ރާއްޖޭގެ ފުޓްސަލް "ކިންގް" ކަން ހޯދުމަށް ރަށްރަށުން ޖޯޝާއި ފޯރީގައި ކުރާ އެންމެ ބުރަ މަސައްކަތަކީ ގޯލްޑަން ފުޓްސަލް ޗެލެންޖަށް ކުރާ މަސައްކަތެވެ. ތާރީހީ ޗެމްޕިއަނަކަށް ވުމުގެ މަސައްކަތެވެ. އަހަރެއްހާ ދުވަހު ރާއްޖޭގެ ފުޓްސަލް ޗެމްޕިއަނުންގެ މަގާމު ދަމަހައްޓައި، ރަން ބެޖު މޭމަތީގައި ބައިންދާލުމަށް ކުރާ ބުރަ މަސައްކަތެވެ. 129 ޓީމުން ކުރަމުން އަންނަ އެ މަސައްކަތުގައި މިހާރު ބާކީ އޮތީ އެންމެ 16 ޓީމެވެ. ގަދަ 16އެވެ. އޭގެ ތެރެއިން އެއް ނަމަކީ އަލަށް މުބާރާތަށް ނުކުތް އައްޑޫ ހިތަދޫ އެވެ. ހިތަދޫގެ ނަމާއެކު މިފަހަރު މުބާރާތުން ވިދާލި ނަމަކީ ހާޒިމް ފައުޒީ އެވެ.

އުމުރު 23 ގެ ހާޒިމް ފައުޒީއަކީ އައްޑޫ ފުޓުބޯޅައަށް، ފުޓްސަލްއަށް އާ ނަމެއް ނޫނެވެ. ލީޑަރެކެވެ. އަބަދުވެސް މުހިއްމު ވަގުތުގައި ފެންނާނެ މޫނެކެވެ. ނަމޫނާ، ޑިސިޕްލިންއެއްގެ ހުނަރުވެރި ކުޅުންތެރިއެކެވެ. ހާޒިމް ފައުޒީގެ ފުޓްސަލް ކެރިއަރު ފެށުނީ 2016 ވަނަ އަހަރު އައްޑޫގެ ގޯދިއްޔާ ފުޓްސަލް މުބާރާތުންނެވެ. އޭގެ ފަހުން ހާޒިމްގެ މޮޅު ހުނަރާއެކު 2018 ވަނަ އަހަރު އޭނާ ރާއްޖޭގެ ފުރަތަމަ ޑިވިޝަން ކްލަބެއް ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކްލަބަށް، އުމުރު ހަގުކޮށް ކުޅުނެވެ. އެ ފުޓުބޯޅަ ކެރިއަރަށް ހާޒިމް ފައުޒީ އުންމީދުތަކެއް ކުރި ނަމަވެސް، ކަން ދިމާކުރި ގޮތުން 2019 ވަނަ އަހަރު ލިބުނު އަނިޔާއެއްގެ ސަބަބުން ފުޓުބޯޅައާ ދުރަށް ޖެހިލަން މަޖުބޫރުވިއެވެ. ހާޒިމް ފައުޒީގެ ނަޒަރުގައި އޭނާއަށް މިވަގުތު ފުޓްސަލް މާ ކާމިޔާބެވެ.

"ބޮޑެތި މުބަރާތްތަކުގައި ކުޅެން ފެށި ހިސާބުން ތަޖުރިބާ ލިބެން ފަށައިފި. ރަނގަޅު ތަޖުރިބާކާރު ކުޅުންތެރިންނާއެކު ކުޅެން ފެށުމާއެކު ގޭމް ރަނގަޅުކުރަން މަސައްކަތް ފެށިން. އައްޑޫން އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ ސްޓްރީޓް މުބާރާތުގެ ބެސްޓް ޕްލޭޔާ ހޯދައި، ދެފަހަރަށް ތަށި ނެގުން އެއީ 2021، 2022 ވަނަ އަހަރު. އެހިސާބުން އައްޑޫއަށް ވަރަށް ބޮޑަށް އެނގެން ފެށި،" ކެރިއަރުގެ ފެށުން "ވަން ސްޕޯޓްސް" އާ ހިއްސާކުރަމުން ހާޒިމް ފައުޒީ ބުންޏެވެ.

މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އައްޑޫގެ ޗެމްޕިއަން ކަމަށާއި، ޒޯން ހަތެއްގެ ޗެމްޕިއަންކަން ހިތަދޫން ހޯދި އިރު، އެއީ ޓީމުގެ ތާރީހަށް ކޮންމެހެން މުހިއްމު ކާމިޔާބީއެކެވެ. އަލަށް މުބާރާތަށް ނުކުމެ، ގަދަ 16 އާ ހަމައަށް ގޮސް، އައްޑޫ ހިތަދޫ ފުޓްސަލްގެ ގަދަ ބާރުންގެ ތެރެއަށް ފެތިލި އިރު، ހާޒިމް ފައުޒީ މިހާތަނަށް ހަތަރު މެޗެއްގައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި، އަތޮޅު ބުރުގެ އެންމެ މޮޅު ކުޅުންތެރިޔާ، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމުގެ އިތުރުން ޒޯން ހަތެއްްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފިއެވެ.

"ޓީމު ތެރޭގެ ކަންކަން ވަރަށް ރަނގަޅަށް ކުރިއަށް މިދަނީ. މިއީ ހިތަދޫގެ އެކިއެކި ސަރަހައްދުން ނެގިގެން އައި ޓީމެއް. މި ޓީމަށް ވަރަށް ބޮޑަށް އިތުބާރު އެބައޮތް. ކުރިއަށް އޮތް މެޗުތަކަށްވެސް ވަރަށް ވަރަށް ބޮޑަށް ތައްޔާރުވަމުން މި ދަނީ،" ހާޒިމް ފައުޒީ ބުންޏެވެ.

މަންމައާއި ބައްޕަގެ އިތުރުން އަންހެނުންނާއި އެކުވެރި ކުޅުންތެރީންނަކީ ކެރިއަރުގެ ކާމިޔާބީގެ ގޮތުގައި ސިފަކުރާ ހާޒިމް ފައުޒީ، މިވަގުތު ހުރީ އޭނާ އެންމެ ގަޔާވާ މުބާރާތުގައެވެ. ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތުގައި އައްޑޫ ހިތަދޫގެ ކެޕްޓަން ކަމުގައެވެ. އޭނާއަށް އޮތް ހަމައެކަނި ވިސްނުމަކީ ތަށްޓެވެ.

"މިއީ އެންމެ ކުޅޭހިތްވާ މުބާރާތް، ހިތަދޫގެ ނަމުގައި ކުޅޭތީއާވެސްއެކު. ހިތަދޫއަށް މިހާރު އޮތް ޓާގެޓަކީ ތަށި. މަސައްކަތް ކޮށްފިއްޔާ އެކަން ވާނެ. އެއް މަސް ދުވަހުގެ ފަރިތަކުރުންތަކަކަށް ބަލާއިރު. ވަރަށް ބޮޑު ސްކޮޑެއް އޮއްވާ، އެންމެ ރަނގަޅު ކުޅުންތެރިން ނެގުމަށް ކުރި މަސައްކަތުން ފެށިގެން މިއަދާ ހަމައަށް އައިސް، ޓާގެޓަކީ ތަށި. ރަށުގެ ސަޕޯޓަރުންގެ އުންމީދަކީ ވެސް ތަށި،" ހާޒިމް ފައުޒީ ބުންޏެވެ.

ކެރިއަރުގެ އެންމެ މުހިއް އެއް މެޗަކަށް މިރޭ ހާޒިމް ފައުޒީއާއެކު ހިތަދޫ ނުކުންނާނީ އދ މާމިގިއްޔާ ދެކޮށެވެ.