ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހައްދަވައިދެއްވާނެެ ކަމަށާއި ހދ. އަތޮޅަށް ފަތުރުވެރިކަން ވެސް ގެނެސްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އުތުރުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން، މިރޭ އެ ސިޓީގެ ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކުޅުދުއްފުށި ސިޓީ އާއި އައްޑޫ ސިޓީގެ ރައްޔިތުން މާލެއަށް ނުގޮސް، ހުރިހާ ހިދުމަތެއް ލިބޭ ފެންވަރަށް އެ ދެ ސިޓީގައި ސިއްހީ ހިދުމަތް ވަރުގަދަކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށާއި ސަރުކާރުގެ ސިޔާސަތަކީ އެއީ ކަމަށެވެ.
"ފުރަތަމަ އެ ސިޔާސަތު ކަނޑައަޅައި، ހޮސްޕިޓަލެއްގެ މަސައްކަތް ފަށައި ކުރިއަށްދާނީ. އިރާދަކުރެއްވިއްޔާ އެއީ އަޅުގަނޑުމެން ހާސިލުކުރާނެ އަމާޒަކީ. އެއީ ހުވަފެނެއްގެ ގޮތުގައި އޮތަކަ ނުދޭނަން، އިރާދަކުރެއްވިއްޔާ ހަގީގަތަކަށް ހަދައިދޭނަން. އެ ކަންތައް ހަގީގަތަކަށް ވާނެ. ދެން އެތަނުގައި ވަޒީފާގައި އުޅޭނީ ގިނައިން އިރާދަކުރެއްވިއްޔާ މި ސިޓީގެ ރައްޔިތުން، އަޅުގަނޑު އެ ވައުދުވެސް ވިން. އެހެންވީމާ މިކަހަލަ މުހިންމު ކަންތައްތައް އިރާދަކުރެއްވިއްޔާ ބާރު ސްޕީޑުގައި ކުރިއަށްގެންދާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލުންނާއި އެ ސިޓީގެ އެކިއެކި އިންޑަސްޓްރީތައް ފުޅާކޮށްގެން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ މި ސަރުކާރުގެ ވިސްނުމެއް ކަމަށާއި އެގޮތުން ފަތުރުވެރިކަމަކީ ވެސް އޭގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި ހދ. އަތޮޅުގައި އެކަށީގެންވާ ވަރާ ގާތަށް ވެސް ރިސޯޓުތައް ނެތް ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ހަގީގަތުގައި ބޮޑުތިލަދުންމަތީގައި، ހއ، ހދ ގައި ވަރަށް ވެސް މަދު. ހަނިމާދޫގައި އެބަ ކުރިއަށްދޭ ވަރަށް ބޮޑު އެއާޕޯޓެއްގެ މަސައްކަތް، އިންޓަނޭޝަނަލް އެއާޕޯޓެއް. އެކަމަކު އެ އެއާޕޯޓު ފީސިބަލް މިވަނީވެސް އެކަށީގެންވާ ވަރަށް ޓޫރިޒަމް މި ސަރަހައްދަށް އައިސްގެން. މި ސިޓީގެ އިގުތިސާދީ ތަރައްގީ ވެސް ހާސިލުވުމުގައި ހަމަ ވަރަށް މުހިންމު ދައުރެއް އެބަ އަދާކުރޭ ޓޫރިޒަމް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޓޫރިޒަމް މާކެޓިން ޕްލޭންގެ ތެރޭގައި އެންމެ އިސްކަންދެއްވަނީ ހދ. އަތޮޅަށް ކަމަށާއި މި ސަރަހައްދަށް އިންވެސްޓަރުން ގެނައުމަށް ހާއްސަ އިސްކަމެއްދެއްވާ ކަމަށެވެ. އަދި ބޮޑުތިލަދުންމައްޗަށް އިކޯ ޓޫރިޒަމް ގެނައުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން ބަޖެޓުގައި ހިމެނިފައިވާ ގޮތަށް މިއަހަރުގެ ތެރޭގައި ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގައި، އެއާޕޯޓުގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ވެސް ކުރިއަށްގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު