މުހްޔިއްދީން ސްކޫލް ގްރޭޑް 8ގައި ކިޔަވާ އިބްރާހިމް މިޒްއާން ހަސަން އަކީ އުފެދުމުގައި އެހެން ކުދީންނާ ތަފާތުކަމެއް ހުންނަ ކުއްޖެކެވެ.

މިޒްއާން މަންމަ މަރިޔަމް މުނާ މޫސާ "ވަން"އަށް ބުނީ، ދަރިފުޅުގެ އުފެދުމުގައާއި ވާހަކަ ދެއްކުމުގައި ތަފާތުތަކެއް ހުރިކަން ފާހަގަ ކުރެވުނީ ދަރިފުޅުގެ އުމުރުން ތިން އަހަރު ނުވަނީސް ކަމަށެވެ. ސަބަބަކީ ކައިރި ކައިރީ ދެކުދިން ލިބި ދެކުދީންގެ އުޅުމާއި އުނގެނުމުގެ ހުނަރު ތަފާތުކަން ފާހަގަކުރެވި އަދި އެއީ އެހެން ކުދިންނާ ތަފާތު ކުއްޖެއްކަން ދަނެގަނެވުމުންނެވެ.

މުނާ ކުރިން ވަޒީފާ އަދާކުރީ މުހިއްޔުއްދީން ސްކޫލުގެ ޕްރިމަރީ ޓީޗަރެއްގެ ގޮތުގައެވެ. ނަމަވެސް މިޒްއާން ބެލުމުގައި އުނދަގޫ މަރުހަލާތަކަކާއި ކުރިމަތިވުމުން ވަޒީފާއިން ވަކިވެ ހުރިހާ ވަގުތެއް ދެ ކުދީން ބެލުމަށް ހުސްކުރީ އެވެ.

މުނާ ބުނީ ތިން އަހަރު ނުވަނީސް މިޒްއާން އޯޓިޒަމަށް ޑައިގްނޯސް ވި ކަމަށެވެ. ދެން ކުއްލިޔަކަށް އެނގުނީ މިޒްއާން ހަތަރުކަޅިވެސް ހަމަނުކުރާކަމެވެ. ހަތް އަހަރުވަންދެން އޮކިއުޕޭޝަނަލް ތެރަޕީ އަދި ސްޕީޗް ތެރަޕީ ދިނީ އޯޓިޒަމް ސެންޓަރުންނެވެ. ގްރޭޑް އެކެއްގައި މިޒްއާން ތެރަޕީ ހަދަން ޖެހޭތީ ސްކޫލުގެ ފުރަތަމަ ޓާމް ދިޔައީ ހާފް ސެޝަން ކިޔަވައިދީގެންނެވެ.

މިޒްއާނަށް ޓަކައި ވަގުތު ހުސްކޮށްގެން ކަންކަން ގެންދާން ފެށުމުން، އެ ދަރިފުޅުގެ އުނގެނުމަށާއި މިޒާޖަށްވެސް ވަރަށް ބޮޑު ހެޔޮ ބަދަލުތަކެއް އައިކަމަށް މުނާ ބުންޏެވެ. ކުރީން މިޒްއާން ބެލުމުގައާއި ގެންގުޅުމުގައާއި އުނގަންނައިދިނުމާއި އަދި އުނގެނުމަށް ވެސް ފަސޭހަ ބަދަލުތަކެއް އައިކަން މުނާ ފާހަގަކުރިއެވެ.

އޯޓިޒަމް ސެންޓަރުގެ ލަފަޔާއި އިރުޝާދުގެ ދަށުން ކަންތައް ކުރަން ފެށުމުންނާއި ވަކި ވަގުތުތަކެއްގައި ވަކި ކަމަކަށް ހާއްސަ ކުރުމުން މިޒްއާންގެ އުޅުމާއި ވިސްނުމާއި ރުޅި ކޮންޓްރޯލް ކުރުމުގައި ފަސޭހަތަކެއް ލިބުނުކަން ވެސް މުނާ ފާހަގަކުރިއެވެ.

އެ ގޮތުން ބައެއް ކަހަލަ އުފެއްދުންތެރި މަސައްކަތްތަކަށް މިޒްއާންގެ ޝައުގު އުފެދެން ފެށިއެވެ.

"ނަގެޓްސް ކެރެކްޓާ އެކި ގޮތްގޮތަށް ގެންނަން ހިޔާލު އުފެދުނީ 2020 ކޮވިޑްތެރޭ ޓީވީން ބެލި ކާޓޫނަކުން. ފުރަތަމަ ހެދީ ވާހަކަ ފޮތުގައި ނަގެޓްސް ކެރެކްޓާގެ 77 ކެރެކްޓާ. އެ ވާހަކަ ފޮތަކީ 12 ބައި ހިމަނާފައިވާ ވާހަކަ ފޮތެއް." މުނާ ބުންޏެވެ.

ނަމަވެސް އެއް ފޮތެއްގައި އެހާ ގިނަ ކެރެކްޓާތައް ހުރުމުން މިޒްއާން މިހާރު ބޭނުންވަނީ އަލުން އެ ފޮތް ލިޔެ މަދު ކެރެކްޓާތަކާ އެކީ، އަލުން އެ ވާހަކަ ލިޔަން ކަމަށްވެސް މިޒްއާންގެ މަންމަ ބުންޏެވެ.

"މިސާލަކަށް، ބެގީ ނަގެޓްސް، ފްރޯޒަން ނަގެޓްސް، ކްރިސްޕީ ނަގެޓްސް. 100އަށް ވުރެން ގިނަ ނަގެޓްގެ ކުރެހުންތައް ކުރެހިފަ ވާނީ. ނަގެޓްސް ވައިބް ސްޓިކާވެސް. މިސާލަކަށް، ޖަސްޓް ޗިލް އަދި ނަގެޓްސްގެ ކީ ޗޭންސްވެސް ހަދަން (މިއީ ރިވެލި ކާނިވަލަށް ހާއްސަކޮށް ތައްޔާރުކުރި ތަކެތި)،" މިޒްއާންގެ އުފެއްދުންތެރި ބައެއް މަސައްކަތް ދައްކާލަމުން މުނާ ބުންޏެވެ.

މިޒްއާން މިކަމުގައި އިތުރަށް ކުރިއަރަން ބޭނުންވާކަން ފާހަގަކުރިއެވެ. އަދި މުސްތަގްބަލުގައި ސްޓިކާގެ ކީޗޭންސް ވެސް ތައްޔާރުކުރަން ވިސްނައެވެ. އެއީ މިޒްއާންގެ އިހުސާސްތައް ދައްކުވައިދޭ ގޮތެވެ. ކުރެހުންތަކުންނާއި ވާހަކަ ފޮތުގެ ޒަރިއްޔާއިންނެވެ.

" މިއީ އަހަރެންގެ ޕެޝަން. މިއީ އަހަރެން ގެ އިހުސާސްތައް ދައްކުވާދޭން ބޭނުންކުރާ ވަސީލަތްތައް. އަހަރެން ވަރަށް އުފާވޭ އަހަރެންގެ ކިބައިގައި ހުރި ހުނަރެއް ކުރެހުމަކުން މީހުންނަށް އަަންގަދެވޭތީ. ގިނަ ބަޔަކަށް ފެންނާތީ. އަހަރެންގެ ކުރެހުންތަކުން އާއިލާ ކުދިންނަށް ކަމުގޮސްގެން އެެހެން ކަހަލަ އުފެއްދުންތައް ފަރުމާ ކުރަން މަސައްކަތް ކުރާތި ވަރަށް އުފަވޭ" އުފަވެލާފައި ހަދާފައި ހުރި ތަކެތި ދައްކައިދެމުން މިޒްއާން ކިޔައިދިނެވެ.

ކިޔެވުމުގައި މިޒްއަން އަކީ ފާހަގަކޮށްލެވޭ ކުއްޖެކެވެ. ސްކޫލުން ދޭ ފިލާވަލުތައް ނިންމާފައި އެހެންކުދިންނަށްވެސް އެހީތެރިވެދެއެވެ. އެއީ ސްކޫލު ޕްރިފެކްޓެއްގެ އިތުރުން ސްކައުޓެއްވެސް މެއެވެ.

"މުސްތަގުބަލުގައި ނަގެޓްސްގެ އެނިމޭޝަނެއް ތައްޔާރުކުރަން ބޭނުން. ގިނަ ކެރަކްޓާސްތައް ތައްޔާރުކުރުމަކީވެސް ޝައުގުވެރިކަމެއް. ކިޔެވުމުގަ ސްކޫލުގެ ކްލާސް ކުދިންނާއި ކިޔަވައިދޭ ޓީޗަރުންވެސް ވަރަށް ރަނގަޅު. ވަރަށް އެހީތެރިވެދޭ،" މިޒްއާން ބުންޏެވެ.

މިޒްއާންގެ ކިޔެވުން ދުވަހުން ދުވަހަށް ރަގަޅުވާން ފެށީ މުހިއްޔުއްދީން ސްކޫލްގެ ޓީޗަރުންނާއި ސްކޫލުގެ ވެސް އެއްބާރުލުން ލިބިގެންކަން މިޒްއާން މަންމަ ބުންޏެވެ.

"އަސްލު އެ ސްކޫލަކީ މިޒްއާންމެން ކަހަލަ ކުދިންނަށް ވަރަށް ސަޕޯޓުދޭ ސްކޫލެއް. ޓީޗަރުން ވަރަށް ވަރަށް ރަނގަޅު. އެއްވެސް ތަފާތު ކުރުމެއްނެތި ހުރިހާ ކުދިންދެކެވެސް ވަރަށް ލޯބިވާނެ. ވަރަށް މަަސައްކަތް ކޮށްދޭނެ ކަންތައްތައް ދަސްކޮށްދޭން. ކުރިން ބިރުން ހުންނަނީ ކުދިން ބުލީ ކޮށްފާނެތީ. އެކަމަކު މިހާރު ހިތްހަމަޖެހޭ. މިޒްއާން އެކަނި ވެސް މިހާރު ތަންތަނަށް ފޮނުވަން،" މުނާ ބުންޏެވެ.

މުހްޔިއްދީން ސްކޫލްގެ ސްކައުޓެއްގެ ގޮތުގައި އުޅޭ މިޒްއާނަށް ސްކައުޓުންގެ ފަރާތުން ލިބޭ އެހީތެރިކަމާއި ހިތްވަރު ފާހަގަކުރަމުން މުނާ ބުނީ، ކޮރެއާ ޖަމްބަރީއަށް މިޒްއާން އެކަނި އާއިލާގެ މީހަކު ނުލައި ވަކީން ފޮނުވާލުމުން މިހާރު އަސްލު މިޒްއާންގެ މުސްތަގުބަލާ ދޭތެރޭ އުއްމީދު އާވެއްޖެ ކަމަށެވެ

"އަހަރެން ކަހަލަ ކުދިންނަށް ބުނެލަން ބޭނުންވަނީ، މުސްތަގުބަލުގެ ހުވަފެންތައް ފުރިހަމަ ކުރަން އުންމީދު ކަނޑާނުލުމަށް، ގަދައަޅާ މަސައްކަތް ކުރުމަށް. އެންމެ ފަހުން ކާމިޔާބު ވާނީ ގަދަ އަޅާ މަސައްކަތް ކުރާ މީހުން،" މިޒްއާން ބުންޏެވެ.

މުނާ ބުނީ މުސްތަގުބަލުގައި މިޒްއާން ބޭނުންވަނީ ހިސާބު ޓީޗަރަކަށް ވާން ކަމަށެވެ. އަބަދުވެސް އެހެން ކުދިންނަށް ކަންތައް ދަސްކޮށްދިނުމަކީ މިޒްއާން ވަރަށް ކުރާހިތްވަކަމެއް ކަމަށެވެ.

ސްކޫލު މާހައުލާއި އާއިލީ ލޯބި އަދި ބޮޑެތި މީހުންގެ ނިންމުން ތަކަކީ މިޒްއާން ކަހަލަ އޯޓިޒަމް ހުންނަ ކުދީންނަށް ފަހި މުސްތަގުބަލެއް ހޯދައިދިނުމަށް އެހީއެކެވެ. ބޭނުންވަނީ ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއްކަން ދަނެގަނެ އެ ކުދިންގެ ވިސްނުމާ އެއްފެންވަރަށް ކިޔަވައިދޭނެ ޓީޗަރުންނާއި އެ ކުދީންނަށް އަޅައިލުމާއި ލޯބި އަދި ހިތްވަރުދޭ މުޖްތަމައެކެވެ.