި ހަމަލާތައްވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ.
އަނެއްކޮޅުން ސިޓީންވެސް ބަދަލުތަކަކާއެކު ގޯލަކަށް މަސައްކަތް ކުރި އިރު، ޖެރެމީ ޑޮކޫ ބެންޗުން އަރައި ނުރައްކާ ކުރިއެވެ. އޭނާ ފޮނުވާލި ހަމަލާއެއް ދަނޑިއަށް އަމާޒުވި ނަމަވެސް، ސިޓީއަށްވެސް މެޗުން ތިން ޕޮއިންޓް ހޯދޭނެ ގޮތެއް ނުވިއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު