ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވާތީ އަންނަ މަހުގެ 21 އަދި 22 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރައީސް އޮފީހުގައި އެދިއްޖެއެވެ.

މަޖިލިސް އިންތިހާބު ރޯދަމަހުގެ ފަހުން ބާއްވަން މަޖިލީހުން ފާސްކުރި ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ހުކުރު ދުވަހު ތަސްދީގުކުރައްވައިފިއެވެ. ރައީސް އެ ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން، އީސީން ވަނީ އެ ރޭ ބައްދަލުވުމެއް ބާއްވައި، މަޖިލިސް އިންތިހާބު އަންނަ މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފައެވެ.

އީސީން މިއަދު ނެރެނު ނޫސްބަޔާނެއްގައި "އިންތިހާބުތަކާބެހޭ އާންމު ގާނޫނު"އަށް ގެނައި އިސްލާހުގައިވާ ގޮތުން، އިންތިހާބު ބާއްވަންޖެހޭ ތާރީހު ރޯދަމަހަކާ ދިމާވާނަމަ، އެ އިންތިހާބެއް ބާއްވަންވާނީ ރޯދަ މަސް ނިމި 10 ދުވަސް ފަހުން ކަމަށެވެ. މިމަހުގެ 11 ނުވަތަ 12 ވަނަ ދުވަހަކީ ރޯދަމަހުގެ ފުރަތަމަ ދުވަހަށް ވުމުގެ އިހުތިމާލު އޮތުމުންނާއި "އިންތިހާބުތަކާބެހޭ އާންމު ގާނޫނު" ރިއާޔަތްކުރާއިރު މަޖިލިސް އިންތިހާބު ބޭއްވޭނެ އެންމެ އަވަސް ތާރީހަކީ އަންނަ މަހުގެ 21 ވަނަ ދުވަސް ކަމަށެވެ.

"އިންތިހާބެއް އޮންނަ ކޮންމެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި މިހާތަނަށް ބޭއްވުނު ހުރިހާ އިންތިހާބެއްގައި ވެސް ހަމަޖެހިގެންދިއުމާއެކު 2024 އެޕްރީލް 21 ވާ އާދިއްތަ ދުވަހާއި އެޕްރީލް 22 ވާ ހޯމަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވައިދެއްވުން އެދި މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވާނީ ދެންނެވިފަ" އީސީން ބުންޏެވެ.

މަޖިލިސް އިންތިހާބު އެޕްރީލް މަހުގެ 22 ވާ އާދިއްތަ ދުވަހު ބާއްވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް މުއިއްޒު ރ. އަތޮޅާއި ބ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ދުވާފަރަށް މިއަދު ވަޑައިގެން، ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އަންނަ މަހުގެ 21 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބާއްވަން ޖެހުނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ކަމަށެވެ. އަދި އެ ދުވަސް ދިމާވަނީ އާދިއްތަ ދުވަހަކަށް ކަމަށާއި އެކަން އެމަނިކުފާނަށް އެނގިވަޑައިގަތީ ނޫސްތަކުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނަ ދުވަސް ރަސްމީ ބަންދު ނޫން ދުވަހަކަށް ހަދާފައިވަނީ އެމަނިކުފާނުގެ ނުފޫޒުން، ރައްޔިތުން ވޯޓުލިޔަ ނުދިނުމަށް ކަމަށް ތުހުމަތުކުރަމުންދާ ކަމަށެވެ. ނަމަވެސް އެގޮތަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރިޔަސް، އެއީ ހަގީގަތެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

"ދެން އަޅުގަނޑު އިލެކްޝަންސް ކޮމިޝަންގައި އަހައިފިން ހިކިނެއްހާ މިވަނީ. އެބޭފުޅުން ވިދާޅުވަނީ ރައްޔިތުން މަޖިލީހުން ގާނޫނު ފާސްކުރި ގޮތުން ތިމަންނަމެންނަށް ބޭއްވެން އޮތް ދުވަހަކީ އެޔޭ. ރޯދަ މަސް ނިމިގެން ދިހަ ދުވަސް ހަމަވަނީ އާދިއްތަ ދުވަހަށް. އެ ބޭފުޅުން އާދިއްތަ ދުވަހަށް ހެދީ ގާނޫނުގައި އޮތް ގޮތްވީމަ، އަޅުގަނޑާ މަޝްވަރާ ކުރުމަށްފަހުއެއް ނޫން. ދެން އަޅުގަނޑު ދަންނަވާފައި އޮންނާނީ ތިބޭފުޅުން ތިގޮތަށް ނިންމައި އިއުލާން ކޮށްފައޭ ތިއޮތީ، ދެން އެހެންވީމަ އަޅުގަނޑު އެ ދުވަސް ބަންދު ކުރާނަމޭ." ރައީސް ވިދާޅުވިއެވެ.

އެގޮތަށް ނިންމަވާފައި ވަނިކޮށް، ރައްޔިތުން ވޯޓުލުން މަދު ކުރުވަން ވެގެން އާދިއްތަ ދުވަހު އިންތިހާބު ބާއްވައި އެ ދުވަސް ބަންދު ނުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެ ހެއްދެވީ މުޅިން ދޮގު ކަމަށް ރައީސް ވިދާޅުވިއެވެ.