މިދިޔަ ދެތިން އަހަރެއްހާ ދުވަހުގެ ތެރޭގައިވެސް އިދާރީ ހިންގުން ބޮއްސުންލައިގެން ގޮސް، އެތައް ފަހަރަކު މައްސަލަ ހައްލުކުރަން މަސައްކަތް ކުރި ވޮލީ ބޯޅަ އެސޯސިއޭޝަން (ވީއޭއެމް) ގެ ތެރޭގައި އަނެއްކާވެސް އިތުރު، ގަވާއިދުގެ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.
ވީއޭއެމް 2020، 2021، 2022 އަދި 2023 އަހަރުވެސް އަހަރީ އާންމު ޖަލްސާ ބާއްވާފައި ނުވާތީ، އެ އިދާރާ ގާނޫނީ ތަރަހައިން ބޭރުގައި ހިންގަމުން ގޮސްފައިވާ އިރު، މާލީ އެތައް މަންފާއެއް ލިބިވެސް އޮޑިޓް ކޮށް، ފައިސާގެ ތަފްސީލު ގަވާއިދުން ހާމަކޮށްފައެއް ނުވެއެވެ. މުހައްމަދު ރަނޭޝް (ރަނޭ)ގެ ރައީސްކަމުގައި ވީއޭއެމްގެ ހިންގަމުން އައީ އުސޫލުން ބޭރުގައެވެ. އެ ބޮޑު އިދާރީ ހުސްކަމަށް ހައްލު ގެންނަން ވީއޭއެމްއިން އާ އަސާސީ ގަވާއިދެއް ފާސްކުރަން މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން މަސައްކަތް ކުރަމުން އައިސްފައިވެއެވެ. އެ މަސައްކަތުގައި މީޑިއާއަށް "ވަގަށް" އާންމު ބައްދަލުވުންތަކެއްވެސް ބާއްވާފައިވެއެވެ.
ވީއޭއެމްއިން ފުރަތަމަ އަސާސީ ގަވާއިދަށް ގެނައި އިސްލާތުތައް ފުށުއަރާތީ އޭރުގެ ސްޕޯޓްސް ކޮމިޝަނުން އެ އާންމު ޖަލްސާ ބަލައި ނުގަތް ނަމަވެސް، ދާދިފަހުން މިދިޔަ މަހު 15 ގައި ބޭއްވި ވޮލީ އެސޯސިއޭޝަންގެ އާންމު ޖަލްސާފައި ފާސްކުރި އަސާސީ ގަވާއިދު، މިދިޔަ މަހުގެ 19 ވަނަ ދުވަހު ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވަނީ ރަޖިސްޓްރީ ކޮށްދީފައެވެ.
އެފަހަރު ބޭއްވި އާންމު ޖަލްސާގައި އަސާސީ ގަވާއިދަށް ގެނައި ބަދަލާއެކު ، ވޮލީގެ ހިންގާ ކޮމިޓީގައި ހިމެނެނީ، 15 މެމްބަރުންނެވެ. އެއީ، އެކްސް އޮފިޝިއޯ ހަތް މެމްބަރުންނާއި ހިންގާ ކޮމިޓީގެ ހަމެމްބަރުންގެ އިތުރުން ޖެނެރަލް ސެކްރެޓަރީ އާއި ޓްރެޝަރާއެވެ. ހިންގާ ކޮމިޓީގެ، އެކްސް އޮފިޝިއޯ ހަތް މެމްބަރުންނަކީ ރައީސް ހިމެނޭ ގޮތަށް، ދެން ހަ ނައިބު ރައީސް (އެއް ސީނިއާ ނައިބު ރައީސް ހިމެނޭ ގޮތަށް) އެވެ.
ނައިބު ރައީސުންނަކީ، ސީނިއާ ވައިސް ޕްރެޒިޑެންޓް، ވައިސް ޕްރެޒިޑެންޓް، ވައިސް ޕްރެޒިޑެންޓް ވޮލީބޯލް، ވައިސް ޕްރެޒިޑެންޓް ބީޗްވޮލީބޯލް، ވައިސް ޕްރެޒިޑެންޓް އިދާރީ، ވައިސް ޕްރެޒިޑެންޓް އަންހެން މެމްބަރެވެ.
ވޮލީ އެސޯސިއޭޝަނުން އެންމެ ފަހުން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި، އަސާސީ ގަވާއިދު ފާސްކުރުމަށް ފަހު، ދެން ވަނީ ގަރާރެއް ވެސް ފާސްކޮށްފައެވެ. އެއީ މިހާރުގެ އެކްސްކޯ މެމްބަރުން، އާ އަސާސީ ގަވާއިދުގައި ހިމެނޭ މަގާމުތަކަށް "މައިގްރޭޓް" ކުރާ ގަރާރެކެވެ. އެ ގަރާރުގައި މައިގްރޭޓް ކުރި މަގާމުތައް ހިމަނާފައި ނުވާ އިރު، އިންތިބަކުން އަލުން ހޮވަން އުޅެނީ ކޮން މަގާމުތަކަކަށް ކަމެއްވެސް އަދި ޔަގީނެއް ނުވެއެވެ. ވީއޭއެމްގެ ރައީސްގެ މަގާމު ރަނޭ އިސްތިއުފާ ދެއްވާފައިވާ އިރު، އެ މަގާމަށް މީހަކު އިންތިހާބު ވަންދެން، އެސޯސިއޭޝަނުގެ ކަންކަން ހިންގަވާނެ ގޮތަކަށް އަހަން އެކްސްކޯ މީޓިންއެއް ދާދިފަހުން ބާއްވާފައިވާ އިރު، އެ މީޓިން ދިޔައީ ހޫނުކޮށް ކަމަށް "ވަން ސްޕޯޓްސް"އަށް ވަނީ އެނގިފައެވެ.
މަގާމުތަކަށް މައިގްރޭޓް ކުރި މެމްބަރުންގެ ތެރެއިން، ބީޗްވޮލީ ބޯޅައިގެ ނައިބު ރައީސް، އަބްދުﷲ ނަޝީދު (އަބުޅޯ)އާ އެސޯސިއޭޝަންގެ އިންތިހާބާ ހަމައަށް ދިއުމަށް ދަންދެން ކަންކަން ކުރުމުގެ ޒިންމާ މިހާރު ހަވާލުކޮށްފައިވާ އިރު، އެ ނިންމުމަށް އެސޯސިއޭޝަނުން 2021 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ނައިބު ރައީސަކަށް އިންތިހާބުވެފައިވާ އަޝްރަފް އަލީ (އަޝްރާ) އަށް ކަމަކު ނުދިޔައެވެ. އެހެންކަމުން އެ އެކްސްކޯ ބައްދަލުވުމުގައި ބައިވެރިވިވެ ވަޑައިގެން އިންނެވުމަށްފަހު އަޝްރާ ވަނީ ޖަލްސާ ދޫކޮށްލައްވާފައެވެ.
އެ މައްސަލަތައް ހޫނުވެ، ވީއޭއެމްއިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހިންގާ ކޮމިޓީން ހުސްވެފައިވާ މަގާމުތަކަށް މެމްބަރުން އައްޔަންކުރުމަށް، މިމަހުގެ 15 ވަނަ ދުވަހު އިންތިހާބެއް ބާއްވާނެ ކަމަށެވެ. އެހެން ނަމަވެސް، އެ މަގާމުތައް އަދިވެސް ހާމަކޮށްފައެއް ނުވެއެވެ. ވީއޭއެމްގެ ކަންކަން އަނެއްކާވެސް އުނދަގޫ ހާލަތަކަށް ގޮސްފައިވާ އިރު، ވޮލީގެ މައްސަލައަށް ހައްލެއް އަންނަން އޮތީ އޮޑިޓްވެސް ފުރިހަމަކޮށް، ގާނޫނީ އިމަށް އެސޯސިއޭޝަން ފެތިގެންނެވެ.
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން