ރައްޔިތުންގެ މަޖިލީހުން ބިލު ފާސްކުރި ގޮތަށް މަޖިލިސް އިންތިހާބު ރޯދަމަހުގެ ފަހަށް ފަސްކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވައިލައްވައިފިއެވެ.
މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ތިމަރަފުށި ދާއިރާއަށް ވާދަކުރައްވާ ކުރީގެ ޓެކްސް ކޮމިޝަނަރު ފަތުހުﷲ ޖަމީލުގެ ކެމްޕޭން ޖަލްސާއެއްގައި މިރޭ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އީސީން މިހާރު މަސައްކަތްކުރަމުންދަނީ ކަން ކުރަންޖެހޭ ގޮތަކަށް ނޫން ކަމަށެވެ.
"އަޅުގަނޑު އިލެކްޝަންސް ކޮމިޝަނަށް މިރޭ ދަންނަވާލާނީ ސަރުކާރުގެ ނުފޫޒުން ދުރަށް ޖެހިވަޑައިގަންނަވާށޭ. ތިއީ އަޅުގަނޑުމެން އައްޔަންކުރެއްވި ބޭފުޅުން ކަންކުރައްވާނެ ގޮތެއް ނޫނޭ. ކަން ކުރައްވައިގެން ވާނެ ގޮތެއް ވެސް ނޫނޭ. މިނިވަންކަމާއެކީގައި މި އިންތިހާބު ސިޔާސީ ޕާޓީތަކުން އެދޭގޮތަށް، ރައްޔިތުންނަށް ފުރިހަމައަށް ބައިވެރިވެވޭގޮތަށް ރޯދައިގެ ފަހަށް ފަސްކޮށްދެއްވާށޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
ސޯލިހު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ގޮވައިލައްވާނީ ރައްޔިތުންގެ އަޑު އެއްސެވުމަށް ކަމަށާއި ރޯދައިގެ ފަހަށް އިންތިހާބު ފަސްކުރުމަށް ބިލު ފާސްކޮށްފައިވަނީ މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތުން ކަމަށެވެ.
"އަޅުގަނޑު ގޮވާލާނީ ފަސް ނުކުރައްވައި، ލަސް ނުކުރައްވައި އެކަން ކުރައްވާށޭ. އެހެން ނޫނީ ރައްޔިތުން އަދިވެސް، މިހާރަށްވުރެ ބޮޑަށް މި ސަރުކާރާ ދޭތެރޭ ނަފުރަތު އުފެދިގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ މިނިވަން މުއައްސަސާތަކަށް މިދިޔަ ސަރުކާރުން ދިން ބާރުތަކާއެކު މި ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ކުރި މަސައްކަތް މިއަދު އަނެއް ފުށަށް ޖަހަމުންގެންދާ ކަމަށާއި އީސީއަކީ ވެސް އިތުބާރުކުރެވޭ ތަނަކަށް އޭރު ހަދާފައިވާނެ ކަމަށެވެ.
އީސީން މަޖިލިސް އިންތިހާބު ބާއްވަން ކަނޑައެޅީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް އެއީ ރޯދަމަސް ކަމުން، މަޖިލީހުން ވަނީ ރޯދައިގެ ފަހަށް އިންތިހާބު ފަސްކުރުމަށް ބިލެއް ފާސްކޮށްފައެވެ. ނަމަވެސް ރައީސް މުއިއްޒު އަދި އެ ބިލު ތަސްދީގުކުރައްވައިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު