މިދިޔަ އަހަރުގެ މިހާތަނަށް އަޅައި ބަލާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު 16 ޕަސަންޓަށް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި "ޓޫރިޒަމް ޑެއިލީ އަޕްޑޭޓް" ގައިވާ ގޮތުން މިދިޔަ އަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވަނީ 325،423 ފަތުރުވެރިންނެވެ. މިއަހަރުގެ މިހާތަނަށް އައިސްފައިވަނީ 378،245 ފަތުރުވެރިންނެވެ. ޓޫރިޒަމް ޑެއިލީ އަޕްޑޭޓްގައިވާ ގޮތުން އެއީ 16.5 ޕަސަންޓުގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އަދަދަކީ 172،499 އެވެ. މިއަހަރުގެ ޖެނުއަރީ މަހު އެ އަދަދު ވަނީ 192،385 އަށް އިތުރުވެފައެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 177،915 ފަތުރުވެރިން ރާއްޖެ އައިއިރު، މިއަހަރުގެ ފެބްރުއަރީ މަހުގެ މިހާތަނަށް ވަނީ 185،860 ފަތުރުވެރިން ރާއްޖެ އައިސްފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ 70 ޕަސަންޓު އައިސްފައިވަނީ ރިސޯޓުތަކުގައި ޗުއްޓީ ހޭދަ ކުރުމަށެވެ. 23 ޕަސަންޓު ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރި އިރު، ހަތަރު ޕަސަންޓު ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ސަފާރީތަކުގައެވެ. އަދި ތިން ޕަސަންޓު ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ހޮޓާތަކުގައެވެ.

ފަތުރުވެރިން ވަނީ ރާއްޖޭގައި ހަތް ދުވަހާއި އަށް ދުވަހުގެ މުއްދަތަކަށް އެވްރެޖުގޮތެއްގައި މަޑުކޮށްފައެވެ.

  • ޗައިނާ - 51،984 ފަތުރުވެރިން
  • ރަޝިއާ - 36،423 ފަތުރުވެރިން
  • އިޓަލީ - 35،834 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 33،401 ފަތުރުވެރިން
  • އިންޑިއާ - 25،096 ފަތުރުވެރިން
  • ޖަރުމަން - 23،341 ފަތުރުވެރިން
  • ފްރާންސް - 14،360 ފަތުރުވެރިން
  • އެމެރިކާ - 12،194 ފަތުރުވެރިން
  • ޕޮލެންޑް - 9،588 ފަތުރުވެރިން
  • ސުވިޒަލޭންޑް - 8،297 ފަތުރުވެރިން