ރާއްޖެއިން ޗައިނާއާއެކު އަސްކަރީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޑިފެންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަން އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރު އަޖޯންގު ބައުކުއާން އެވެ.
އެ އެއްބަސްވުމުގެ މައުލޫމާތު އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އަސްކަރީ ގޮތުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ޗައިނާ ސަރުކާރާ މަޝްވަރާކޮށްފައެވެ. މިއަދު ސޮއިކުރި އެއްބަސްވުމަކީ އެ މަޝްވަރާތަކުގެ ދަށުން ވެވުނު އެއްބަސްވުމެއް ކަމަށް ބެލެވެއެވެ.
އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް ދެއްވި ސްޓޭޓްމެންޓެއްގައި ރައީސް ވިދާޅުވެފައިވަނީ ޗައިނާއިން ރާއްޖޭގެ ޓެރިޓޯރިއަލް އިންޓެގްރިޓީއަށް ފުރިހަމައަށް ސަޕޯޓުކުރާ ކަމަށާއި ރާއްޖެއަކީ ރަށްތަކުގެ ސައިޒު ކިތަންމެ ކުޑަޔަސް، އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ނުވަ ލައްކަ އަކަކިލޯމީޓަރުގެ ބޮޑު ގައުމެއް ކަމަށެވެ.
"މި ކަނޑުގައި އެއް ގައުމަކަށް އެއް ބޮޑު ހިއްސާއެއް އޮތް ގައުމަކަށް ވާނެ ދިވެހިރާއްޖެ. ވަކި ގައުމެއްގެ މިލްކެއް ނޫން މި ކަނޑަކީ. މި ކަނޑަކީ، މި ކަނޑު ނިސްބަތްވާ ވަށާލެވިފައިވާ ހުރިހާ ގައުމުތަކަކަށް ވެސް ނިސްބަތްވާ ކަނޑެއް. އަދި އެއްވެސް ގައުމަކަށް ނިސްބަތް ނުވާ ސަރަހައްދު ވެސް މާބޮޑު. އަޅުގަނޑުމެންނަކީ ވަރަށް ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން. އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް،" އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވީ ޓެރިޓޯރިއަލް އިންޓެގްރިޓީގެ އަސާސަކީ ޗައިނާއިން ވަރަށް ބޮޑަށް އިހުތިރާމު އަދާކުރާ އަސާސެއް ކަމަށާއި އެތެރޭގެ ކަންކަމަކަށް ޗައިނާއިން އެއްވެސް ވަރަކަށް ނުފޫޒެއް ނުފޯރުވާ ކަމަށެވެ.
ރާއްޖޭގެ އަސްކަރިއްޔާ ވަރުގަދަކޮށް، ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން، ދިވެހިން ސިފައިން ލައްވާ ބެލެހެއްޓުމަކީ ރައީސްގެ އަމާޒެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު