ފުލުހުންނާއި މަރުގެ އިންޒާރުދިން މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، މި މަހުގެ 11 ވަނަ ދުވަހުގެ 13:20 ހާއިރު ހުޅުމާލެ ފޭސް 1 އިން ޓްރެފިކް ގަވާއިދާ ހިލާފަށް އަދި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފޭދެ ގޮތަށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް މަޑުކުރަން އެންގުމުން، މަޑުނުކޮށް ބާރު ސްޕީޑުގައި ހުޅުމާލެ ފޭސް 2 އަށް ގޮސްފައިވާ ކަމަށެވެ.

ހުޅުމާލެ ފޭސް 2 އެޗް11 ކައިރިން އެ ސައިކަލް ހުއްޓުވައި، ސައިކަލް ދުއްވި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން އުޅުމުން، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި، އެ ސަރަހައްދުގައި އާންމު މަސްލަހަތު ގެއްލޭގޮތަށް އަދި އެތަނުގައި ހަރަކަތްތެރިވި ފުލުުހުންނާއި އެ ފުލުހުންގެ އައިލާއަށް ނިސްބަތްކޮށް މަރުގެ އިންޒާރުދިން ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އެކި ދުވަސްމަތިން ކޯޓު އަމުރެއްގެ ދަށުން ހަތަރު މީހަކު ހައްޔަރުކުރި ކަމަށާއި އެއީ އުމުރުން 21 އަހަރުގެ ދެ މީހުންނާއި 24 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއް ކަމަށެވެ. އެ މީހުންގެ ތެރެއިން 21 އަހަރުގެ ދެ މީހުންނާއި 24 އަހަރުގެ މިހާ ހައްޔަރުކުރީ ހުޅުމާލެއިން ކަމަށާއި 21 އަހަރުގެ އެކަކު ހައްޔަރު ކުރީ މިއަދުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުލުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިއަދު ހައްޔަރުކުރި 21 އަހަރުގެ މީހާާ ދެ ދުވަހަށް އަދި 21 އަހަރުގެ ދެވަނަ މީހާ އާއި 24 އަހަރުގެ މިހާ ދިހަ ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އުމީހުންގެ ތެރެއިން 26 އަހަރުގެ މިހާ ހައްޔަރުކުރީ ލ. ގަމުން ކަމަށާއި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހު ގޭ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކުރި ކަމަށް ފުލުހުން ބުންޏެވެ. އެމީހާ ގޭ ބަންދުގައި ހުންނަ ދުވަސްތަކުގައި ގެއިން އެއްގޮތަކަށްވެސް ނުނިކުމެވޭ ގޮތަށް ޝަރުތުކޮށް އަދި ކަފާލާތުގެ ދަށުން އެހެން މީހަކު ޖާމިނުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.