އިނގިރޭސި އެފްއޭ ކަޕްގައި ރޭ މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި ލުޓޮން ބަލިކޮށްފިއެވެ.
ރޭ ސިޓީން ރަށުން ބޭރުގައި ކުޅުނު އެފްއޭ ކަޕްގެ ފަސްވަނަ ބުރުގެ މެޗުގައި އެޓީމުން ލުޓޮން ބަލިކުރީ 6-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ސިޓީގެ ހަ ގޯލުގެ ތެރެއިން ފަސް ގޯލު އާލިން ބްރައުޓް ހާލަންޑް ޖެހި އިރު، މިއީ އޭނާ އެ ކްލަބަށް ބަދަލުވިފަހުންވެސް އެއް މެޗެއްގައި ފަސް ގޯލު ޖެހި ދެވަނަ ފަހަރެވެ. އަދި އެކްލަށް ހަދައިދިން އަށްވަނަ ހެޓްރިކްވެސް މެއެވެ.
މެޗުގެ ފުރަތަމަ ހަތަރު ގޯލަށްވެސް ކެވިން ޑި ބްރޭނާ އެސިސްޓް ކޮށްދިން އިރު، ހާލަންޑް ފުރަތަމަ ގޯލު ޖެހީ ހަތަރު ވަނަ މިނެޓުގައެވެ. ލުޓޮންގެ ފަހަތުން ހޯދި ޖާގައިގެ ބޭނުން ހިފައި ޑި ބްރޭނާ ކަނޑާލި ބޯޅަ ހާލަންޑަށް ފަސޭހަކޮށް ގޯލަށް ވައްދާލި އިރު، އޭގެ 15 މިނެޓް ފަހުން އަނެއްކާވެސް ދެ ކުޅުންތެރިންގެ ކޮމްބިނޭޝަން ފެނިގެން ދިޔައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ހާލަންޑް އޭނާގެ ހެޓްރިކް ފުރިހަމަ ކުރި އިރު، ޖޯޑަން ކްލާކް ވަނީ ދެވަނަ ހާފަށް ނުކުމެ، ލުޓޮންއަށް ދެ ގޯލު ޖަހައިދީފައެވެ. އެހެން ނަމަވެސް، އެ ދެގޯލުން ހިތްވަރެއް ހޯދޭ ވަރެއް ނުވިއެވެ. ދެވަނަ ހާފު ފެށިގެން ފަސްވަރަކަށް މިނެޓް ވީތަނާ ހާލަންޑް ވަނީ އަނެއްކާވެސް ދެ ގޯލު ޖަހައިފައެވެ.
ސިޓީއަށް ރޭގެ މެޗުގައި ހަވަނަ ގޯލެއް ޖަހައިދިނީ މަޓެއޯ ކޮވަސިޗެވެ.
އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ރޭ އިތުރު ބައެއް މެޗުތައްވެސް ކުޅެފައިވާ އިރު، ދެވަނަ ޑިވިޝަނުގެ ލެސްޓާ ސިޓީން ވަނީ ބޯންމައުތު ކަޓުވާލައިފައެވެ. ނިއުކާސަލް ބްލެކްބާން ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން އެއްވަރުވި ވެފައި އޮތުމުން ޕެނަލްޓީއަށް މެޗު ދިޔަ އިރު، ކުއާޓާއަށް ދިޔައީ ނިއުކާސަލްއެވެ.
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް