ކުރިއަށްއޮތް ރަމަޟާން މަހުގައި ކަރަންޓާއި ފެން ބިލު ހުންނާނީ އެހެން މަސްތަކުގައި ވެސް ހުންނަ ވަރުގައި ކަމަށާއި އެއަށްވުރެ ބިލު ބޮޑުނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އޭދަފުއްޓަށް ވަޑައިގެން، މިރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރޯދަމަހުގައި އާންމުކޮށް ކަރަންޓާއި ފެން ބިލު ވަރަށް ބޮޑުވާ ކަމަށާއި ނަމަވެސް މިފަހަރު އެހެނެއް ނުވާނެ ކަމަށެވެ.

"އާންމު މަހެއްގައި އެ ހުންނަ ރޭޓުގައި ކެޕްކޮށްފައި، މާނައަކީ އެއަށްވުރެ މައްޗަކަށް ނުދާނެއޭ، އާންމު މަހެއްގައި ހުންނަ ވަރަށް ރަމަޟާން މަހު ކަރަންޓު ބިލާއި ފެން ބިލު ހުންނާނީ. މިހާރު ފެނަކަ އާއި ސްޓެލްކޯގައި އަޅުގަނޑު ދަންނަވާފައިވާނެ، އެމްޑަބްލިޔުއެސްސީއަށް ވެސް ދަންވާފައިވާނެ އަދި އެ ތިން ކުންފުނީގެ ވެރިން ވެސް އަޅުގަނޑަށް އެކަމުގެ ޔަގީންކަން ދެއްވައިފި،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކިތަންމެ ލޯޑު ބޮޑުވިޔަސް، ރައްޔިތުންގެ އަތުން ކަރަންޓާއި ފެން ބިލުން އިތުރު އެއްޗެއް ނުނަގާނެ ކަމަށާއި އެއީ ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ. އަދި ސްޓެލްކޯ އިން ފެނުގެ ހިދުމަތްދޭ ރަށްތަކުން ނަގާ 30 ރުފިޔާގެ ފީ ވެސް އަންނަ މަހުން ފެށިގެން އުވާލެއްވުމަށް ނިންމަވާފައިވާކަން އެމަނިކުފާނު އިއުލާންކުރެއްވިއެވެ.

"ދެން ސްޓެލްކޯ އެމްޑީ އަޅުގަނޑު ގާތު ދެންނެވި އެބޭފުޅުން ފެނުގެ ހިދުމަތްދޭ ހައެއްކަ ރަށް ރާއްޖޭގައި އޮންނާނެ، އެ ރަށްތަކުން މިހާތަނަށް ނަގަމުން އަންނާނެ 30 ރުފިޔާގެ ޗާޖެއް. އެ 30 ރުފިޔާގެ ޗާޖު ވެސް އެބޭފުޅުން ފެނުގެ ހިދުމަތްދޭ އެ މަދު ރަށްތަކުން އުވާލަން ނިންމައި، އެކަން ވެސް އިއުލާންކުރާށޭ. އެހެންވީމާ އަޅުގަނޑު އެކަން ވެސް މިރޭ އިއުލާންކުރަން، މި އަންނަ މަހުން ފެށިގެން އެކަން ވެސް އުވާލެވިގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެފަދަ ލުއިތައް ރައްޔިތުންނަށް ދެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފާވެރިކަމެއް ކަމަށާއި އިގުތިސާދީ ހާލަތާއެކު ރައްޔިތުން ވެސް ތިބީ ވަރަށް ހާލުގައި ކަމަށެވެ. އަދި ސަރުކާރުން މަސައްކަތްކުރަނީ އިގުތިސާދުގައި ބުންވަރު ޖައްސަމުން، ރައްޔިތުންނަށް ލުއިތައް ދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.