އިޓަލީ ލީގު ތާވަލުގެ އެއްވަނައިގައި އޮތް އިންޓަ މިލާނުން ރޭ ކުޅުނު މެޗުގައި ލެއްޗެ ކައިރިން ބޮޑު މޮޅެއް ހޯދައިފިއެވެ.

ރަށުން ބޭރުގައި ރޭ އިންޓައިން ލެއްޗެ ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާ އެކު އިންޓައިން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 25 މެޗުން 66 ޕޮއިންޓާ އެކުގައެވެ. ރޭ ފްރޮސިނޯން ކައިރިން 3-2 އިން މޮޅުވި ޔުވެންޓަސްއިން ދެވަނައިގައި، 26 މެޗުން 57 ޕޮއިންޓާ އެކު އޮތް އިރު، ތިންވަނައިގައި އޮތީ ރޭ އަޓަލާންޓާ ކައިރިން 1-1 އިން އެއްވަރުވި އޭސީ މިލާނެވެ. އެއީ 26 މެޗުން 53 ޕޮއިންޓާ އެކުގައެވެ.

ރޭގެ މެޗުގައި އިންޓަގެ ތަރިއަކީ އާޖެންޓީނާގެ، އުމުރުން 26 އަހަރުގެ ފޯވަޑް ލައުޓާރޯ މާޓިނޭޒެވެ. އޭނާ ވަނީ މެޗުގެ 15 ވަނަ މިނެޓުގައި އިންޓައަށް ލީޑު ނަގައިދީފައެވެ. އޭރިއާ ތެރެއިން ތިރިތިރީން ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައި މާޓިނޭޒް އިންޓައަށް ލީޑު ނަގައިދިން އިރު، އެއީ އޭނާ އެ ކްލަބުގެ ޖާޒީގައި ޖެހި 100 ވަނަ ގޯލެވެ.

އިންޓައަށް މާޓިނޭޒް މިހާތަނަށް 196 މެޗު ކުޅެދީފައިވާ އިރު، އޭނާ އެ ކްލަބަށް ބަދަލުވީ 2018 ވަނަ އަހަރުއެވެ. މިހާރު ޔޫރަޕްގެ ބޮޑެތި ކްލަބުތަކުންވެސް މާޓިނޭޒަށް ފާރަލަމުންދާ އިރު، ރޭގެ މެޗުގައި އޭނާ ވަނީ ދެވަނަ ހާފަށް ނުކުމެ އިތުރު ގޯލެއްވެސް ޖަހައިފައެވެ.

އިންޓަގެ އަނެއް ދެ ގޯލުވެސް ދެވަނަ ހާފުގައި ފެނިގެން ގޮސްފައިވާ އިރު، އެ ގޯލުތައް ޖެހީ ޑާވިޑޭ ފްރަޓޭސީއާއި ސްޓެފަން ޑެ ވްރީއެވެ.