ހުވަދޫ އަތޮޅުގައި 12 ރިސޯޓެއް ތަރައްގީކުރަން ނިންމާފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ގދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ތިނަދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓް ހެދުމުގެ މަސައްކަތް ތައިލެންޑުގެ ކުންފުންޏެއް ކަމަށްވާ ޕޭން ޕެސިފިކްއާ ހަވާލުކޮށްފައެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓާއެކު ހުވަދޫ އަތޮޅުގެ ޓޫރިޒަމް ކުރިއަރައިގެންދާނެ ކަމަށެވެ.
"އަމިއްލަ އިންވެސްޓުމެންޓެއްގެ ގޮތުގައި ކުރަނީކީ ހަމައެކަނި އަޅުގަނޑުމެން މިތަނުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމުގެ ބޭނުމަކު ނޫން. އެއާއެކު ވަރަށް ގިނަ އެނދުތަކެއް އެބައާދޭ، ރިސޯޓުތަކެއް އެބައާދޭ. މި ކޮންޓްރެކްޓާ އެކަނިވެސް 12 ރިސޯޓެއް ތަރައްގީކުރުމަށް ހުށަހަޅާފައިވޭ. އެއީ 2،400 އަށްވުރެ ގިނަ އެނދު،" މުއްތަލިބު ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވީ އެ 12 ރިސޯޓަކީ ހުވަދޫ އަތޮޅަށް މިހާތަނަށް ލިބިގެންދާނެ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ. އެ މަޝްރޫއާއެކު ހުވަދޫ އަތޮޅު ބަދަލުވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހުވަދޫ އަތޮޅު ވެގެންދާނީ ވަކި ހިންގާ ޓޫރިޒަމްގެ ސަރަހައްދަކަށް ކަމަށް ވެސް ވިދާޅުވިއެވެ.
ހުވަދޫ އަތޮޅުގައި މިހާރު އޮތީ އެންމެ ތިން ރިސޯޓު ކަމަށެވެ. އެއީ 551 އެނދު ކަމަށް މުއްތަލިބު ވިދާޅުވިއެވެ. މުޅި ހުވަދޫ އަތޮޅުގައި މިވަގުތު ހުރީ އެންމެ އަށް ގެސްޓު ހައުސް ކަމަށާއި އެއީ 116 އެނދު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކަމަކު ހުވަދޫ އަތޮޅުގައި މީހުން ދިރިނޫޅޭ 133 ރަށް އެބައޮތް ކަމަށެެވެ.
ޚަބަރު
ޚަބަރު
ޚަބަރު