"ހަވީރު" ނޫހާއި ލޯމާފާނު ޕްރިންޓްގައި އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަންގެ އެއްވެސް ހިއްސާއެއް ނެތް ކަމަށާއި އަދި އެ ދެ ތަނުން ލިބުނު ނަފާގެ އެއްވެސް މިންވަރެއް ދޭން ނުޖެހޭ ކަމަށް ސިވިލް ކޯޓުން 2014 ވަނަ އަހަރު ކުރި ހުކުމަށް ތާއީދުކޮށް، މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމް ބާތިލް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ ދުވަހު ނޫސް "ހަވީރު" ނެރުމަށާއި "ހަވީރު"ގެ ޗާޕުހާނާ، ވިޔަފާރީގެ ގޮތުން ހިންގުމަށްޓަކައި އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުالله ފާރޫހު ހަސަން އާއި މުހައްމަދު ޒާހިރު ހުސައިން އަދި މުހައްމަދު ނައީމްގެ މެދުގައި 31 މާޗް 1983 ވަނަ ދުވަހު "ހަވީރު ނޫސް އެޖެންސީ" އުފެއްދުމަށް ވެފައިވާ ފައުންޑަރުންގެ އެއްބަސްވުމާ ހިލާފަށް، މުހައްމަދު ޒާހިރު ހުސައިން އަމަލުކޮށްފައިވާ ކަމަށް ބުނެ، މި މައްސަލައިގައި ކޯޓުން ހުކުމެއް ކުރުމާ ހަމައަށް، "ހަވީރު ނޫސް އެޖެންސީ" އަށާއި "ހަވީރު" ދުވަހު ނޫހަށާއި ޗާޕުހާނާއަށް ލިބިފައިވާ ފައިދާގެ ތެރެއިން އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުالله ފާރޫގު ހަސަނާ ދެ މީހުންކުރެ ކޮންމެ މީހަކަށް ހަތަރުބައިކުޅަ އެއްބައި (25 އިންސައްތަ) ނަގައިދިނުމަށާއި އެ މީހުންނަށްވާ ހިއްސާގެ މިލްކުވެރިކަމުގެ ހައްގު ރައްކާތެރިކޮށްދީ، ނިގުޅައިގަނެވިފައިވާ ކަމަށް ބުނާ މި ދެ މީހުންގެ ހައްގު އަނބުރާ ލިބިދިނުން އެދި، އެ ދެ މީހުންގެ ފަަރާތުން ޒާހިރު ހުސައިންގެ މައްޗަށް ސިވިލް ކޯޓުގައި ކުރި ދައުވާއެކެވެ.

އެ މައްސަލަ ބެލުމަށްފަހު 2014 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ، ހަވީރު ނޫހާއި ޗާޕުހާނާއަކީ 1983ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އުފެއްދި، ހިންގަމުން އައިސްފައިވާ ތަންތަންކަން ސާބިތުނުވާ ކަމަށެވެ.

އެހެންކަމުން އެ ދެ ތަނުގައި އިބްރާހިމް ރަޝީދު މޫސާ އާއި ފާރޫގުގެ ހިއްސާއެއްވާ ކަމަށް ބެލެވޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށްވެސް ބުނެފައިވެއެވެ. އެކަން އެގޮތުގައި އޮތުމުން ހަވީރު ނޫހާއި ޗާޕުހާނާ ހިންގައިގެން ލިބިފައިވާ ނަފާއިން އެ ދެ މީހުންނަށް އެއްވެސް މިންވަރެއް ދިނުމަށް ޒާހިރު ހުސެއިންގެ މައްޗަށް އަމުރު ކުރާނެ ތަނެއް ނެތް ކަމަށްވެސް ހުކުމުގައިވެއެވެ.

ސިވިލް ކޯޓުން ކުރި ހުކުމާމެދު ހިތްހަމަނުޖެހިގެން، އިބްރާހިމް ރަޝީދު މޫސާ އާއި ފާރޫގުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލަ ބަލައި 25 އޯގަސްޓް 2015 ގައި ހައިކޯޓުން ކުރި ހުކުމުގައި ވަނީ، ސިވިލް ކޯޓުން ކުރި ހުކުމް ބާތިލުކޮށްފައެވެ.

ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ 31 މާޗް 1983ގެ އެ އެއްބަސްވުމަކީ މިހާރުވެސް ވުޖޫދުގައި އޮތް އެއްބަސްވުމެއް ކަމަށާއި އެ އެއްބަސްވުމާ އެއްގޮތަށް ޒާހިރު ހުސެއިންގެ ފަރާތުން އަމަލުކޮށްފައިނުވާކަން އެނގޭ ކަމަށެވެ. އެހެންކަމުން އެ އެއްބަސްވުމުގެ ދަށުން އުފައްދާފައިވާ ހަވީރު ނޫސް އެޖެންސީ އާއި އެ އެޖެންސީގެ ދަށަށް ބަދަލުކުރެވި، އެ އެޖެންސީން ހިންގަމުންދިޔަ ތަންތަނާއި ތަކެތީގެ މިލްކުވެރި ފަރާތަކީ އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ހަވީރު ނޫސް އެޖެންސީގެ ފައުންޑާ މެމްބަރުންކަން ސާބިތުވާ ކަމަށް ކަނޑައަޅާ ކަމަށް ބުނެފައިވެއެވެ.

އެ އެއްބަސްވުމުގައި ބުނެފައިވާ ގޮތުގެމަތިން އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުالله ފާރޫގާ ދެ މީހުން ކުރެ ކޮންމެ މީހަކަށް "ހަވީރު" ނޫސް އެޖެންސީ އާއި އެތަނުގެ މިލްކުގައިވާ ހުރިހާ ފައިސާއަކާއި މުދަލުގެ 25 ޕަސެންޓް ހިއްސާ ލިބިގެންވާކަން ޝަރީއަތަށް ސާބިތުވާތީ، އެ ތަންތަނުން ލިބިފައިވާ ޖުމުލަ އާމްދަނީން ލިބިފައިވާ ފައިދާގެ ތެރެއިން އެ ދެ މީހުންނަށް ލިބެންވާ މިންވަރާއި އަދަދު ކަނޑައެޅުމަށް، އެ މައްސަލަ ދަށު ކޯޓަށް ހުށަހެޅުމުގެ ހައްގު އެ ފަރާތްތަކަށް ލިބިގެންވާ ކަމަށް ހުކުމް ކުރާ ކަމަށްވެސް ހައިކޯޓުގެ ހުކުމުގައިވެއެވެ.

މި މައްސަލަ ޒާހިރު ހުސެއިންގެ ފަރާތުން ސުޕްރީމް ކޯޓުގެ އިސްތިއުނާފަށް ފުރަތަމަ ހުށަހެޅުމުން 2019 ވަނަ އަހަރު އެ ކޯޓުން ނިންމާފައިވަނީ އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ޑރ. ޒާހިރަށް ދޭން ނުޖެހޭ ކަމަށެވެ. ނަމަވެސް އެ ނިންމުން އަލުން މުރާޖައާކުރުމަށް އެދި ޑރ. ޒާހިރުގެ ފަރާތުން ދެވަނަ ފަހަރަށް ސުޕްރީމް ކޯޓުގައި އެދުނެވެ. އެ ނިންމުން މުރާޖައާ ކުރުމަށްފަހު، އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ޑރ. ޒާހިރަށް ލިބިގެންވާ ކަމަަށް 13 ޖޫން 2022 ގައި ސުޕްރީމް ކޯޓުން ނިންމިއެވެ.

އެކަމާ ގުޅިގެން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވަމުން ޑރ. ޒާހިރުގެ ގާނޫނީ ވަކީލު އަހުމަދު މުއިއްޒު ވިދާޅުވީ، ހަވީރު ނޫސް އެޖެންސީގެ މިލްކުވެރިކަމުގެ މައްޗަށް ހަވީރު ނޫހާއި ޗާޕުހާނާ ފުރޮޅިގެންދިޔަ ގޮތް އެ ދައުވާގައި ބަޔާންކޮށްދެވިފައިނުވާ ކަމަށެވެ. އެއީ ވަރަށް ބޮޑު ގާނޫނީ ސުވާލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަވީރު ނޫހަކީ ޒާހިރު ހުސެއިންގެ މަސްއޫލުވެރިކަމުގެ ދަށުގައި 27 ޑިސެމްބަރު 1975 ގައި ރަޖިސްޓްރީކޮށް 1 ޖެނުއަރީ 1979 ގައި ނެރެން ފެށި ނޫހެއް ކަމަށާއި އެއީ ޒާހިރު ހަރަދު ކުރައްވައިގެން ހިންގެވި ނޫހެއް ކަމަށާއި އެކަމުގައި އިބްރާހިމް ރަޝީދު މޫސާ އާއި ފާރޫގު ހަސަންގެ އެއްވެސް ހިއްސާއެއް ނޯންނާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އެކަން ސާބިތުކުރުމަށް މުއިއްޒު ވަނީ ގާނޫނީ ގިނަ ނުކުތާތަކެއް ފާހަގަކުރައްވައިފައެވެ.

މި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ، މި މައްސަލަ ހައިކޯޓުން ނިންމާފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމަށް ބެލެވޭނެ ހަމައެއް ނެތް ކަމަށެވެ. އެހެންކަމުން ހައިކޯޓުގެ ހުކުމް ބާތިލުކަމަށް ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރު، އާއިޝާ ޝުޖޫންގެ ރައުޔަށް ދެން ތިއްބެވި ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު މުހައްމަދު އިބްރާހިމް ދީދީވަނީ ތާއީދު ކުރައްވައިފައެވެ.