މިމަހުގެ ހަތް ވަނަ ދުވަހު ގަލޮޅު ދަނޑުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކުޑަހެންވޭރު ބައްދަލުކުރި ދެވަނަ ޑިވިޝަންގެ ކުއާޓާ ފައިނަލް މެޗުގައި ކުޑަހެންވޭރުގެ ސަޕޯޓަރުން ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި 13 މީހަކު ދޫކޮށްލައިފިއެވެ.

އެ މެޗު ނިމެން ކައިރިވެފައިވަނިކޮށް ކުޑަހެންވޭރުގެ ސަޕޯޓަރުންތަކެއް ވަނީ ދަނޑަށް އަރައި ވިކްޓަރީގެ ބިދޭސީ ކުޅުންތެރިއަކަށާއި އެ ޓީމުގެ ކޯޗު ސޮބާހު މުހައްމަދަށްވެސް ހަމަލާ ދީފައެވެ.

ކުޑަހެންވޭރުގެ ސަޕޯޓަރުން ދަނޑަށް އެރީ މެޗުގެ ތެރޭގައި ކުޑަހެންވޭރުގެ ކުޅުންތެރިޔަކަށް ގަސްދުގައި ހަމަލާ ދިނުމުންނެވެ. އޭރު ވިކްޓަރީން މެޗު ލީޑު ކޮށްފައި އޮތީ 3-1 ގެ ނަތީޖާއަކުންނެވެ.

ފުލުހުން މިއަދު ބުނީ ވިކްޓްރީ އާއި ކުޑަހެންވޭރު ބައްދަލުކުރި މެޗުގެ ކުޅުން ކުރިއަށް ދަނިކޮށް ބަޔަކު މީހުން ދަނޑުމައްޗަށް އަރައި ހަމަނުޖެހުން ހިންގައި ކުޅުންތެރިންނާއި އޮފިޝަލުންނަށް ހަމަލާދިން މައްސަލައިގައި 16 މީހަކު ހައްޔަރުކުރި ކަމަށެވެ.

އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިމަހުގެ 18 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތިން މީހުން ފިޔަވައި އެހެން އެންމެން ދޫކޮށްލާފައިވާ ކަމަށާއި އެ ތިން މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.