ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ނިންމާފައިވާ އޭޕްރިލް 21 ވަނަ ދުވަހަކީ ސްކޫލްތަކުގައި އިމްތިހާން ކުރިއަށްދާނެ ދުވަސްވަރަކަށްވާތީ އެކަމަށް ހައްލެއް ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

މަޖިލިސް އިންތިހާބު މާޗް 17 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނިކޮށް، ރޯދަ މަހު އިންތިހާބުތައް ނުބޭއްވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން އިންތިހާބާ ބެހޭ ގާނޫނު ވަނީ އިސްލާހުކޮށްފައެވެ.

އެ ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމުން، އީސީން ނިންމީ އިންތިހާބު އެޕްރީލް 21 ގައި ބާއްވާށެވެ. ނަމަވެސް އެ ތާރީހަކީ ގްރޭޑް 7،8 އަދި 9ގެ ދަރިވަރުންގެ ދެވަނަ ޓާމުގެ އިމްތިހާން ބާއްވަން ނިންމާފައިވާ ދުވަހެކެވެ.

އެކަމާ ގުޅޭ ގޮތުން "ވަން" އިން ސުވާލުކުރުމުން އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، އެކަމަށް ހައްލެއް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން ރައީސް އޮފީހާއި ޕްލޭނިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ފުއާދު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން އެޕްރީލް 21 ވާ އާދީއްތަ ދުވަހު މަޖިލީހުގެ އިންތިހާބު ބާއްވަން ނިންމީ، އެއަށް ވުރެން ލަސްކޮށްފި ނަމަ މިހާރުގެ މަޖިލިސް އުވުމުގެ އެއް މަސް ކުރިން އިންތިހާބު ނުބޭއްވި ގާނޫނާ ހިލާފުވެދާނެ ކަމަށް ފެންނާތީއެވެ.