ރޭ ކުޅުނު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުތަކުން ރެއާލް މެޑްރިޑާއި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ކުއާޓާ ފައިނަލް ޔަގީން ކޮށްފިއެވެ.
ރެއާލްއިން ފުރަތަމަ ލެގުގައި، ރަށުން ބޭރުގައި ލެއިޕްޒިގް 1-0 އިން ބަލިކޮށްފައިވާ އިރު، ރޭ އަމިއްލަ ދަނޑުގައި އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. ސިޓީންވެސް ރޭ ދެވަނަ ލެގު އަމިއްލަ ދަނޑުގައި ކޯޕަންހޭގަންއާ ދެކޮޅަށް ކުޅެފައިވާ އިރު، އެ ލެގުވެސް ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ލެގުވެސް ސިޓީން އެ ނަތީޖާއިން ކާމިޔާބު ކޮށްފައިވާ އިރު، އެޓީމުން ދެމެޗު ކާމިޔާބުކުރީ އެގްރިގޭޓް 6-2 ގެ ނަތީޖާއަކުންނެވެ.
ރޭ ރެއާލްއިން ކުޅުނު މެޗުގައިވެސް ފުރަތަމަ ހާފުގައި ރަނގަޅު ފުރުސަތުތަކެއް ލިބުނީ ލެއިޕްޒިގަށެވެ. ޑެނީ އޮލްމޯއާއި ބެންޖަމިން ސެސްކޯއަށްވެސް ފުރަތަމަ ހާފުގައި ރަނގަޅު ފުރުސަތުތައް ލިބި ބޭކާރުވި އިރު، ރެއާލްއިން ލީޑު ނެގީ ދެވަނަ ހާފުގައެވެ. މެޗުގެ 65 ވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއާ ރެއާލަށް ލީޑު ނަގައިދިން އިރު، އޭގެ ދެ މިނެޓް ފަހުން ލެއިޕްޒިގުން މެޗު އެއްވަރުކުރިއެވެ. އެގޯލު ޖެހީ ވިލީ އޯބަންއެވެ.
މެޗުގެ ފަހު ވަގުތު ކޮޅުގައިވެސް ލެއިޕްޒިގުން ނުރައްކާ ކުރި އިރު، މެޗު އިތުރު ވަގުތަށް ގެންދަން އޮލްމޯއަށް ލިބުނު ފުރުސަތުގައި އޭނާއަށް ކާމިޔާބެއް ނުވިއެވެ. މިހާރު ޔޫއެފާ ގަވާއިދު އޮންނަގޮތުން އަވޭ ގޯލަށް ނުބަލާތީ، މެޗުގައި އިތުރު އެއް ގޯލު ޖަހައިގެން އިތުރު ވަގުތަށް ގެންދެވެން އޮތް ނަމަވެސް، ލެއިޕްޒިގަށް އެކަން ހާސިލެއް ނުކުރެވުނެވެ.
ރޭ ސިޓީން ކޯޕަންހޭގަން ކައިރިން އަމިއްލަ ދަނޑުގައި ކުޅެ، ފުރަތަމަ 10 މިނެޓް ތެރޭގައި ދެ ގޯލު ޖެހިއެވެ. އެގޯލުތައް ޖެހީ މެނުއަލް އަކާންޖީއާއި ޖޫލިއަން އަލްވަރޭޒެވެ. އޭގެފަހުން ކޯޕަން ހޭގަންގެ މުހައްމަދު އަލްޔޫނުސީ ގޯލެއް ޖެހި ނަމަވެސް، ހާފު ނިމެން ދަނިކޮށް، އާލިން ހާލަންޑް ވަނީ އިތުރު ގޯލެއް ޖަހައި ސިޓީގެ ނަތީޖާ ދަމަހައްޓައިފައެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު