ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތުގެ މެޗުތައް މިއަހަރު އިންތިހާއަށް ފޯރިގަދައެވެ. ރަށު ފޯރި، އަތޮޅު ފޯރި ކުރިން އަހަރުތަކަށްވުރެވެސް މާ ބޮޑެވެ. މުޅި ރާއްޖެ ޝާމިލްވާހެން ފުޓްސަލްގެ ބޮޑު އީދެއް އައިސްފިކަން ޔަގީނެވެ. ރަށްރަށުގެ އަތިރިމަތިތަކާއި ހޮޅުއަށިތަކުގެ އިތުރުން ކެފޭ ރެސްޓޯރަންޓްތަކުގައިވެސް ބޮޑު ސްކްރީން އަޅުވައިގެން މެޗުތައް އަންނަނީ ބަލަމުންނެވެ. އަތޮޅު، ޒޯން ތަށްޓާއެކު ޓީމުތަކަށް ރަށްރަށުން ކިޔާފައި ވަނީ ޝަރުފުވެރި މަރުހަބާތަކެވެ. މުޅި ރަށް، ޓީމުގެ ކާމިޔާބީއަށް ފަހުރުވެރިވާކަން ސާފެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، ރާއްޖޭގެ ހުރިހާ ހިސާބަކުން ފުރޭނިގެން ފައިނަލް ބުރަށް ޓީމުތައް ތައްޔާރުވެއްޖެއެވެ. ބާކީ އޮތީ އެންމެ މޮޅު 16 ޓީމެވެ. ރާއްޖޭގައި މިވަގުތު، ފުޓްސަލްގައި އޮތް އެންމެ މޮޅު 16 ރަށެވެ. ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ބޮޑު ހައިބަތާއެކު އެ ލަގަބު، މިހާރު ބާކީ އޮތް 16 ޓީމަށް ދެވިދާނެއެވެ. ގަދަ 16 ގެ ކުރިމަތިލުންތައް މާދަމާ ރޭ އޮންނަ އިރު، އެ މެޗުތަކަށް ނަޒަރު ހިންގާލުން މުހިއްމެވެ.

މަތިވެރީގެ ސަޕޯޓަރުންގެ ރޫހަކަށް އެއްވެސް މުބާރާތެއްގައި ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ. އެ ރަށުން ސީދާ މެޗަށް، އެތައް ލޯންޗް ދަތުރެއްވެސް މާލެއަށް އަޅައެވެ. ރަށުގައި، ރަށު ފޯރީގައި އަބަދުވެސް މެޗު ބަލަމުން ދެއެވެ. މިއީ މަތިވެރިއަށް މުޅިން އާ މަރުހަލާއެއް ނަމަވެސް، އެ ޓީމުން މިފަހަރު އޮތީ އުންމީދާއެކުގައެވެ. އއ ގެ ޗެމްޕިއަންކަން ނަގައި، މަތިވެރި ވަނީ ޒޯން ހަތަރެއްގެ ތަށި އުފުލާލައިފައެވެ. ޓީމުގައި އެންމެ މުހިއްމު ރޯލެއް ކުޅެމުން އަންނަ އަލީ އަލްސަން ފަދަ ކުޅުންތެރިންނާއެކު މަތިވެރި ކުއާޓާއަށް ދާން ރަނގަޅު ފޯމެއްގައި އޮތް ކަމަށް ބުނެވިދާނެއެވެ.

ބިލެތްދޫން މިފަހަރު ފ. އަތޮޅުގެ ޗެމްޕިއަން ނެގީ ތަފާތު ރަނގަޅު ފޯމެއްގައި ކުޅެގެންނެވެ. ޒޯން ފައިނަލުގައި ބަލިވި ނަމަވެސް، ބިލެތްދޫ "އަންޑަ އެސްޓިމޭޓް" ކުރެވޭކަށް ނެތެވެ. މުހައްމަދު ޒީދާން ޒުހުރީގެ އިތުރުން ބިލެތްދޫގެ މުޅި ޓީމުވެސް ރަނގަޅު ފޯމެއްގައި އޮތް އިރު، ބިލެތްދުއަކީ ޒޯން ފަހެއްގެ ރަނަރަޕެވެ. އެ ޒޯނުގެ ފައިނަލުގައި ބިލެތްދޫ ބަލިވި ނަމަވެސް، މަތިވެރިއަށް ފަސޭހަ ނުވާނެކަން ޔަގީނެވެ.

ގަދަ 16 ގެ ބުރުގައި އެންމެ ފޯރިގަދަވާނެ މެޗެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާނެ އެއް މެޗަކީ އެންމެފަހުގެ ޗެމްޕިއަން ލ. ގަމާއި، ޒޯން އެކެއްގެ ރަނަރަޕް ހދ. ނައިވާދޫ ވާދަކުރަން އޮތް މެޗެވެ. މިހާތަނަށް ދެޓީމު އޮތް ފޯމަށް ބަލާ އިރު، ނައިވާދުއަށް މިފަހަރު ކުރިމަތިވި ހަމައެކަނި މާޔޫސްކަމަކީ އެޓީމުގެ ޒޯން ތަށި ދިފާއު ނުކުރެވުމެވެ. ޓީމު އަތޮޅު ތަށި ނަގައި، ގަދަ 16 އަށް އައި ދަތުރުގައި ދެން ފެނުނީ ހުސް ރަނގަޅު ކަންތައްތަކޭ ބުނެވިދާނެއެވެ. ހާއްސަކޮށް ޓީމު ގޮވައިގެން ލީޑު ކުރުމުގައި އަބްދުﷲ ޝާފިއު (ޝާއްޕެ) އަދާކުރަމުން އަންނަނީ މުހިއްމު ރޯލެކެވެ. އޭނާއަކީ އަތޮޅު އަދި ޒޯންގެވެސް އެންމެ މޮޅު ކުޅުންތެރިޔާއެވެ.

އަނެއްކޮޅުން ނުކުންނަ ގަން، އިތުރަށް ތައާރަފު ކޮށްދޭކަން ނުޖެހޭނެއެވެ. މޭމަތީގައި ރަން ބެޖު ޖެހުމުން ފެންނަނީ ޓީމުގެ ނުރައްކާތެރިކަމެވެ. ޗެރިޓީ ޝީލްޑް މެޗުގައި ތ. ތިމަރަފުށި ބަލިކޮށް، ޒޯން ހައެއްގެ ޗެމްޕިއަންކަން އެެޓީމުގެ ނެގީވެސް ތިމަރަފުށި ބަލިކޮށް، މެސެޖެއް ދީފައެވެ. ލ. އިސްދުއާއި ތިމަރަފުއްޓާ ދެކޮޅަށް ޒޯނުގެ ލީގު ބުރުގައި ކުޅުނު މެޗުތަކުގައި ގަމުގެ އެންމެ މޮޅު ކުޅުން ނުދެއްކުނު ނަމަވެސް، ދެން އެޓީމު ފެނުނީ ތަފާތު މޮޅުކޮށެވެ. އަލީ ޝާމިސް (ތޮއްޕެ) އާއި އަބްދުﷲ ޖުނައިދު (ޖޭއްނޭ) ވެސް ރަނގަޅު ރޫހެއްގައި ކުޅެމުން އަންނަ އިރު، ޓީމު ލީޑު ކުރަމުން އަންނަނީ އެންމެ ފަހުގެ ކިންގް ހުސައިން ޝަރީފް (އޮންލީ)އެވެ. ގަމަކީ މެޗުގެ ފެވަރިޓުން ގޮތުގައި ބެލެވިދާނެއެވެ.

ޒޯން ދޭއްގެ ޗެމްޕިއަން ދުވާފަރުން މިފަހަރު ކުރިއަށްވުރެވެސް ވަރުގަދައަށް މުބާރާތަށް ތައްޔާރުވެފައިވާ އިރު، އިސްމާއީލް އީސަ (މެސީ) ފަދަ ލީޑަރުންނާއެކު ޓީމު އޮތީ ފައްކާވެފައެވެ. ޒޯންގެ މޮޅު ކުޅުންތެރިޔާގެ މަގާމާއެކު މުހައްމަދު އިޝާމްވެސް ފޯމުގައި ހުރި އިރު، އަބަދުވެސް ސަޕޯޓަރުންގެ ފޯރި ގަދަކޮށް ފެންނަ ދުވާފަރުގެ އެންމެ ބޮޑު ފައިދާއަކީވެސް އެއީ ކަމަށް ބެލެވިދާނެއެވެ. މެޗުތައް ފޯރިއާއި ޖޯޝުގައި ކުޅެމުން އަންނަ ދުވާފަރަށް ގަދަ 16 ޗެލެންޖަކަށް ވާ ސަބަބަކީ މާލޭގެ ގަދަ ބާރު ވިލިނގިއްޔާ ދެކޮޅަށް ނުކުންނަން ޖެހުމެވެ.

އިސްމާއީލް ވަޖީހު (ވައްޖެ) އާއި އަލީ ޝިޔާހްވެސް ވިލިގިއްޔަށް ރަނގަޅު ފޯމެއްގައި ކުޅެމުން އަންނައިރު، އެޓީމު އޮތީ އެންމެ ފަހުން ކުޅުނު މާލޭގެ ފައިނަލުގައި މާފަންނު އަތުން ބަލިވެފައެވެ. އެ ބަލި ހަނދާން ނައްތާލަން ޓީމުން ހިތްވަރު ކުރާނެކަން ޔަގީނެވެ.

ޒޯން ހަތެއްގެ ޗެމްޕިއަން ސ. ހިތަދޫގެ ފުރަތަމަ ފެނިލުމުގައިވެސް ތަފާތު ދައްކައިފިއެވެ. ފުޓްސަލްގެ ތަރިން އަބަދުވެސް އައްޑޫން ވިދަމުން އަންނަ އިރު، ހިތަދޫ މުބާރާތަށް ނުކުތް ފުރަތަމަ ފަހަރުވެސް ގަދަ 16 ހޯދުން މިއީ އެޓީމަށް ލިބުނު ބޮޑު ހިތްވަރަކަށް ވާނެއެވެ. ހާޒިމް ފައުޒީ ތަފާތު ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ އިރު، ނަތީޖާ ނެރުމުގައި ހަސަން ރާއިފް އަހުމަދު (ހަންނަ) ގެ ދައުރުވެސް ޓީމުގައި ބޮޑެވެ. ހާއްސަކޮށް ހިތަދޫ ފެންނަނީ ޓީމެއްގެ ގޮތުގައި ވަރުގަދަ ކޮށެވެ.

ޒޯން ހަތަރެއްގެ ރަނަރަޕް މާމިގިއްޔަށް މުބާރާތް އަލެއް ނޫނެވެ. އެޓީމުން އަބަދުވެސް ގޯލްޑަން ފުޓްސަލް ޗެލެންޖަށް ވަރުގަދަކޮށް ނުކުންނަ އިރު، ޓީމުގައި ތަރިން ގިނައެވެ. އިބްރާހީމް މައިޝަން ޓީމު ލީޑުކުރުމުގައި މުހިއްމު ރޯލެއް އަދާކުރަމުން މިހާ ހިސާބަށް އައި އިރު، އައްޑޫ ހިތަދޫއާ ކުރިމަތިލުމަށް މާމިގިލި އޮތީ ތައްޔާރަށްކަން ނަތީޖާތަކުން އެނގެއެވެ.

ޒޯން ތިނެއްގެ ފައިނަލުގައި ބ. އޭދަފުށި ބަލިކޮށް ތަށި ނެގި ގާފަރަކީ މިފަހަރުވެސް މުބާރާތުގެ ފެވަރިޓެކެވެ. ފުޓްސަލްގެ ތަރިންގެ ލިސްޓެއް އޮތް ގާފަރުން 2022 ވަނަ އަހަރުގެ ފައިނަލްގެ ހަނދާން ނައްތާލައި ތަށި ނަގަން ކުރަމުން އަންނަ މަސައްކަތުގައި ގަދަ 16 ގައި މާދަމާ ރޭ ދަޑިމަގާ ދެކޮޅަށް ނުކުންނަ މެޗު މަޖުބޫރުވާ އިރު، ގާފަރަށް އޮތީ އިތުބާރެވެ. އަދި މިހާތަނަށް މުބާރާތުގައި އެންމެ ތަފާތު ނަތީޖާތަކެއް ނެރުނު އެއް ޓީމަކަށް ގާފަރު ވެފައިވާ އިރު، ގައުމީ ޓީމަށް ފިޓްވަމުން އަންނަ ފޯވަޑް ޝަނާން ރަޝާދުގެ ހިއްސާ ޓީމުގައި މުހިއްމެވެ.

ދަޑިމަގަކީ މުބާރާތުގެ ގަދަ 16 އެންމެ ފުރަތަމަ ޔަގީންކުރި ޓީމެވެ. އެޓީމަށް އައްޑޫ ހިތަދޫ ކައިރިން ޒޯން ފައިނަލް ގެއްލުނު ނަމަވެސް، ޒޯނުގެ ލީގު ބުރުގައި ދަޑިމަގު ތަފާތެވެ. ޒޯންގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ހޮވުނީވެސް ދަޑިމަގުގެ އަލީ ޝަމާލް އަބްދުﷲ އެވެ. ދަޑިމަގުގެ ނުރައްކާ ގާފަރަށް ބޮޑުވާނެއެވެ.

މިދިޔަ އަހަރުގެެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ސެމީ ފައިނަލްގައި ކުޅުނު ކުޑަހުވަދޫން އަތޮޅު ބުރު ފެށީ އެންމެ ރަނގަޅު ފޯމުގައި ނޫން ނަމަވެސް، އަތޮޅު ޗެމްޕިއަންކަމާއި ޒޯން ޗެމްޕިއަންކަން ހޯދައި، އެޓީމުން ވަނީ ފެންވަރު ދައްކާލައިފައެވެ. މިހާރު އެއީ ޗެމްޕިއަންކަމަށް ވާދަކުރާ ޓީމެކެވެ. ޓީމު އޮތީ ރަނގަޅަށް މުބާރާތަށް ހޭނިފައެވެ. މިހާރު ފެންނަނީ ފެވަރިޓެއްގެ ސިފައެވެ. މުހައްމަދު އަރީޝްއާއި ޖުމައިލް ޖަމީލް (ޖުމްބެ) ވެސް ތަފާތު ދައްކަމުން އަންނަ އައުމަކީ އެޓީމަށް އޮތް ބޮޑު ހިތްވަރެކެވެ.

ޒޯން ފަހެއްގެ ޗެމްޕިއަން ކުޑަހުވަދުއާ ދެކޮޅަށް ގަދަ 16 ގައި ނުކުންނަނީ ޒޯން ދޭއްގެ ރަނަރަޕްކަން ހޯދި ނ. ކެނދިކުޅުދޫ އެވެ. ޓީމުގެ ތަފާތު ހުވަފެނީ ދަތުރުގައި ނަތީޖާތައް ނެރުމަށް ކުޅަދާނަކަން ވަނީ ސާބިތުކޮށްދީފައެވެ. ހާއްސަކޮށް ޓީމު އެންމެ ބޮޑަށް ބަރޯސާވާ މުހައްމަދު އައްޒާމް، އޭނާގެ ތަޖުރިބާއާއެކު ދައްކަމުން އަންނަނީ ތަފާތު މޮޅު ކުޅުމެކެވެ.

ޒޯން އެކެއްގެ ޗެމްޕިއަން އުތީމާއި ޒޯން ހައެއް ރަނަރަޕް ތިމަރަފުށީގެ ކުރިމަތިލުން ފޯރިގަދަވާނެއެވެ. އުތީމުން ވަރުގަދަ ނައިވާދޫ ބަލިކޮށް، ޒޯން ތަށި ނެގުން އެއީ އެޓީމަށް ގަދަ 16 އަށް ހޯދުނު އެންމެ ބޮޑު ހިތްވަރެވެ. ނައިވާދޫ ހިފެހެއްޓުން އެއީ ޔަގީނުންވެސް ފަސޭހަ ކަމެއް ނޫނެވެ. އެ ތަށްޓާއެކު އުތީމުން ދައްކައިދިނީ އެޓީމުގެ ފެންވަރެވެ. ޒޯން ފައިނަލްގައި މޮޅަށް ކުޅުނު މުހައްމަދު ނަބީލާއި މުޅި ޓީމުވެސް ތަފާތު ދައްކަމުން އަންނަ އިރު، މާދަމާ ރޭ އެޓީމުން ނުކުންނާނީ ފުޓްސަލްގެ ގަދަ ބާރު، މުބާރާތުގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ޓީމު ތިމަރަފުއްޓާ ދެކޮޅަށެވެ.

2022 ވަނަ އަހަރުވެސް ތަށި ހޯދައި، މިހާތަނަށް ތިން ފަހަރު ރާއްޖޭގެ ޗެމްޕިއަންކަން ހޯދާފައިވާ ތިމަރަފުށި މިހާރު އޮތީ އަނެއްކާވެސް ރަނގަޅު ފޯމެއްގައެވެ. ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިންގެ ބައިވެރިވުން އޮތް ވަރުގަދަ ސްކޮޑަކާއެކު ތ. އަތޮޅުގެ ތަށި ނަގައި ތިމަރަފުށިން ޒޯނަށް ނުކުތް އިރު، ޒޯނުގައި އެ ޓީމު ބަލިވީ އެންމެފަހުގެ ޗެމްޕިއަން ގަން އަތުންނެވެ. އެއީވެސް ވާދަވެރި ކުޅުމަކަށްފަހުއެވެ. ޒޯން ބުރުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ތިމަރަފުށީގެ އިބްރާހީމް (ސިނާ) ހޮވުނު އިރު، އޭނާގެ ރޯލު ޓީމުގައި މިފަހަރުވެސް ބޮޑެވެ.

ފޯރިގަދަ ކުރިމަތިލުމަކަށް މި މެޗު ވާނެއެވެ. ތަރީންގެ ކުރިމަތިލުމަކަށް ވެސް ވާނެއެވެ. މާފަންނުން ނުކުންނަނީ މާލޭގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. އަނެއްކޮޅުން ޒޯން ތިނެއްގެ ރަނަރަޕް އޭދަފުށި ވަކި ބައްޔެއް ނުވާނެއެވެ. މިފަހަރު އޭދަފުށިން ސްކޮޑު ވަރުގަދަކޮށް މުބާރާތަށް ނުކުތް އިރު، އިޝާން އިބްރާހީމް (ސައްޓު) އާއި ހައިސަމް ހަސަން ވެސް އަންނަނީ ޓީމުގައި މުހިއްމު ރޯލެއް އަދާކުރަމުންނެވެ.

އަނެއްކޮޅުން މާފަންނުގައި ޒޯން އަށެއްގެ އެންމެ މޮޅު ކުޅުންތެރިޔާ މުހައްމަދު ޔަފާއު އަދި ޓޮޕް ސްކޯރާ ހުސައިން ސުހައިލް (ސޮކޭ) ހުރުން އެއީ އެޓީމުގެ ފޯމުގައި ކުރިއަށްދާން ލިބޭނެ ބޮޑު ހިތްވަރެކެވެ.

ގަދަ 16ގެ މެޗުތައް ފޯރިގަދަވާނެ ކަމާމެދު ޝައްކެއް ނެތެވެ. މުޅި ރާއްޖެއިން އެންމެ ވަރުގަދަ 8 ޓީމު ކަނޑައެޅިގެންދާ މެޗުތަކަށް އިންތިޒާރުކުރަމާ ހިނގާށެވެ. ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި މެޗުތައް ކުރިއަށްދާ އިރު، މިފަހަރުވެސް މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.