ސްޕެނިން ލީގުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ސެވިއްޔާ ބަލިކޮށްފިއެވެ.
ރެއާލްއިން ރޭ އަމިއްލަ ދަނޑުގައި ވާދަވެރި ސެވިއްޔާ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވި ގޯލު، ފަހުކޮޅުގައި ފެނިގެން ގޮސްފައިވާ އިރު، ރޭގެ މޮޅާއެކު ރެއާލް ވަނީ ތާވަލުގެ އެއްވަނައިގައި އަށް ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ.
ލީގު ތާވަލުގެ އެއްވަނައިގައި ރެއާލް އޮތީ 26 މެޗުން 65 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ބާސެލޯނާ، 26 މެޗުން 57 ޕޮއިންޓާއެކު އޮތް އިރު، ތިންވަނައިގައި ޖިރޯނާ އޮތީ 25 މެޗުން 56 ޕޮއިންޓާއެކުގައެވެ. ޖިރޯނާއިން މި ހަފުތާ ކުޅޭ މެޗުން މޮޅުވެ، އެޓީމަށް ރެއާލާ ދެމެދު އޮތް ފަރަގު ކުޑަ ކުރުމަށް ފުރުސަތު އެބައޮތެވެ.
ރޭގެ މެޗަށްވެސް ރެއާލުން ނުކުތީ އެޓީމުގައި އެންމެ ފޯމު ރަނގަޅުކޮށް ހުރި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ނުލައެވެ. އެންމެފަހުން ރެއާލްއިން ކުޅުނު ތިން މެޗުގައިވެސް ބެލިންހަމް ކުޅެފައިނުވާ އިރު، މެޗުގައި ގޯލު ޖެހީ ލޫކާ މޮޑްރިޗަކީ އޭނާ ނެތްތައް ފޫބައްދަން އެރުވި މިޑްފީލްޑަރެވެ.
ރޭގެ މެޗުގެ ބޮޑު ބައެއްގައި ރެއާލްއިން ބޮޑަށް ނުރައްކާ ކޮށްފައިވާ އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި ފެޑެރީކޯ ވަލްވާޑޭ ޖެހި ބާރު ބޯޅައެއް ގޯލުގެ ދަނޑިއަށްވެސް އަމާޒުވެފައިވެއެވެ. އޭގެ ފަހުން ލޫކަސް ވަޒްގޭޒް ޖެހި ބޯޅައެއް ގޯލަށް ވަން ނަމަވެސް، ވީއޭއާރް ބަލައި ރެފްރީ ނިންމީ، އެ ހަމަލާއަށް ފުރުސަތު ތަނަވަސްކުރުމުގައި ނަޗޯ، ސެވިއްޔާގެ އައް ނަސޭރީއަށް ފައުލް ކުރި ކަމަށެވެ.
މެޗުގެ ހަމައެކަނި ގޯލު، 81 ވަނަ މިނެޓުގައި މޮޑްރިޗް ޖެހީ، އޭރިއާ ބޭރުން ބޯޅަ ރީތިކޮށް ކޮންޓްރޯލް ކޮށްލައި، ދެވަނަ ޓަޗުގައި ސީދާ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ