ގައުމަކުން އެބައެއްގެ ކަނޑުގެ ސަރަހައްދު ބައިނަލްއަގުވާމީ ދަތުރުފަތުރަށް ބަންދުކޮށް ވަކި ބައެއްގެ އުޅަނދުތަކާއި އޭގައިވާ މުދާތައް ފޭރުމުގެ އަމަލެއް ހިންގައިފިނަމަ އެކަންކުރި ބަޔަކާ ދެކޮޅަށް ހަނގުރާމައިގެ ހަރަކާތެއް ހިންގިދާނެ ބާވައެވެ. ޖަވާބަކީ ނޫނެކޭއެވެ. އެއްގަމުގެ ސަރަހައްދެއް ވިޔަސް އަދި ކަނޑުގެ ސަރަހައްދެއް ވިޔަސް އެތަނަކަށް ވަދެވޭނެ ފަރާތްތަކާއި ނުވަދެވޭނެ ފަރާތްތައް ކަނޑައަޅައި ހުޅުވައި ބަންދުކުރުމަކީ އެބަޔަކަށް ލިބިފައިވާ ސިޔާދަތީ ހައްގެކެވެ. މީގައި ވިސްނާލަންޖެހޭ ނުގުތާއަކީ މިކަމާމެދު ބައިނަލްއަގުވާމީ މުއާހަދާއެއް އެކުލަވާލެވިފައި އޮންނަކަމެވެ. އެ މުއާހަދާއަށް ކިޔަނީ ޔޫއެން ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ، އަންކްލޮސް އެވެ. އޭގައި ބުނާގޮތުން ބިދޭސީ ބޯޓުފަހަރަށްވެސް އެހެން ގައުމުތަކުގެ ކަނޑުގެ ސަރަހައްދުން ދަތުރުފަތުރު ކުރުމުގެ ހައްގު އޮންނަންވާނެ އެވެ. އެގޮތަށް ކުރާ ދަތުރަކީ އެގައުމެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ފޯރާގޮތަށް ކުރެވޭ ދަތުރަކަށް ވެގެން ނުވާނެއެވެ.

ޗައިނާއިން ފުރައިގެން ޕާކިސްތާނުގެ ކަރާޗީއަށް ހުސްވި މަހު ދަތުރުކުރި ފަރަންސޭސި އާގުބޯޓެއް ކަމަށްވާ އައްތީލާ އިންޑިޔާއިން ވަނީ އެގައުމުގެ ހުޅަނގުބިތުގެ އައްސޭރީގައި ހިފަހައްޓައި އޭގައިވާ މުދާތައް ފޭރިގެންފައެވެ. އިންޑިޔާގެ ބަހަނާއަކީ އެބޯޓުގައިހުރީ ޕާކިސްތާނުގެ ނިއުކުލިއަރ ޕްރޮގްރާމާއި މިސައިލް ޕްރޮގްރާމަށް ބޭނުންވާ ކަހަލަ ސައިންޓިފިކް ބައެއް އާލާތެވެ. މިއީ ހަތިޔާރު ކޮންޓްރޯލްކުރުމާއި އޭގެ ޓެކްނޮލޮޖީ ފެތުރުން ހުއްޓުވުމަށް ގާއިމްކުރެވިފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ޚިލާފަށް ޕާކިސްތާނާއި ޗައިނާއިން ހިންގި ވަގު ވިޔަފާރިއެކެވެ. އެހެންވީމާ މި ބޯޓު ހިފެހެއްޓި ހިފެހެއްޓުމަކީ ގާނޫނުތަކާ އެއްގޮތަށް ކުރި ކަމެކެވެ. އިންޑިޔާގެ މި ބުނުން ޕާކިސްތާނާއި ޗައިނާއިން ދޮގުކުރެއެވެ. ޕާކިސްތާނުން ބުނާގޮތުގައި އިންޑިޔާގެ މި އަމަލަކީ ކަނޑުފޭރުމެކެވެ. މި އަމަލުގެ ސަބަބުން މި ސަރަހައްދުގެ ދަތުރުފަތުރުގެ ސަލާމަތާއި މިނިވަންކަމަށް ލޮޅުންތަކެއް އަރައިފިއެވެ. މިކަމުގެ އަގު އިންޑިޔާއިން އަދާކުރަން ޖެހޭނެއެވެ.

އެބުނާ ކަހަލަ ސާމާނު ބޯޓުގައި ހުއްޓަސް އަދި ނެތަސް އިންޑިޔާއިން މި އަމަލެއް ހިންގައިފިއެވެ. ބޯޓު ހިފަހައްޓައިފިއެވެ. އޭގައިވާ ސާމާނު ފޭރިގެންފިއެވެ. އެއްކޮޅުގައި އިންޑިޔާއެވެ. އަނެއްކޮޅުގައި ޕާކިސްތާނާއި ޗައިނާއެވެ. އެހެންވީމާ މިކަމަކީ އާދައިގެ ގޮތަކަށް ނިމޭނެ ކަމެއް ނޫނެވެ. މިއީ މަސްރަހު ވަރަށް ބޮޑަށް ނުރައްކާވެ ބިރުވެރިކަމާއި ނާމާންކަން ފެތުރިގެންދާނެ ކަމެކެވެ. ޕާކިސްތާނަކީ އާދައިގެ ގައުމެއް ނޫނެވެ. އެއީ ނިއުކުލިއަރ ބާރެކެވެ. އިންޑިޔާއާ ވަރުން އެޅިގެންވާ ނޭވީއެއް އެބައޮތެވެ. ނަންހުސްކޮށް ހުރިހާ ބާވަތެއްގެ މަނަވަރުތައް އެބަހުއްޓެވެ. ޕާކިސްތާނު އެއޮތީ އިންޑިޔާގެ ހުޅަނގުބިތުގެ ބަނދަރުތަކަށް އައިސްގޮސްވާ އާގުބޯޓުފަހަރު ހިފެހެއްޓޭނެ ޕޮޒިޝަނެއްގައެވެ. ކެރިކުޅަދާނަކަން ލިބިގެންވެއެވެ. ކުރާނެވެސް މެއެވެ. ވަރަށް ސާފުބަހުން އެވާހަކަ ބުނަންވެސް ބުނެފިއެވެ. އިންޑިޔާގެ ބޯޓެއް ދެ ބޯޓެއްވަރު ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ވިޔަސް ޕާކިސްތާނުގެ އަސްކަރިއްޔާއިން ހުއްޓުވައިފިއްޔާ އިންޑިޔާއިން ދެން ބުނާނީ ކީކޭބާވައެވެ؟

އިންޑިޔާއިން ބުނާނެއެވެ. ތިޔައީ ކަނޑުފޭރުމެކެވެ. ޖަރީމާއެކެވެ. ތިޔަ އަމަލު ކުށްވެރިކުރަމެވެ. މިހެން ބުނެފައި ދެން ހިފަހައްޓާނީ ޕާކިސްތާނުގެ ކޮންމެވެސް ބޯޓެކެވެ. ނުވަތަ ބޯޓުތަކެކެވެ. މިހެންގޮސް އެއްބަޔަކު އަނެއް ބައެއްގެ އުޅަނދުތައް ފޭރުން އާއްމުވެ މި ހިސާބުގައި ދަތުރުފަތުރު ކުރުމަކީ ނުއުފުލޭވަރުގެ ބޮޑު ބުރައަކަށް ވެދާނެއެވެ. ބައިނަލްއަގުވާމީ ދަތުރުފަތުރުތައް ހުއްޓިދާނެއެވެ. ނުރައްކާތެރި އައު ހަނގުރާމައެއް ފެށިދާނެއެވެ. އެ ހަނގުރާމަ ނިއުކުލިއަރ ކުރިމަތިލުމަކަށްވެސް ބަދަލުވެދާނެއެވެ. މިއީ އިންތިހާއަށް ބިރުވެރިކަން އެކުލެވޭ މައްސަލައެކެވެ. މިކަމަކީ ރާއްޖޭގެ އުތުރުން ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ދިވެހި މަސްދޯނިތަކެއް އިންޑިޔާގެ ކޯސްޓްގާޑުން ހުއްޓުވައި އެ އުޅަނދުތަކަށް ގަދަކަމުން އަރައި ދިވެހި މަސްވެރިންނަށް ބިރުދެއްކުމަށްފަހު އެއީ ނުވާކަމެއްކަމަށް ހެދި ޒާތަށް ހިންދައިލެވެން އޮތް މައްސަލައެއް ނޫނެވެ. މިއީ އެއަށްވުރެ މާސީރިއަސް މައްސަލައެކެވެ. ބޮޑު މައްސަލައެކެވެ.

ޗައިނާއިން ޕާކިސްތާނަށް ނިއުކުލިއަރ ސާމާނާއި މިސައިލް ސާމާނުތައް ފޯރުކޮށްދޭ ކަމަށްވަންޏާ އެކަންކުރާނީ އިންޑިޔާގެ އައްސޭރިން އެގައުމަށް ވަސްދުވާ ހިސާބުން ދަތުރުކުރާ އާގުބޯޓުފަހަރަށް ލައިގެން ބާވައެވެ. އެތަކެތި ފޭރިގަންނަން އިންޑިޔާގެ ބާރުތަކަށް ފުރުސަތު ލިބޭގޮތަށް ބާވައެވެ. ނޫނެކެވެ. ޕާކިސްތާނާއި ޗައިނާއަކީ އެއްގަމުން ގުޅިފައިވާ ދެ ގައުމެވެ. ދެ ގައުމުގެ ގުޅިފައިވާ ބޯޑަރު 370 މޭލަށް ދެމިގެންވެއެވެ. އެދޭތެރޭގައި ދަތުރުކުރުމަށް އެންމެ ޒަމާނީ ބިޔަ ހައިވޭއެއް ގާއިމު ކުރެވިފައިވެއެވެ. ކަރަކޯރަމް ހައިވޭއެވެ. މިދެންނެވި މަގުން ޗައިނާ ބޭނުންވާހައި ތަކެއްޗެއް ޕާކިސްތާނަށް ފޮނުވިދާނެއެވެ. އަދި ޕާކިސްތާން ބޭނުންވާހައި އެއްޗެއް ޗައިނާއަށްވެސް ފޮނުވިދާނެއެވެ. އިންޑިޔާއަށް ކަޅުދޮންވެސް އަންގައިލުމެއް ނެތިއެވެ. އެހެންވީމާ އިންޑިޔާއިން އެބުނާ ނިއުކުލިއަރ ޕްރޮގްރާމަށް ބޭނުންވާ ސާމާނު މި ބޯޓުގައިހުރި ވާހަކައަކީ ގަބޫލުކުރަން ފަސޭހަ ވާހަކައެއް ނޫނެވެ. މިއީ ދެން ކަންދައްކާން، ބާރުދައްކާން، ކަމެއްކޮށްފައި މަތިއޮމާންކުރުމަށް ހަދައިލި ވާހަކައަކީއެވެ.

ހަތިޔާރޭ، މިސައިލޭ، ޖައްވީ ޓެކްނޮލޮޖީއޭ ޖާސޫސްކުރަނީއޭ ކިޔައިގެން އިންޑިޔާއިން ދައްކާ ވާހަކަތަކުގެ ސައްހަކަން ހުންނަ ނުހުންނަ މިންވަރަކީ ވަރަށް ސާފުކޮށް އެނގެން ހުންނަ ކަމެކެވެ. އިންޑިޔާގެ ކެރަލާ ސްޓޭޓަށް މީގެ ތިރީހަކަށް އަހަރުކުރިން ބޭސްފަރުވާއަށް ދިޔަ ދެވަންފުރައިގެ ދިވެހި ދެ އަންހެނަކު ހައްޔަރުކޮށް ޖަލަށްލައި އިންޑިޔާގެ ރޮކެޓާއި ޖައްވީ ޓެކްނޮލޮޖީން ވައްކަންކޮށް ޕާކިސްތާނަށް ފޯރުކޮށްދެނީއޭ ބުނެ ކުރި ތުހުމަތާއި ކުޅުނު ޑްރާމާއަކީ ވުޖޫދުގައިވެސް ނުވާ ކަންކަން އުފަންކޮށްގަންނަ ގޮތުގެ މިސާލެކެވެ. އެހެންވީމާ މިފަހަރު ހިފެހެއްޓި ބޯޓުގައިވާ މުދަލާމެދު އެދައްކާ ވާހަކަތައްވެސް ގަބޫލުކުރަންޖެހޭ ސަބަބެއް ނެތެވެ. މި ބޯޓު ހިފެހެއްޓުމުގެ ބޭނުމަކީ ބާރުދައްކައި ޕާކިސްތާނުގެ އައު ބޮޑުވަޒީރު ޝަހުބާޒު ޝަރީފުގެ ސަރުކާރަށް ސިހުން ގެނައުންކަމަށް ވެދާނެއެވެ. އަވަށްޓެރި ގައުމުތަކުގެ ސަރުކާރުތައް ބަދަލުވީމާ މަރުހަބާ ކިޔުމަށް އިންޑިޔާއިން ފަހަކަށްއައިސް ގެންގުޅެނީ މިޒާތުގެ އުކުޅުތަކެކެވެ. އެކަން ދިވެހިންވެސް ތަޖުރިބާކޮށްފިއެވެ.