ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ތެރެއިން 2022 ވަނަ އަހަރު ހިންގި ހިޔާނާތުގެ މައްސަލައިގައި ތިން މުވައްޒަފެއްގެ އަމިއްލަ އެކައުންޓުތަކަށް ޖުމުލަ 14 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒު ވިދާޅުވީ އާރުޑީސީގެ ތެރޭގައި ހިންގި ހިޔާނާތުގެ ތެރޭގައި އެ ތިން މުވައްޒަފުގެ އިތުރުން ވެސް އާރުޑީސީގެ 15 މުވައްޒަފަކު ހިމެނޭ ކަމަށް ބެލެވޭ ކަމަށެވެ.

"އެކެއްގެ އެކައުންޓަށް 219 ޓްރާންސެކްޝަން ހެދިފައި ހުރިކަން އެބަ އެނގޭ، އެ އެކައުންޓުތަކަށް ފައިސާ ޖަމާކޮށްފައި ހުރި ގޮތް އެއީ ހޯދަންޖެހޭ ކަމެއް، ކޮންމެ ޓްރާންސެކްޝަނެއްގެ މައުލޫމާތު ވަކި ވަކިން ހޯދާ އެމީހުންނާއި ސުވާލުކުރަންޖެހޭ، ސަރުކާރުގެ އިސް ފަރާތްތަކުގެ ކުންފުނިތަކާއި އެކައުންޓުތަކަށް އާރުޑީސީގެ ފައިސާ ޖަމާވެފައިވޭ، އެކެއްގެ އެކައުންޓަށް އެބަހުރި އެކި ފަހަރު މަތިން 11 މިލިއަން ރުފިޔާ ވަދެފައި" ނާފިޒް ވިދާޅުވިއެވެ.

ނާފިޒު ވިދާޅުވީ މައްސަލައިގެ ތަހުގީގުގެ ތެރެއިން އާރުޑީސީއާ ގާތް ގުޅުމެއް އޮންނަ މީހެއްގެ ވިޔަފާރި އެކައުންޓަށް ފައިސާ ޖަމާވިކަން ފާހަގަކުރެވުނު ކަމަށެވެ. އެގޮތުން އެ ވިޔަފާރި އެކައުންޓަށް 392،000 ރުފިޔާ ޖަމާވެފައިވާ ކަމަށެވެ.

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑު ސްޕްރިންޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ އާރުޑީސީގެ އެ ހިޔާނާތުގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. އެ މައްސަލަ ފުލުހަށް ހުށަހެޅުމާއެކު އެކަމާ ގުޅިގެން ސާފުކުރަން ޖެހޭ މައުލޫމާތު އަދި އެކަމާ ގުޅުންހުރި ޓެކްނިކަލް މަސައްކަތްތައް ދަނީ ކުރަމުން ކަމަށެވެ.

"މައްސަލައިގެ ތެރޭގަ ކަންކަން ހިނގާފަ ހުރި ގޮތް އަޅުގަނޑުމެންނަށް ސާފުވަމުން މިދަނީ. އެގޮތުން ކުރިން ދެންނެވި ގޮތަށް އާރުޑީސީގެ ބައެއް ސްޓާފުންގެ އެކައުންޓުތަކަށް އާރުޑީސީގެ ފައިސާތައް ގޮސްފަ ހުރިކަން އަޅުގަނޑުމެންނަށް މިހާތަނަށް ތަހުގީގުތަކުން ވަނީ ހޯދިފަ. އެކަމަކު އެ ފައިސާ އެއީ ކޮން ގޮތަކަށް ކިހިނެއްކަން ގޮސްފަ ހުރި ފައިސާތަކެއްކަން އަދި އަޅުގަނޑުމެންނަށް ޔަގީނާ ގާތަށް ބުނަން ތަންކޮޅެއް އުނދަގޫ،" އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ތެރެއިން އާރުޑީސީގެ ފައިސާ ޖަމާވި އެއް ފަރާތުގެ އެކައުންޓުން 216 ވަރަށް ޓްރާންސެކްޝަން ހަދާފައިވާކަން ފާހަގަވެފައިވާ ކަމަށެވެ. އެއިން ކޮންމެ ޓްރާންސެކްޝަނެއްގެ ތެރޭގައި ވަރަށް ގިނަ މީހުންނާ ގުޅުންހުރި ޓްރާންސެކްޝަންތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހުރިހާ މައުލޫމާތަކީ ވަކިވަކިން ހޯދަން ޖެހޭނެ މައުލޫމާތުތަކެއް ކަމަށެވެ. އެހެންވެ މި މައްސަލަ ތަހުގީގު ކުރުމުގައި އުނދަގޫތަކެއް އެބަހުރި ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އާރުޑީސީގެ ފައިސާ އެއިރުގެ ސަރުކާރުގެ އިސް ފަރާތްތަކުގެ އެކައުންޓުތަކަށާއި އެ ފަރާތްތަކާ ގުޅުންހުރި ވިޔަފާރިތަކުގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް ވެސް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ. އެ މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.