ކޮންޓޭނަރެއްގެ ތެރޭގައި ފިލައިގެން މެލޭޝިޔާއަށް އެތެރެވާން އުޅުނު ލަންކާ މީހުން ޑީޕޯޓްކޮށްފިއެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ލަންކާގެ ޕޯޓެއްގައި އޮތް ބޯޓަކަށް އަރައި އޭގެ ކޮންޓެއިނަރަކަށް ވަދެ ފިލި ދެމީހުން މަސައްކަތް ކޮށްފައި ވަނީ މެލޭޝިޔާއަށް އެތެރެވާށެވެ.

ބޯޓު މެލޭޝިޔާއަށް ބަނދަރުކުރުމާއެކު އެ ދެމީހުން ވަނީ މެލޭޝިޔާއަށް އެތެރެވުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެ ގައުމުގެ ބޯޑަރު ކޮންޓްރޯލުން ވަނީ އެ ދެމީހުންނަށް އެތެރެވުމަށް ހުއްދަ ނުދީފައެވެ.

މެލޭޝިޔާއިން އެ ދެމީހުން ބަލައިނުގަތުމުން އެ މީހުންނަށް މަޖުބޫރުވީ އެ ބޯޓުން ދަތުރުކުރާށެވެ. ގިނަ ގައުމުތަކަކަށް ބަނދަރުކުރުމަށްފަހު އެ ބޯޓު ޗައިނާއަށް ވަނުމާއެކު އެ ގައުމުގެ ފުލުހުން ވަނީ އެ ދެމީހުން ހައްޔަރުކޮށްފައެވެ.

ލަންކާގެ އޮފިޝަލުން ވަނީ އެ ދެމީހުން ޗައިނާއިން ޑީޕޯޓުކޮށް ހޮނިހިރު ދުވަހު ލަންކާއަށް ގެނެވިފައިވާކަމަށް ބުނެފައެވެ. މީގެ އިތުރުން އެ ދެމީހުން ހައްޔަރުކޮށް ކަމާ ގުޅޭ އިދާރާތަކުން ތަހުގީގު ފަށާފައިވާކަމަށް ބުނެފައިވެއެވެ.