މި މަހު ބާއްވަން ނިންމާފައިވާ ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް)ގެ ރައީސް ކަމަށް ކުރިމަތިލެއްވި ހަމައެކަނި ފަރާތަކީ ކުރީގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

ދާދި ފަހުން ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ރައީސް ކަމަށް ދެވަނަ ދައުރަކަށް އިންތިހާބުވި ލަތީފް ވަނީ 2016-2019 އަށް ވީއޭއެމްގެ ރައީސްގެ މަގާމު ފުރުއްވައިފައެވެ. އޭނާގެ މަގާމު ގެއްލުނީ ކުރީގެ ކޮމިޝަނަރު އޮފް ސްޕޯޓްސް، ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ)، ވޮލީ އެސޯސިއޭޝަންގެ މައްސަލައެއް ބަަލައި، އޭރު އޮތް ލަތީފުގެ ހިންގާ ކޮމިޓީ އުވާލައި އެސޯސިއޭޝަން އިންޓަރިމް ހާލަތަކަށް ގެންނަން ނިންމުމުންނެވެ.

ވީއޭއެމްގެ އިދާރީ ހިންގުން ގޯސްވެ، އެތައް މައްސަލައެއް ކުރިމަތިވެފައިވާ އިރު، ބައި އިލެކްޝަނެއް ބާއްވަން ނިންމައި، އެކަން ކުރަން މަސައްކަތް ކުރަނީ އާ އަސާސީ ގަވާއިދެއްވެސް ފާސްކޮށްގެންނެވެ. އާ އަސާސީ ގަވާއިދުން ބައެއް މަގާމުތަކަށް މެމްބަރުން މައިގްރޭޓްވެސް ކޮށްފައިވާއިރު، ރައީސްގެ މަގާމު ހުސްވީ މުހައްމަދު ރަނޭޝް (ރަނޭ) އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.

ވީއޭއެމް އިން މި މަހު 15 ގައި އިންތިހާބެއް ބާއްވަން މަސައްކަތް ކުރަމުންދާއިރު، އެ އިންތިހާބުގެ ކުރިން އަދި ކަންތައްތަކެއް ކުރުމަށް ސްޕޯޓްސް ކޮމިޝަނަރު ވަނީ އަންގަވައިފައެވެ. އެގޮތުން ކޮމިޝަނަރުގެ އެ ސިޓީގައި ވަނީ ވީއޭއެމްގެ 2020، 2021، 2022 އަދި 2023ގެ އޮޑިޓް ރިޕޯޓާއި ކޮންމެ އަހަރެއްގެ މާޗް 31ގެ ކުރިން ބާއްވަންޖެހޭ އަހަރީ އާންމު ޖަލްސާގެ ކަންކަން ވެސް ވޮލީ އެސޯސިއޭޝަނުން އުސޫލުގެ ތެެެރެއިން ފުރިހަމަކުރަން އަންގައިފައެވެ.

އެ އެންގުން އަންގާފައިވުމާއެކު، ވީއޭއެމްއިން ވަނީ ކޮމިޝަނަރުގެ ސިޓީގައި ބުނެފައިވާ ކަންކަން ނިންމަން މިރެއަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން އިއުލާނުވެސް ކޮށްފައެވެ. އެހެންކަމުން އިންތިހާބު 15 ގައި ބޭއްވޭވަރު ކުރާނެ ކަމަށް ބެލެވެއެވެ.

  • ރައީސް: މުހައްމަދު ލަތީފް
  • ސީނިއާ ނައިބު ރައީސް: މުހައްމަދު ސާޖިދު (ބޮޑުކާއްޓެ)
  • ނައިބު ރައީސް ވޮލީބޯލް: އަލީ ލަތީފް
  • ނައިބު ރައީސް އިދާރީ: އިއްޒަތު ވަހީދު
  • ނައިބު ރައީސް އަންހެން: އާއިދާ އަބްދުލް ހަކީމް
  • ހިންގާ ކޮމިޓީ މެމްބަރު: ފަތުހުﷲ ވަހީދު (ފައްލޯ)
  • ހިންގާ ކޮމިޓީ މެމްބަރު: ސޮފްވާން އަހުމަދު
  • ހިންގާ ކޮމިޓީ މެމްބަރު: ޝިޔާމް އަލީ
  • ހިންގާ ކޮމިޓީ މެމްބަރު/އަންހެން: އައިޝަތު ފަތީނަތު

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ އެޖެންޑާގައި ވީއޭއެމްގެ އިންތިހާބު ބާއްވައި، ރައީސަކު އިންތިހާބު ކުރެވެންދެން، ވީއޭއެމްގެ ކަންކަން ބަލަހައްޓާ ފަރާތަކަށް ކަނޑައެޅި އަބްދުﷲ ނަޝީދުގެ އިތުބާރު އޮތްތޯ ބަލާނެއެވެ. ގަރާރަކުން އަބްދުﷲ އާ އެކަން ހަވާލުކުރުމުން އިންތިހާބީ ނައިބު ރައީސް އަޝްރަފް އަލީ (އަޝްރާ) ވަނީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހި، ކުރިން ބޭއްވި އެކްސްކޯ ބައްދަލުވުމެއް ދޫކޮށް ނުކުމެވަޑައިގެންފައެވެ.