އިނގިރޭސި ޕްރިމިއާ ލީގުގެ ތަށްޓަށް ވާދަކުރަމުން އަންނަ މެންޗެސްޓާ ސިޓީއާއި އާސެނަލުންވެސް ރޭ ކުޅުނު މެޗުތައް ކާމިޔާބު ކޮށްފިއެވެ.

ލީގު ރޭހުގެ ފޯރިގަދަވަމުންދާ އިރު، ރޭ ސިޓީން ބޯންމައުތު ދަނޑުގައި ހޯދީ 1-0 ގެ ހަނި މޮޅެކެވެ. އަމިއްލަ ދަނޑުގައި ރޭ އާސެނަލުން 4-1 އިން ނިއުކާސަލް ބަލިކުރި އިރު، ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތީ ލިވަޕޫލެވެ. އެއީ 26 މެޗުން 60 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ސިޓީއާއި އާސެނަލުންވެސް އެ އަދަދަށް މެޗު ކުޅެފައިވާ އިރު، ސިޓީން ދެވަނައިގައި އޮތީ 59 ޕޮއިންޓާއެކުގައެވެ. އާސެނަލް މިވަގުތު ތިންވަނައިގައި އޮތީ 58 ޕޮއިންޓާއެކުގައެވެ.

ސިޓީން ރޭ ބޯންމައުތު ދަނޑުގައި ކުޅުނު މެޗުގައި ދަށްކޮށް ފެށި ނަމަވެސް، ފުރަތަމަ ހާފުގައި އެޓީމުން ލީޑު ނެގިއެވެ. އާލިން ހާލަންޑްގެ ހަމަލާއެއް ބޯންމައުގެ ނެޓޯ މަތަކުރި ނަމަވެސް ރީބައުންސްގައި ފިލް ފޮޑެން ވަނީ ސިޓީއަށް ގޯލު ޖަހައިދީފައެވެ.

ސިޓީން ފުރަތަމަ ހާފުގެ ބާކީބައިގައި މެޗުގެ ކޮންޓްރޯލް ގެއްލުވާނުލައި ކުޅުނު ނަމަވެސް ކައުންޓާގައި ބޯންމައުތު ދިޔައީ ނުރައްކާ ކުރަމުންނެވެ. މާކަސް ޓަވާނިއޭއާއި ޑޮމިނިކް ސޮލާންކޭއަށް ރަނގަޅު ފުރުސަތުތައް ލިބުނު އިރު، ދެވަނަ ހާފުގައި ބޯންމައުތުގެ އެނެސް އުނާލަށްވެސް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

އާސެނަލުން ރޭ ނިއުކާސަލް ކައިރިން ބޮޑު މޮޅެއް ހޯދި މެޗުގެ ކުރީކޮޅުގައި އާސެނަލް ލީޑުނެގިއެވެ. އެޓީމުން ޖެހި ފުރަތަމަ ގޯލަކީ ކޯނަރެއްގައި ގެބްރިއަލް ބޮލުން ޖައްސާލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ސްވެން ބޮޓްމަން އަތުން ވަން ގޯލެކެވެ.

ފުރަތަމަ ގޯލަށް މާގިނައިރެއް ނުވެ، އާސެނަލްގެ ކައި ހަވާޓްސް ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ. އަދި ދެވަނަ ހާފަށް ނުކުމެ ބުކަޔޯ ސަކާއާއި ޔަކޫބް ކިވިއޯ ޖެހި ގޯލުތަކުން އާސެނަލް ވަނީ މޮޅު ޔަގީންކޮށްފައެވެ. މެޗުގައި ނިއުކާސަލްގެ ހަމައެކަނި ގޯލު، 84 ވަނަ މިނެޓުގައި ޖެހީ ޖޯ ވިލޮކެވެ.