ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސްގެ މަގާމުން މުހައްމަދު ރަނޭޝް (ރަނޭ) އިސްތިއުފާދެއްވައިފިއެވެ.
ވީއޭއެމްގެ ރައީސްގެ މަގާމަށް 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންތިހާބުވެވަޑައިގެންނެވި ރަނޭ، މަގާމުން އިސްތިއުފާދެއްވަން ނިންމެވީ، ވަޒީފާ އާއި ދިރިއުޅުމުގެ ކަންތައްތައް ގައުމުން ބޭރަށް ބަދަލުކުރަން ޖެހުމުންނެވެ.
ރަނޭ މިއަދު "ވަން ސްޕޯޓްސް"އަށް ވިދާޅުވީ މައިގަނޑު ކެރިއާއަކީ ޕައިލެޓުކަން ކަމަށްވާ އިރު، އެ ދާއިރާއިން ލިބުނު ފުރުސަތުގައި މިވަގުތު ދިރިއުޅުއްވަން ޖެހިފައިވަނީ ޔޫއޭއީގައި ކަމަށެވެ. އެހެންކަމުން ވޮލީއަށް އެންމެ އެކަށީގެންވާ ވަގުތު ނުދެވޭނެތީ މަގާމުން ދުރަށް ޖެހިލީ ކަމަށްވެސް ރަނޭ ވިދާޅުވިއެވެ.
ރަނޭ ވިދާޅުވީ އޭނާ އެސޯސިއޭޝަނާ ހަވާލުވި އިރު، އެތައް މަސައްކަތެއް ކުރަން އޮތް ކަމަށާއި، ހަވާލުވީވެސް ބައިވަރު ކަންތައްތަކެއް، ބަދަލުތަކެއް ގެންނަން ބޭނުންވެގެން ކަމަށެވެ. ހަވާލުވެ، ފުރަތަމަ ދުވަސްކޮޅު ކޮވިޑުގެ ހާލަތުގައި ދައުރުން ބައެއް އެކަމަށް ގެއްލުނު ނަމަވެސް، ފަހުން ވޮލީއަށް ގިނަ ކަންތައްތަކެއް ކުރެވުނު ކަމަށް ދެކޭ ކަމަށްވެސް ރަނޭ ވިދާޅުވިއެވެ.
"2021 ވަނަ އަހަރު މި ހަވާލުވީ. އޭރު ކޮވިޑުގެ ހާލަތުގައި ވަރަށް ބޮޑަށް އުނދަގޫތަކެއް ދިމާވި. ދެން 2022 ވަނަ އަހަރު އަޅުގަނޑުމެން ހެދިން ވޮލީއަކީ ވަރަށް ގިނައިން ދެކުވުނު ވާހަކައަަކަށް. ބައިވަރު ކަންތައްތައް ކުރެވުނު ކަމަށް ގަބޫލުކުރަނީ. އެގޮތުން އިންޓަނޭޝަނަލް ކޯޗުން އަހަރު ދުވަސް ވަންދެންވެސް ގެންގުޅެވުމާއި، މުޅިން ތަފާތު ގޮތަކަށް ކުޅިވަރުގައި ވިސްނައި، ރާއްޖޭގެ ވޮލީބޯޅަ ސީޒަން ހަރުފަތެއް މައްޗަށް ޖައްސައި، ބޭރުގެ ގިނަ ކުޅުންތެރިން ގެނެސްގެން ކުޅެ، ވޮލީގެ ފޯރި ގަދަކޮށްލެވުނު އަދި އެފްއައިވީބީއާއެކުވެސް ގާތް ގުޅުމެއް ބޭއްވި، ރާއްޖެއަށް ކޮމަންވެލްތު ގޭމްސްއިންވެސް ބީޗް ވޮލީއަށް ފުރުސަތުތައް ހޯދައިދެވުނު. އަދި އެ ޓީމަށް، ޕެއާއަށް އަރުތަ ޕްރޮގްރާމްގެ ދަށުން ތަމްރީނުވާންވެސް ފުރުސަތު ލިބިގެން ދިޔަ،" ރަނޭ ވިދާޅުވިއެވެ.
އޭގެ އިތުރުން، 2022 ވަނަ އަހަރު ރިސޯޓް ވޮލީ މުބާރާތާއި ކޮމްޕެނީ/އޮފީސް ވޮލީ މުބާރާތްތަކުގެ އިތުރުން، އިންޓަ ސްކޫލް ވޮލީއަށް އަހައްމިއްޔަތުކަން ދީގެން އަލުން އެ މުބާރާތްތައް ފެށުމަކީ ވެސް ކުރެވުނު މުހިންމު ކަންތައްތަކެއް ކަމަށް ރަނޭ ފާހަގަކުރައްވައިފައިވެއެވެ. އޭގެ ތެރެއިން އަތޮޅު މުބާރާތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ނުގެންދެވުން އެއީ ދެރައެއް ކަމަށްވެސް ރަނޭ ފާހަގަކުރެއްވިއެވެ.
ރަނޭ ވިދާޅުވީ އޭގެ ފަހުން 2023 ވަނަ އަހަރު ބޭއްވި ފޯ ނޭޝަންސް ކަޕަކީ އެއީ ފަހަކަށް އައިސް އިންޑޯގައި އެންމެ ފޯރިއާއެކު، އެންމެ ރަނގަޅަށް އިންތިޒާމުވެގެން ދިޔަ މުބާރާތް ކަމަށާއި އެ މުބާރާތުގައި އަންހެން ޓީމު ރިހި މެޑަލް އަމިއްލަ ފަސްގަނޑުގައި ހޯދުން އެއީ ލިބުނު ކާމިޔާބީއެއް ކަމަށެވެ.
އުމްރާނީ ތަރައްގީގެ ގޮތުންވެސް މާލެ ސަރަހައްދުގައިވެސް ބީޗް ވޮލީއާއި އައުޓްޑޯ ވޮލީއަށް ހާއްސަ ކޯޓުތަކެއް އިމާރާތްކޮށް، ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ތަރައްގީ ގެނެވުނު ކަމަށް ރަނޭ ފާހަގަކުރެއްވިއެވެ. އަދި މާލެ ސަރަހައްދަށް އިންޑޯ ކޯޓުތަކެއް ގެންނަން ކުރެވުނު މަސައްކަތުގައި މިހާރު އޮތީ މަސައްކަތް ބަޔަކާ ހަވާލުވާ ހިސާބުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރަނޭ އިތުރަށް ވިދާޅުވީ އޭނާގެ ކުރިން ދެ ދައުރެއްގައިވެސް ނުވެ އޮތް އެންމެ ބޮޑު ކަމަކަށް، އެންމެ ގިނައިން ފާޑު ކިޔާފައި އޮތް ކަމަކަށް އޮތީ ވޮލީގެ އަސާސީ ގަވާއިދު ކަމަށާއި، އެކަންވެސް ނިންމާލެވުމުން ހިތްހަމަޖެހޭ ކަމަށެވެ. އެގޮތުން ދާދިފަހުން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ފާސްކުރި އަސާސީ ގަވާއިދު މިހާރު ސްޕޯޓްސް ކޮމިޝަނަރު ފާސްކޮށް ފޮނުވާފައިވާ ކަމަށާއި، ހުރިހާ ކްލަބުތަކެއްގެ ބައިވެރިވުމާއެކު، އެ ގެނެވުނު ބަދަލަކީ އެކުވެރިކަމާއެކު މަޑުމަޑުން ގެނެވުނު ބަދަލެއް ކަމަށް ރަނޭ ވިދާޅުވިއެވެ.
ރަނޭ ވިދާޅުވީ ސިޔާސީ ބަދަލުތަކާއި އާންމުންގެ ބައެއް ފާޑު ކިޔުންތަކާއެކު ޗެލެންޖްތައް އައި ނަމަވެސް، މުޖުތަމައަށް އާންމު ވިސްނުމުން ބޭރުން ކަންތައްތަކެއް ތަފާތުކޮށްގެން ވޮލީ އެހެން ހަރުފަތަކަށް ގެންދެވޭނެކަމަށް އަބަދުވެސް ގަބޫލުކުރައްވާ ކަމަށާއި، އާންމުކޮށް ފާޑުކިޔުން އަމާޒުވީ ކުރަން އުޅުނު ކަންތައް ކުރަން އުޅުނު ގޮތް ފަހުމު ނުވެ އޮތުމުން ކަމަށެވެ.
އޭގެ އިތުރުން ވީއޭއެމްގެ ސޯޝަލް މީޑިއާ ޕްރެސެންސާއި، އެސޯސިއޭޝަނުގެ އެކްސްޕޯޝާ މިހާރު ފުޅާކުރެވިފައިވާ ކަމަށް ރަނޭ ވިދާޅުވި އިރު، އޭނާ ވިދާޅުވީ ގަވަނަންސްގެ ކަންތައް ތަންކޮޅެއް އުނދަގޫވުމުން، ބައެއް ކްލަބުތަކުގެ ފާޑު ކިޔުންވެސް އައި ކަމަށެވެ. އެހެން ނަމަވެސް، އެ ހުރިހާ ކްލަބުތަކުގެ ބައިވެރިވުމާއެކު، އެކަޑެމީތަކަށްވެސް ވޯޓިން ރައިޓްސް އޮންނާނެ އަސާސީ ގަވާއިދެއް ފާސްކުރެވިފައި އޮތުމަކީ އެޅުނު އެންމެ މުހިންމު ފިޔަވަޅުކަން ރަނޭ ފާހަގަކުރެއްވިއެވެ.
ވޮލީ ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެން ދިޔަ ރަނޭ، އޭނާގެ ދައުރުގައި ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން (އެފްއައިވީބީ)ގެ ކޮންގްރެސްގައި ވާހަކަ ދައްކަވާފައިވެއެވެ. އޭނާއަކީ އެ ކޮންގްރެސްގައި ވާހަކަދެއްކެވި ފުރަތަމަ ދިވެއްސެވެ. ރަނޭ ވިދާޅުވީ ވީއޭއެމްގެ ރައީސް ކަމަށް ދެން ވަޑައިނުގަންނަވާނެ ކަމަށާއި، ވޮލީގެ ހިދުމަތަކުން އެހެން ގޮތަކަށް ފެނިދާނެ ކަމަށެވެ.
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން