އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ރޭ ކުޅުނު މެޗުގައި ބްރެންޓްފޯޑު ބަލިކޮށް، އެޓީމުން ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.
ސިޓީން އަމިއްލަ ދަނޑުގައި ރޭ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ބޮޑުބައެއްގައި ބްރެންޓްފޯޑުން ވަރުގަދައަށް ޑިފެންސްކޮށްފައިވާ އިރު، އެޓީމުގެ ހަމައެކަނި ގޯލު ދެވަނަ ހާފުގައި ކާމިޔާބު ކޮށްދިނީ އާލިން ބްރައުޓް ހާލަންޑެވެ.
ސިޓީން ރޭގެ މެޗުގެ ކުރިން ކުޅުނު މެޗުގައި ޗެލްސީ ކައިރިން އެއްވަރުވެފައި އޮތް އިރު، ބްރެންޓްފޯޑު ކައިރިން ހޯދީ މުހިއްމު ތިން ޕޮއިންޓެވެ. އެއީ ތަށީގެ ރޭހުގައި އެޓީމަށް ލިވަޕޫލާ ގާތަށް ޖެހިލަން ލިބުނު ފުރުސަތަކަށް ވާތީއެވެ. 25 މެޗުން 57 ޕޮއިންޓާއެކު ލިވަޕޫލް އެއްވަނައިގައި އޮތް އިރު، ސިޓީ މިވަގުތު ދެވަނައިގައި އޮތީ 25 މެޗުން 56 ޕޮއިންޓާއެކުގައެވެ. އާސެނަލް ތިންވަނައިގައި އޮތީ 25 މެޗުން 55 ޕޮއިންޓާއެކުގައެވެ.
މެޗުގެ ފުރަތަމަ ހާފުގައިވެސް ސިޓީއަށް އެންމެ އެކަށީގެންވާ ފުރުސަތުތަކެއް ތަނަވަސްކުރެވިފައި ނުވާ އިރު، މެޗުގެ 71 ވަނަ މިނެޓުގައި ގޯލު ޖެހެންދެން އެޓީމު ފެނުނީ މާޔޫސްކަމުގައެވެ. މެޗުގެ ހަމައެކަނި ގޯލު ހާލަންޑް ޖެހީ ބްރެންޓްފޯޑުގެ ޑިފެންޑަރު ކްރިސްޓޮފާ އަޖެއާ އަތުން ހެދުނު ގޯހެއްގެ ބޭނުން ހިފައިގެންނެވެ.
ޖޫލިއަން އަލްވަރޭޒް ދުއްވާލި ޕާސް، އަޖެއާއަށް ލިބެން ދިޔަ ނަމަވެސް އޭނާއަށް ބޯޅަ ގެއްލުނީ ކައްސާލައިގެންނެވެ. އެ ގޯހުގެ ފައިދާ ނަގައި ހާލަންޑް ވަނީ ބޯޅައާއެކު ކުރިއަށް ގޮސް ބްރެންޓްފޯޑުގެ ގޯލްކީޕަރު މާކް ފްލެކެން ކައިރިން ފަސޭހަކަމާއެކު ބޯޅަ ގޯލަށް ވައްދާލައިފައެވެ.
އެއީ މި ސީޒަނުގައި ހާލަންޑް ޖެހި 22 ވަނަ ގޯލެވެ. އަދި މި ސީޒަނުގެ ލީގުގައި އޭނާ ޖެހި 17 ވަނަ ގޯލުވެސް މެއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު