ޗައިނާއިން ރާއްޖެއަށް 12 ގްރީން އެމްބިއުލާންސް ހަދިޔާކޮށްފިއެވެ.
ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި އެ 12 ގްރީން އެމްބިއުލާންސް ހެލްތު މިނިސްޓްރީއަށް ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ މިނިސްޓްރީގައި ބާއްވައިފައެވެ. އެ ރަސްމިއްޔާތު ޝަރަފުކޮށްދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ.
ހެލްތު މިނިސްޓްރީގެ ފަރާތުން އެ 12 ގްރީން އެމްބިއުލާންސްއާ ހަވާލުވެވަޑައިގަތީ ސްޓޭޓް މިނިސްޓަރު ހަދީޖާ އަބްދުއްސަމަދު އަބްދުﷲ އެވެ. ޗައިނާގެ އެމްބަސީގެ ފަރާތުން އެތަކެތި ރާއްޖެއަށް ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވަން ލިޒިންއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު ހަދީޖާ ވިދާޅުވީ، ގްރީން އެމްބިއުލާންސްތައް ހަދިޔާ ކުރެއްވީތީ ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ޗައިނާއަކީ ކޮންމެ ހާލަތެއްގައި ވެސް ރާއްޖެއަށް އެހީވާ ގައުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީން ބުނީ އެ 12 ގްރީން އެމްބިއުލާންސްތަކާއެކު ކާރިސާގެ ވަގުތުތަކުގައާއި އެމެޖެންސީ އަދި އެކްސިޑެންޓުގައި އަނިޔާވާ މީހުންނަށް ފޯރުކޮށްދޭންޖެހޭ ސިއްހީ ކުއްލި ފަރުވާ ރަށްތަކުގައި އަވަހަށް ފޯރުކޮށްދެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު