އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ޒައީމް، މަޖިލީހުގެ ބަހުސްގައި ބައިވެރިވެ ވަޑައިގަތުމަށް ދަނިކޮށް، އޭނާގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ މިއަދު 16:11 އެހާކަންހާއިރު ކަމަށެވެ. ފުލުހުން ބުނީ ޒައީމުގެ ގަޔަށް ކަޅުތެޔޮ ޖަހާފައިވަނީ އޭނާ ބަހުސަށް ދަނިކޮށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ޕާކިން ޒޯން އާ ހިސާބުން ސައިކަލެއްގައި ދިޔަ ދެ މީހުން ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.
އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ޒައީމުގެ ގަޔަށް ކަޅުތެޔޮ ޖަހާފައިވަނިކޮށް ނަގާފައިވާ ފޮޓޯތަކެއް އާންމުކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި ކަޅުތެޔޮ ޖަހާފައިވަނީ އޭނާގެ ގަމީހުގެ ވާތް ފަރާތަށެވެ. ކަޅުތެޔޮ ޖަހާފައިވަނީ ޖޫސްޕެޓީ ކޮތަޅަކަށް ކަޅުތޮޔެ އަޅައިގެންނެވެ. އެ ޖޫސްޕެޓީ ކޮތަޅުގެ ފޮޓޯވެސް އެމްޑީޕީން ވަނީ އާންމުކޮށްފައެވެ.
ސިޔާސީ ވާދަވެރިކަމުގެ ތެރެއިން އިދިކޮޅު ޕާޓީތަކުގެ މެމްބަރުންގެ ގަޔަށް މީގެ ކުރިންވެސް ކަޅުތެޔޮ ޖަހާފައި އެބަހުއްޓެވެ. އަދި ޕޯސްޓަރުތަކަށްވެސް ކަޅުތެޔޮ ޖަހާފައި އެބަހުއްޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު