ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތަކީ ޔަގީނުންވެސް ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖެވެ. 129 ރަށަކުން، ރާއްޖޭގެ ފުޓްސަލް ރަސްކަމަށް ކުރިމަތިލަމުންދެއެވެ. ކޮންމެ ރަށަކުންވެސް ފެންނަނީ ތަފާތު ހުނަރެވެ. ކުޅަދާނަ، ޒުވާން އެތައް ކުޅުންތެރިންނެކެވެ. ފުޓްސަލްގެ މައިދާނުން ވިދާލަން ލިބޭ އެންމެ ބޮޑު ފުރުސަތަކީވެސް ގޯލްޑަން ފުޓްސަލް ޗެލެންޖް ކަމަށްވީ އިރު، އެ ފުރުސަތުގައި އއ. މަތިވެރީގެ އަލީ އަލްސަންވެސް ފަހަކަށް ނުޖެހުނެވެ.

އުމުރުން އެންމެ 18 އަހަރު ނަމަވެސް ރަށު ޓީމުގެ ހީރޯއަކީ އަލްސަން އެވެ. ތަފާތު، ހަލުވި، ގޯލު ޖަހަންވެސް ކުޅަދާނަ އަލްސަން ވަނީ މިފަހަރުގެ މުބާރާތުގައި ރަށާއެކު އަތޮޅު އަދި ޒޯން ތަށިވެސް އުފުލާލައިފައެވެ. ނަންބަރުތައް، ތަފާސް ހިސާބުތައް އެކަމަށް ހެކިވެއެވެ. އަލްސަން މިހާތަނަށް ކުޅުނު 8 މެޗުގައި 11 ގޯލު ޖެހި އިރު، ފަސް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދިއެވެ. ޒޯންގެ އެންމެ މޮޅު ކުޅުންތެރިޔަކީވެސް އޭނާއެވެ. ހަގަކަސް، މަތިވެރީ ޓީމުގައި އަލްސަން އަދާކުރަނީ "ދޮށީ" ކުޅުންތެރިއެއްގެ ރޯލެވެ.

އަލްސަންގެ ހުނަރަށް ރާއްޖޭގެ އެތައް ބައެއްގެ ޝައުގުވެރިކަން ހުއްޓުވާލައިފިކަން ވެސް ސާފެވެ. އެ ހުވަފެނީ ދަތުރުގެ ވާހަތައް "ވަން ސްޕޯޓްސް" އާ ހިއްސާކުރަމުން އަލްސަން ބުނީ ދެވަނަ މުބާރާތުގައި ގަދަ 16 އަށް ނުކުމެވުމަކީ ލިބުނު އުފަލެއް ކަމަށެވެ.

"މިއީ ގޯލްޑަން ކުޅޭ ދެވަނަ ފަހަރު. މިދިޔަ އަހަރު ކުޅުނިން. އެ އަހަރު އަތޮޅު ފައިނަލުން ބަލިވެގެން ކެޓީ. އެހެންވީމަ މިހާ ހިސާބަށް މިފަހަރު އާދެވުން މިއީ ތަފާތު ތަޖުރިބާއެއް،" އަލްސަން ބުންޏެވެ.

އަލްސަންގެ ފޯކަސް މިހާރުވެސް ހުރީ ގަދަ 16 ފަހަނައަޅައި ގޮސް، ރާއްޖޭގެ ޗެމްޕިއަންކަމަށެވެ. އޭނާ މިފަހަރު މުބާރާތަށް އައީ ޓީމަށް އެ އިތުބާރު ކޮށްގެންނެވެ. ސްކޫލްގެ ގްރޭޑް އެކަކުން ފެށިގެންވެސް ފުޓްސަލްގެ ޝައުގުވެރިކަމުގައި ކުރިއަށްދާ އަލްސަން ބުނީ ޓީމަށް އިތުބާރު އެބައޮތް ކަމަށެވެ.

"މަތިވެރީ ޓީމަށް އެރި ހިސާބުންވެސް ބެލީ ތަފާތު ތަޖުރިބާތައް ހޯދަން. ރަށުގައި ކުޅޭ ކުޅުންތެރިން މަދުކޮށް އުޅުމާއެކު ހަމަ ސްކޮޑަށް އެރި ޕްރެކްޓިސްއަށް ދިޔަ ހުރިހާ ކުޅުންތެރިން. އެހެންވީމަ ރޫހު ރަނގަޅުކޮށް މިއައީ. މި މުބާރާތުގެ ކުރިން ރަށުގަ ކުޅޭ މުބާރާތްތަކުގައި ތަޖުރިބާކާރު ކުޅުންތެރިންނާއެކު ކުޅެ ލިބުނު ފުރުސަތުތަކުން ދަސްވި ކަންކަން ސިކުނޑީގައި ބަހައްޓައިގެން ކުރިއަށް މިދަނީ. ޓީމަށް ވަރަށް ބޮޑު ޔަގީންކަމެއް އޮތް. އަތޮޅު ނެގޭނެ ކަމުގެ ޔަގީންކަމާއެކު ނުކުތީވެސް. ދެން އެހިސާބުން މި ވިސްނަނީ ރާއްޖޭގެ ތަށްޓަށް،" އަލްސަން ބުންޏެވެ.

މަތިވެރީގެ ސަޕޯޓަރުން އަބަދުވެސް ޓީމަށް މަރުދެއެވެ. ކޮންމެ ތަށްޓަކާއެކު ރަށް އެކީ އުފަލުން ފޮޅެއެވެ. އަލްސަންގެ ހަނދާނުގައި މަތިވެރިން ފުރަތަމަ ފަހަރަށް އަތޮޅު ތަށި ނެގި އިރު، 2022 ވަނަ އަހަރު އޭނާ އުޅުނީ ސްކޫލްގެ ގްރޭޑް 10 ގައެވެ. އޭރު އޭނާއަކީ ޓީމުގެ ސަޕޯޓަރެކެވެ. އަލްސަންއަށް އޭރު ޓީމުގެ އަސްލު ސަފުން ބޭރުން ކުރެވުނު އިހުސާސް، މިއަދު ކުރެވެނީ ސަޕޯޓަރުން ލޯބި ދޭ ކުޅުންތެރިއެއްގެ ގޮތުގައެވެ.

"ތަފާތު ރޫހެއްގައި ރަށު ރައްޔިތުން އޮތުން އެއީ ވަރަށް ބޮޑަށް ހިތްވަރެއް. މިއީ އަމިއްލައަށް ތަޖުރިބާކުރެވޭ މުޅިން އާކަމެއް. އެންމެ ފުރަތަމަ ރަށުގެ ގޯލްޑަންއިން އަތޮޅު ތަށި ނެގި އިރު، ގްރޭޑް 10 ގައި އުޅެނީ. 2022 ވަނަ އަހަރު ހުރީ ސަޕޯޓަރަކަށް. އޭރުގެ އިހުސާސް އަމިއްލައަށް މިހާރު އެބަކުރެވޭ" އަލްސަން ބުންޏެވެ.

އަލްސަންގެ ވިސްމުގައި ފުޓްސަލްގެ ކުރިމަގު ބިނާކުރަން އޭނާގެ ވިސްނުން އެބަހުއްޓެވެ. މިވަގުތު ރަށަށް ވިސްނުން ގެންގުޅެ، އޭގެ ފަހުން އަމިއްލަ ކެރިއަރެއް ބިނާކުރަންވެސް އަލްސަންގެ ވިސްނުން ހުރި އިރު، އެންމެ ބޮޑު އެއްބާރުލުމެއް ލިބެނީ މައިންބަފައިން ފަރާތުންނެވެ. އޭގެ އިތުރުން ޓީމުގެ އެންމެ ސީނިއާ އެއް ކުޅުންތެރިޔާ، އިސްމާއީލް ނަސީމް (ބޯވަ) އާއި، މުޅި އާއިލާގެ އެހީތެރިކަން އަލްސަން ފާހަގަކުރިއެވެ. ޓީމުގެ ތަފާތު ރޫހާއެކު އަލްސަން ބޭނުންވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށްޓެވެ.