އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ކުޅުނު މެޗުގައި ފަހަތުން އަރައި ލުޓޮން ބަލިކޮށްފިއެވެ.

ލިވަޕޫލުން ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މޮޅަކީ ތާވަލުގެ އެއްވަނަ ދަމަހައްޓަން ލިވަޕޫލަށް މުހިއްމު މޮޅެކެވެ. އެޓީމުން މިހާތަނަށް ކުޅުނު 26 މެޗުން 60 ޕޮއިންޓް ހޯދާފައިވާ އިރު، ދެވަނައިގައި މިވަގުތު މެންޗެސްޓާ ސިޓީ އޮތީ 25 މެޗުން 56 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އާސެނަލް އޮތީ 25 މެޗުން 55 ޕޮއިންޓާއެކުގައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލުޓޮންއިން ވަނީ ލީޑު ނަގައިފައެވެ. މެޗުގެ 12 ވަނަ މިނެޓުގައި ލުޓޮންއިން ލީޑު ނެގީ ޗިއެޑޯޒީ އޮގްބޭނޭގެ ގޯލުންނެވެ. އެ ގޯލަށްފަހު ލިވަޕޫލުން ބޮޑަށް ނުރައްކާ ކުރި އިރު، ލުއިސް ޑިއާޒަށް ވަނީ ފުލުފުލުގައި ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފުގައި ލިވަޕޫލުން ފުރުސަތުތައް ނަގާލި ނަމަވެސް، ދެވަނަ ހާފުގައި އެޓީމުގެ ފަރާތުން ފެނުނީ ތަފާތު މަންޒަރެކެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި ވާޖިލް ވެން ޑައިކް ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދިން އިރު، އެ ގޯލަށް ދެ މިނެޓް ފަހުން ކޯޑީ ގަކްޕޯ ޖެހި ގޯލުން އެޓީމު ލީޑު ނެގިއެވެ.

އޭގެ ގަހުން މެޗުގެ 71 ވަނަ މިނެޓުގައި ޑިއާޒް ވަނީ އޭނާގެ ނުވަވަނަ ޝޮޓުން ގޯލު ޖަހައިފައެވެ. ލިވަޕޫލްގެ ހަތަރުވަނަ ގޯލު، މެޗު ނިމެންދަނިކޮށް ޖަހައިދިނީ ހާވީ އެލިއޮޓެވެ.