ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފު، ބޮޑުވަޒީރުކަމަށް ދެވަނަ ފަހަރަށް ހަމަޖެއްސެވުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފިއެވެ.

ރައީސް މުއިއްޒު، ޕާކިސްތާނުގެ ބޮޑުވަޒީރަށް ފޮނުއްވި މަރުހަބާގެ މެސެޖުގައި ވިދާޅުވީ ރާއްޖެއާއި ޕާކިސްތާނަކީ ގާތް ގުޅުމެއް އޮންނަ ދެ ގައުމު ކަމަށެވެ. ދެ ގައުމުގެ އެ އެކުވެރިން ބިނާވެފައިވަނީ އެއް ހަމަތަކެއްގެ މައްޗަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުން ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ދަމަހައްޓާނެ ކަމަށެވެ. އެކަމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށް ވެސް ފައިދާވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއިން، ޕާކިސްތާނާއެކު ސިޔާސީ ގުޅުން ގާއިމު ކޮށްފައިވަނީ 1966 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.