ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުން ރާއްޖެ އަލުން ހަމަމަގަށް އަޅުއްވާނެ ކަމަށް އެ ޕާޓީގެ ރައީސް، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ފެށުމާއި އެ ޕާޓީގެ ކެންޑިޑޭޓުން ތައާރަފުކުރުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ، އެމްޑީޕީން މިއަދު ނުކުމެ މިތިބީ ރައްޔިތުން ގޮވާ ގޮވުން އެނގިގެން، އާ ޖޯޝަކާއި އާ ފޯރިއަކާއި އާ އަޒުމަކާއެކު މި ސަރުކާރު ހަމަމަގަށް އަޅުވަން ކަމަށެވެ.

އެމްޑީޕީއަކީ ހިތްވަރު އެލޭނެ، ފަހަތަށް ޖެހޭނެ، އަދި ރާއްޖެ ބަދަލުކޮށްލި ޕާޓީ ކަމަށާއި 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު ރާއްޖެ އަލުން ހަމަމަގަށް އަޅުވާނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިހާބުކުރާނެއެވެ. އޭގެ ތެރެއިން 89 ދާއިރާއަކަށް އެމްޑީޕީން ވާދަކުރާ އިރު، މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީން ގެންގުޅޭ ސްލޯގަންއަކީ "މިސްރާބު ހަމަމަގަށް" އެވެ.