ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ގަދަ 8 ޓީމާ ހަމައަށް އައިސްފިއެވެ. ރަށު ފޯރި، އަތޮޅު ފޯރި ކުރިން އަހަރުތަކަށްވުރެވެސް މާ ބޮޑެވެ. އެ މަންޒަރު މިހާތަނަށް ފެނުނު އިރު، ގަދަ 16 ގެ ނަތީޖާތައްވެސް ތަފާތެވެ. ނޭވާ ހިފަހައްޓާލަން ޖެހެނު އެތައް ވަގުތެއް އައެވެ. އަށް މެޗުގެ ތެރެއިން ހަތަރު މެޗެއްގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީއަށް ނުކުތް ކީޕަރުންގެ ތަފާތުވެސް ފާހަގަވިއެވެ. ފުރިހަމަ ފޯރިއެއް ގަދަ 16 އިން ފެނި، ގަދަ އަށަކަށް ކުރެވޭ އިންތިޒާރު ވަނީ ބޮޑުވެފައެވެ.

ގަދަ އަށެއްގެ ކުރިމަތިލުމަކީ ތާރީހީ ފިޔަވަޅަކަށް، ރަށުގެ ޝަރަފަށް ކޮންމެހެން މޮޅުވާން ޖެހިފައި އޮންނަ ކުރިމަތިލުމެކެވެ. މުޅި ރާއްޖޭގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނުމަށް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލެއް ކުޅެލުން އެއީ ބޭނުންތެރިކަމަކަށްވީ އިރު، އެ ޝަރަފު ހޯދަން ކޮންމެ ރަށަކުންވެސް ބޭނުންވާނެކަން ޔަގީނެވެ. އެތައް ރައްޔިތުންނެއް އެތިބީ އެކަމަށް އެދިއެދިވެސް މެއެވެ. ސެމީން ނޫން ގޮތަކަށް ގިނަ ރައްޔިތުންނަކަށް ނުފުދޭނެއެވެ.

މާދަމާ ރޭ ފަށާ ކުއާޓާ ފައިނަލް މެޗުތަކަށް ނަޒަރު ހިންގާލަމާ ހިނގާށެވެ.

ގަމުގެ ވާހަކަ މާ ގިނައިން ދައްކާކަށްވެސް ނުޖެހޭނެތާއެވެ. އެއީ އެންމެފަހުގެ ޗެމްޕިއަނުންނެވެ. މޭމަތީގައި ރަން ބެޖު ޖަހައި، އެކަން އެދަނީ ސާބިތުވެސް ކޮށްދެމުންނެވެ. ގަމަށް ގަދަ 16 ވެގެން ދިޔައީ އުނދަގޫ މޮޅަކަށެވެ. ހދ. ނައިވާދޫ ކައިރިން އެޓީމަށް ނަތީޖާ ނެރެން އުނދަގޫވިއެވެ. އެހެން ނަމަވެސް އަނެއްކާވެސް ތަފާތަކަށްވީ އެޓީމުގެ ތައްޔާރީއެވެ. ޕެނަލްޓީއަށް ނުކުމެ، މެޗު ނެގީ ޔަގީންކަމާ އެކުގައެވެ. ޕެނަލްޓީއަށް ނުކުތް ގޯލްކީޕަރު މުހައްމަދު ހުޝާމްގެ ތަފާތު ފެނިގެން ދިޔަ އިރު، އަލީ ޝާމިސް (ތޮއްޕެ)ގެ މަސައްކަތްވެސް މެޗުގައި ފެނިގެން ދިޔައެވެ. މެޗުގެ ފެވަރިޓަކީ ގަން ނަމަވެސް، މަތިވެރި ދަށްކޮށް ނުލެވޭނެއެވެ.

މަތިވެރިން ކުއާޓާ ޔަގީންކުރީ ފ. ބިލެއްދޫ 2-0 އިން ބަލިކޮށްފައެވެ. އެ މެޗުގައިވެސް މަތިވެރީގެ ގޯލްކީޕަރު މުހައްމަދު އިމްރާން މޮޅަށް ކުޅެ ތަފާތު ދެއްކިއެވެ. ކުރިން ގައުމީ ޓީމަށްވެސް ކުޅުނު އިމްރާން، މީގެ ކުރިން އެ ރަށު ޓީމުގެ ފޯވަޑަކަށްވެސް ކުޅުނެވެ. މިފަހަރު ކީޕަރަށް ނުކުމެ، އޭނާގެ ސީދާ މަގާމުގައި ފެނިގެން ދިޔުން އެއީ ބޮޑު ހިތްވަރަކަށްވާނެއެވެ. މިއީ މަތިވެރިން ސެމީގެ ފުރުސަތަށް، ކުއާޓާގައި ކުޅޭ ފުރަތަމަ ފަހަރެވެ.

ވިލިމާލެ ގަދަ 16 ގައި ރ. ދުވާފަރު ކަޓުވާލީ ޕެނަލްޓީގައެވެ. އެޓީމުގެ ގޯލްކީޕަރު، ކުރިން ގައުމީ ފުޓުބޯޅަ ޓީމުގެ ސްކޮޑުގައިވެސް ހިމެނޭ ތޮލާލް ހަސަން (ޓޮޕްލަކް) ޕެނަލްޓީގައި ތަފާތު ދެއްކިއެވެ. ސްކޮޑަށް ބަލާއިރު ވިލިމާލެއަކީ އެންމެ ވަރުގަދަ ނަންތައް ހިމެނޭ އެއް ސްކޮޑެވެ. އެޓީމުގެ ކުރިއެރުމުގައި އެ ކުޅުންތެރިންގެ ހިއްސާ ވަރަށް ބޮޑުވެސް މެއެވެ. އަބްދުﷲ ޝައްފާން (ޝާކާ)އާއި އިސްމާއީލް ވަޖީހު (ވައްޖެ)ގެ އިތުރުން ޓީމުގެ ކެޕްޓަން އަލީ ޝިޔާހްގެ ނަން ފުޓްސަލްގެ ތެރޭގައި އިތުރު ތައާރަފަކަށް ބޭނުމެއް ނުވާނެއެވެ. ޔަގީނުންވެސް ވިލިމާލެ ބަލިކުރަން ހިތަދުއަށް އުނދަގޫވާނެއެވެ.

އައްޑޫގެ ރަސްކަމާއެކު ހިތަދޫން މިފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި ކުރަމުންދާ ދަތުރަކީ ތާރީހީ ދަތުރެކެވެ. އަލަށް މުބާރާތުގައި ވާދަކޮށް، އަތޮޅު ތަށްޓާއި ޒޯން ތަށި ހިތަދޫން ކާމިޔާބުކޮށްފައިވާ އިރު، އެޓީމުގެ ތަރިން ދަނީ ފިޔަޖަހަމުންނެވެ. ކެޕްޓަން ހާޒިމް ފައުޒީ އައްޑޫގައި ދައްކަމުން އައި ފޯމު، މުޅި ރާއްޖެއަށް ދައްކުވާލައިފިއެވެ. ހަސަން ރާއިފް (ހަންނަ) ފަދަ ތަރިންނާއެކު ހިތަދޫ އޮތީ ފުޓްސަލްގެ ބޮޑު ނަމަކަށް ވާން ތައްޔާރަށެވެ. އެ ފިޔަވަޅަށް ކެތްމަދުވެފައެވެ.

މިއީ ކުއާޓާ ފައިނަލްގެ އެންމެ ފޯރިގަދަ ކުރިމަތިލުމުގެ ގޮތުގައި ބުނެވިދާނެއެވެ. މިދިޔަ ދެތިން އަހަރު މުބާރާތުގެ ކާމިޔާބީތަކަށް ބަލާ އިރު، ދެޓީމަކީވެސް ގަދަ ދެ ބާރެވެ. ކުޑަހުވަދޫ މިދިޔަ އަހަރުގެ ސެމީގައި ކުޅެ، މާޔޫސްވާން ޖެހުނު އިރު، އޭގެ ކުރީ އަހަރު ގާފަރު ވަނީ ފައިނަލަށް ގޮސް، ހިތްދަތިކޮށް ބަލިވެފައެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށްޓަކަށް ދެ ރަށުންވެސް ތަފާތު ބޮޑު އިންތިޒާރެއް ކުރަމުންދާ އިރު، މިއީ އެ ފުރުސަތެވެ. ތާރީހުގައި ނަން ލިޔެލަން، މާދަމާ ރޭގެ ކުއާޓާ މެޗު ދެޓީމަށްވެސް އިންތިހާއަށް މުހިންމެވެ.

އަބްދުލް މުގުސިތު ގަދަ 16 ގައި ކުޑަހުވަދޫން ވިދާލި އިރު، ޓީމުގެ އެންމެ މުހިންމު ރޯލުން އަދިވެސް ފެންނަނީ ޖުމައިލް ޖަމީލް (ޖުމްބެ) އެވެ. ޒޯންގެ އެވޯޑުތައް ނަގައި ޖުމްބެ ފޯމު ރަނގަޅު ކޮށްލި އިރު، މުހައްމަދު އަރީޝްއާއި ހާރޫން އިބްރާހީމް (ހާންޑޯ) ފަދަ ކުޅުންތެރިން ކުޑަހުވަދުއަށް އުންމީދު ގެނެސްދެއެވެ.

އަނެއްކޮޅުން ގާފަރުގެ ސްކޮޑުގައިވެސް ބަލި އެއްވެސް މަގާމެއް ނެތެވެ. ޝަނާން ރަޝީދުގެ ގޯލުތައް ގިނަކޮށް ފެންނަމުންދާ އިރު، އަލީ މާއިސް (މައްޓު) އަދިވެސް ހުރީ އެންމެ މަތީ ފަންތީގައެވެ. ސާމިން މުހައްމަދު ނަސީރާއި އިބްރާހީމް ރިމާހް ފަދަ ކުޅުންތެރިންނާއެކު ފެންވަރު ތަފާތުވާ އިރު، ޕެނަލްޓީއަށް ނެރޭ އެންމެ މުހިންމު ކުޅުންތެރިޔާ، ގޯލްކީޕަރު މުހައްމަދު ސަމްއާންވެސް ޓީމަށް މުހިންމެވެ.

ފުޓުބޯޅައިގެވެސް ވާދަވެރި، ވަރުގަދަ ދެ ރަށެވެ. ފުޓްސަލްގައި ވަރުގަދަ ކުރިމަތިލުމަކަށް މިއޮތީ ތައްޔާރުވެފައެވެ. ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް، ރާއްޖޭގެ އެންމެ ފޯރިގަދަ، އެންމެ ވަރުގަދަ މުބާރާތަށް ވާ ސަބަބަކީވެސް މިފަދަ ކުރިމަތިލުންތައް ފެންނާތީއެވެ. ހަމަ ޔަގީނުންވެސް ފުޓްސަލް، ފުޓުބޯޅައަށް ލޯބި އޮތް ދެ ރަށަށް، އޭދަފުއްޓާއި ތިމަރަފުށި ވާނެއެވެ. އެ ލޯބި، ދަނޑުމަތީގެ ޖޯޝުން، ދަނޑު ބޭރުގެ ފޯރިން ފެންނާނެއެވެ.

ތިމަރަފުއްޓަކީ ރާއްޖޭގެ ފުޓްސަލްގައި އެންމެ ކާމިޔާބު ޓީމެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތިން ތަށި ނަގައި، ތިން ތަރި ބެޖު މަތީގައި ޖެހިފައިވުމަކީ އެޓީމުގެ ފަހުރެވެ. އެއީ އެޓީމުގެ ލެގަސީއެވެ. އެ ލެގަސީއަށް ތަރިއެއް އިތުރުކުރުން މިއީ ތިމަރަފުއްޓަށްވެސް ރަނގަޅު ފުރުސަތެކެވެ. މިދިޔަ އަހަރުގެ ފޯމާ ތަފާތެވެ. މިހާރު ޓީމު އޮތީ ރޫހު ރަނގަޅުކޮށެވެ.

އިބްރާހީމް ހަމްދާން (ހަމްދެ) ތަފާތު ރަނގަޅު ފޯމެއްގައި ހުރި އިރު، އިބްރާހީމް އަސްވަދު (ގަބޭ) އާއި އާދަމް ނާސިހް (އާދަންނަ)، އިބްރާހީމް ސިނާހް (ސިނާ)ގެ ތަފާތުވެސް ފެނެއެވެ. ތިމަރަފުއްޓަށް މިއީ ރަނުގެ ފުރުސަތެކެވެ.

އަނެއްކޮޅުން ނުކުންނަ ބ. އޭދަފުށި، ފުޓުބޯޅައިގެ މަންޒަރުގައި ދައްކަމުންދާ ތަފާތު، ފުޓްސަލް ދަނޑަށް ނެރުން އެއީ އެޓީމުގެ އުންމީދެވެ. އިޝާން އިބްރާހީމް (ސައްޓު) އާއި އަލީ ފާސިރު (ސެންޓޭ)ގެ އިތުރުން ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އަދި ހައިޝަމް ހަސަން (ބިޑި) ފަދަ ކުޅުންތެރިންނާއެކު އޭދަފުށި އޮތީ ސެމީގެ ބޮޑު އުންމީދެއްގައެވެ. ތިމަރަފުއްޓާ ކުޅޭ މެޗު ތަފާތު ވަރުގަދަ ވާނެއެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރެއެވެ. އޭގެ ތެރެއިން ގަދަ އަށެއްގައި ހިމެނުންވެސް ބޮޑު ޝަރަފަކަށްވާ އިރު، ގަދަ ހަތަރަކަށް ވަނުން އެއީ ތާރީހީ ފިޔަވަޅަކަށް ވާނެއެވެ. އެ ފިޔަވަޅަށް ޓީމުތައް ތައްޔާރެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.