އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު އަހުމަދު ޒައީމް، މަޖިލީހުގެ ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް ދަނިކޮށް، އޭނާގެ ގަޔަށް ކަޅުތެޔޮ ޖަހައިފިއެވެ.

އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އަހުމަދު ޒައީމުގެ ގަޔަށް ކަޅުތެޔޮ ޖަހާފައިވަނިކޮށް ނަގާފައިވާ ފޮޓޯތަކެއް އާންމުކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި ކަޅުތެޔޮ ޖަހާފައިވަނީ އޭނާގެ ގަމީހުގެ ވާތް ފަރާތަށެވެ. ކަޅުތެޔޮ ޖަހާފައިވަނީ ޖޫސްޕެޓީ ކޮތަޅަކަށް ކަޅުތޮޔެ އަޅައިގެންނެވެ. އެ ޖޫސްޕެޓީ ކޮތަޅުގެ ފޮޓޯ ވެސް އެމްޑީޕީން ވަނީ އާންމުކޮށްފައެވެ.

"މި ފިނޑި އަމަލު މި ޕާޓީން ކުށްވެރި ކުރަން،" އެމްޑީޕީން ބުންޏެވެ.

ސިޔާސީ ވާދަވެރިކަމުގެ ތެރެއިން އިދިކޮޅު ޕާޓީތަކުގެ މެމްބަރުންގެ ގަޔަށް މީގެ ކުރިން ވެސް ކަޅުތެޔޮ ޖަހާފައި އެބަހުއްޓެވެ. އަދި ޕޯސްޓަރުތަކަށް ވެސް ކަޅުތެޔޮ ޖަހާފައި އެބަހުއްޓެވެ.