ރައްޔިތުންގެ މަޖިލީހުގެ ސަރުކާރާ ދެކޮޅު މެމްބަރުންގެ ދަތްދޮޅި ދުއްވާލާ ވާހަކަ ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް އަނެއްކާވެސް ތަކުރާރު ކުރައްވައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރަކަށް އާދަމް ޝަރީފް ހުންނެވި އިރުވެސް އޭނާ ވަނީ މަޖިލީހުގެ ބައެއް މެމްބަރުންގެ ދަތްދޮޅި ދުއްވާލަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އެފަހަރު އެގޮތަށް ވިދާޅުވެފައިވަނީ ސިފައިންގެ ޖަލްސާއެއްގައެވެ. އެ ޖަލްސާގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް އެގޮތަށް ވިދާޅުވި އޯޑިއޯ އެފަހަރު ވަނީ ލީކުވެފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ދިއްގަރަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގެ ސަބަބުން ރައީސް މުއިއްޒަށް، އެ މަނިކުފާނުގެ ތަސައްވަރާއި ސިޔާސަތުތައް ތަންފީޒުކުރެއްވުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.
"އަޅުގަނޑު ކުޑަކޮށް ދެރަވެސް ވޭ، އަޅުގަނޑާ ވަރަށް އެކުގައި ހަތަރެއް ބައި އަހަރު ވަންދެން މަސައްކަތް ކުރެއްވި ބޭފުޅުން ރައްޔިތުންގެ މަޖިލިސްގައި ތިއްބެވީ" އާދަމް ޝަރީފް ވިދާޅުވިއެވެ.
"އެކަމަކު އަޅުގަނޑު ހަމަ ހިތަށް އަރާ، ހަމަ ހަގީގަތުގައި ވެސް، އަޅުގަނޑު އެތާ މިއަދު ވެސް ހުންނަ ނަމަ، އެއިން މީހެއްގެ ދަތްދޮޅި ދުއްވާ ނުލައި ހުރެވޭނެ ބާވައޭ."
އާދަމް ޝަރީފް ވިދާޅުވީ މެމްބަރުންގެ ދަތްދޮޅު ދުއްވާލުމަށް ހިތަށް އަރަނީ، މަޖިލީހުން ރައީސް މުއިއްޒުގެ ކެބިނެޓުގެ ބައެއް މިނިސްޓަރުންނަށް ރުހުން ނުދެއްވުމުންނާއި ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދު ކަމަށްވާ ރަސްމާލެ މަޝްރޫއުގެ ބަޖެޓު އުނިކުރުމުން ކަމަށެވެ.
ރައީސް މުއިއްޒާ ދެކޮޅަށް މަޖިލީހުގެ ބައެއް މެމްބަރުން މަސައްކަތް ކުރައްވަނީ، އެ މަނިކުފާނު ވައުދުތައް ފުއްދަވަމުން ގެންދަވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު