މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު، އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ ޒޯން ބުރުގެ ފައިނަލުން ސ. ހިތަދުއާއި ހއ. އުތީމުވެސް ޖާގަ ހޯދައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފޯރިގަދަ ޒޯން ބުރު ނިމުމަކަށް އައިސްފައިވާ އިރު، ރޭ ވަނީ އިތުރު ޒޯން ފައިނަލްތަކެއް ޔަގީންވެފައެވެ. ޒޯން ހަތެއްގެ ލީގު ބުރުގެ ފަހު ދެމެޗު ރޭ ކުޅެފައިވާ އިރު، ރޭގެ މެޗަށް ނުކުތްއިރުވެސް ޒޯން ފައިނަލް ޔަގީންކޮށްފައި އޮތް ދަނޑިމަގުން ވަނީ ގއ. ގެމަނަފުށި ކައިރިން 5-0 އިން ބޮޑު މޮޅެއް ހޯދާފައެވެ. އެޓީމު ފައިނަލަށް ދިޔައީ ލީގު ބުރުގެ ހުރިހާ މެޗަކުން މޮޅުވެގެންނެވެ.
އެ ޒޯނުގެ ފައިނަލްގެ ދެވަނަ ޖާގައަށް ރޭ އެންމެފަހުގެ ރަނަރަޕް ގދ. ވާދުއާއި އައްޑޫ ހިތަދޫ ވާދަކުރި މެޗު، ހިތަދޫން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. ހިތަދޫގެ ހަސަން ރާއިފް އަހުމަދު (ހަންނަ) މެޗުގައި ދެ ގޯލު ޖެހި އިރު، އެޓީމުގެ އަނެއް ގޯލުތައް ޖެހީ ހާޒިމް ފައުޒީއާއި މުހައްމަދު ސަބާހް މަސްރޫރެވެ. ވާދޫގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު އިޔާދު އަލީއެވެ.
ޒޯން އެކެއްގެ ލީގު ބުރުގެ ފަހު ދެމެޗުވެސް ރޭ ކުޅެފައިވާ އިރު، ރޭގެ މެޗުތަކަށް ނުކުތްއިރުވެސް ހދ. ނައިވާދުއަށް އޮތީ ޒޯން ފައިނަލް ޔަގީންވެފައެވެ. ރޭ ނައިވާދޫން 5-1 އިން ނޮޅިވަރަން ބަލިކުރި އިރު، އެޓީމުން ލީގު ބުރު ނިންމާލީ ބަލިނުވެއެވެ.
އުތީމުން ރޭ ފައިނަލް ޔަގީންކުރީ ދިއްދޫ ކައިރިން 5-2 އިން މޮޅުވެގެންނެވެ. އުތީމުގެ މުހައްމަދު ނަބީލާއި ތަހާ މުހައްމަދު، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހި އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ މުހައްމަދު މަޒީނެވެ. ދިއްދޫގެ ދެ ގޯލުވެސް ރޭގެ މެޗުގައި ޖެހީ ހައިސަމް ރަޝީދެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް