ހިމާޔަތްކޮށްފައި އޮންނަ ށ. ފަރުކޮޅުން ފެނުނު ކިނބޫ ރާއްޖޭގެ ސަރަހައްދަށް އެނބުރި ނާދެވޭނެ ގޮތަށް ބޭރުކަނޑަށް ދޫކޮށްލައިފިއެވެ.
އެމްއެންޑީއެފުން މިއަދު "ވަން" އަށް ބުނީ ފަރުކޮޅުން ފެނުނު ކިނބޫ، އޮއިވަރަށް ބެލުމަށްފަހު، ރާއްޖޭގެ ސަރަހައްދަށް އެނބުރި އައުމުގެ ފުރުސަތު ކުޑަވާނެ ގޮތަކަށް ބޭރުކަނޑަށް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
"އިރުވައި މޫސުމުގައި ގިނަ ފަހަރަށް މި ފާހަގަކުރެވެނީ ކިނބޫ ރާއްޖޭގެ ސަރަހައްދުން ފެންނަކަން. އިލްތިމާސަކީ، ކިނބޫ އެއްޗެހި ފެނުނީމަ އަމިއްލަޔަށް އެއެއްޗެހި ހިފައި ކަންތައް ކުރުމުގެ ބަދަލުގައި އަޅުގަނޑުމެންގެ އިރުޝާދުގެ ދަށުން އެކަންތައް ކުރިޔަށް ގެންދަން،" އެމްއެންޑީއެފުން ބުންޏެވެ.
ފުނަދޫ ކައުންސިލުގެ ރައީސް އަހުމަދު އިބްރާހިމްފުޅު މިދިޔަ ހޮނިހިރު ދުވަހު "ވަން" އަށް ވިދާޅުވީ ކިނބޫ ފެނިފައިވަނީ އެ ރަށަށް ދަތުރު ދިޔަ ދެ މީހަކަށް ކަމަށާއި ކިނބޫ ފެނުމާއެކު ވަގުތުން ފުލުހަށް ރިޕޯޓުކުރި ކަމަށެވެ. އެ ކިނބޫގެ ދިގުމިނުގައި 10 ވަރަކަށް ފޫޓު ހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ދަތުރު ދިޔަ މީހުން އެ ކިނބޫ ހިފުމަށް މަސައްކަތްކުރާތަން ފެންނަ ވީޑިއޯއެއް ވެސް އާންމުވިއެވެ. އެގޮތުން އެ ކިނބޫ ހޭޅިފަށުގައި ހުރި ގަސްތަކު ތެރޭ އޮއްވައި އޭތި ހިފަން މަޅިގަނޑެއް ހަދައިގެން ބަޔަކު މަސައްކަތް ކުރާތަން ފެނެއެވެ. އަދި އެ ކިނބޫ އެމީހުންނާ ދިމާލަށް ދުއްވައިގަނެ، މޫދު ތެރެއަށް ދާތަން ފެނެއެވެ.
އޭގެ ފަހުން ފުލުހުން ވަނީ އެ ކިނބޫ މަޅިއަކުން ހިފައިފައެވެ. އާންމުވި ވީޑިއޯގައި ކިނބުލުގެ ކަރާއި އަނގައިގައި މަޅިއަޅުން ބަންނަ މަންޒަރު ފެނެއެވެ. އޭރު އެ ކިނބޫ އޮތީ މޫދު ތެރޭގައެވެ.
ފަރުކޮޅުން ކިނބުލެއް ފެނިފައިވާ އިރު، ކަނޑިންމަ ރިސޯޓު ކައިރިން ވެސް މިދިޔަ މަހު ވަނީ ނުވަ ފޫޓުގެ ކިނބުލެއް ފެނިފައެވެ. އެ ކިނބޫ ހިފީ ސިފައިން އެ ރަށަށް ގޮސްގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު