އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ފުލަމް ކައިރިން ބަލިވި ނަމަވެސް، މުސްތަގުބަލު ފެންނަނީ މާޔޫސީ ގޮތެއްގައި ނޫން ކަމަށް ކޯޗު އެރިކް ޓެން ހާގު ބުނެފިއެވެ.
ރޭ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ފުލަމް ކައިރިން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މިއީ މިދިޔަ 61 އަހަރުގެ ތެރޭގައި ޔުނައިޓެޑުން ފުލަމް ކައިރިން ބަލިވި އެންމެ ދެވަނަ ފަހަރެވެ. އަދި މި ސީޒަނުގެ ލީގުގައި ޔުނައިޓެޑް މިހާތަނަށް 10 ބަލިވެފައިވާ އިރު، ސާ އެލެކްސް ފާގަސަން އެ ކްލަބުގެ ކޯޗުކަމުގައި ހޭދަކުރި 21 އަހަރުގެ ތެރޭގައި އެއްވެސް ސީޒަނެއްގައި 10 ބައްޔާ ކުރިމަތިލާފައެއް ނުވެއެވެ.
ރޭގެ ނަތީޖާއާއެކު ޔުނައިޓެޑަށް ވަނީ ގަދަ ހަތަރެއްގެ އުންމީދު ކުޑަވެފައެވެ. ހަތަރު ވަނައިގައި އޮތް އެސްޓަން ވިލާއިން 26 މެޗުން 52 ޕޮއިންޓް ހޯދާފައިވާ އިރު، ޔުނައިޓެޑް ހަވަނައިގައި އޮތީ 26 މެޗުން 44 ޕޮއިންޓާއެކުގައެވެ.
މެޗުގައި ޔުނައިޓެޑުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ދެވަނަ ހާފުގައި ކެލްވިން ބައްސޭ ޖެހި ގޯލުން ފުލަމް ލީޑު ނެގިއެވެ. އެ ގޯލާއެކު މެޗުގެ ފަހުކޮޅަށް ދަނިކޮށް، 89 ވަނަ މިނެޓުގައި ހެރީ މެގުއާ ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އެ ގޯލާއެކު ޔުނައިޓެޑުން މޮޅުވާން މަސައްކަތް ކުރަނިކޮށް، ފަހު މިނެޓުގައި ފުލަމް މޮޅުކޮށްދިނީ އެލެކްސް އިވޯބީއެވެ.
މެޗަށްފަހު ޔުނައިޓެޑްގެ ކޯޗު ޓެން ހާގު ބުނީ ބޮޑު މައްޒަރަށް ބަލާއިރު، މާޔޫސް ވެވެން ނެތް ކަމަށެވެ.
"މެޗަކުން ބަލިވުމުން ބަލަން ޖެހޭނީ ބޮޑު މަންޒަރަށް. އެ މަންޒަރާ ދޭތެރޭ ހިތްހަމަ ޖެހޭ. އަހަރެމެން ޓީމު ބެލެންސް ކުރުމަށް އަނިޔާގައި ތިބި ކުޅުންތެރިން އަނބުރާ ކުޅުމަށް އައުން މުހިއްމު. އަދި ޓްރާންސްފާ ސީޒަނުގެ ބޭނުންވެސް ކުރަން ޖެހޭ. ޔަގީންނުންވެސް ޓީމުގައި މައްސަލައެއް ނެތް. އަހަރެމެން މިދަނީ ރަނގަޅު މިސްރާބަށް،" ޓެން ހާގު ރޭ ބުންޏެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު