ރާއްޖެ ފަހުރުވެރިވާނެ ފަދަ އިންގިލާބީ ތަރައްގީ ތިނަދޫންވެސް ދެން ފެނިގެން ދާނެ މަށް ލޯކަލް ގަވަރްނެސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ގދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ތިނަދޫއަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގެ ވިސްނުން އެންމެ ފުރަތަމަ އުފަން ކުރެއްވީ ރައީސް މުއިއްޒު ކަމަށެވެ. ރައީސް މުއިއްޒު، އެކަން އިއުލާން ކުރެއްވުމުން، އެއިރުގެ ސަރުކާރުން ވަނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައި ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ތަސައްވަރާއެކުގަ، ރައީސުމްޖުމްހޫރިއްޔާ ބޭނުންފުޅުވި ގޮތަށް ކުރަން އުޅުއްވަނިކޮށް ނުބައިކޮޅަކަށް ޖަހާފަ މި ސިޓީ އުފަން ކުރުވީ. އެހެންވީމާ ކުޑަކޮށް އުނދަގޫވެގެން މި އުޅެނީ. އެހެނެއްކަމަކު ދަންނަވަންތޯ އަޅުގަނޑަށް ޔަގީންކަން އެބައޮތް އިރާދަކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގަ އިރާދަކުރެއްވިއްޔާ މި ސިޓީ ރާއްޖޭގަ ފަހުރުވެރިވާވަރުގެ ތަރައްގީއާއި ކުރިއެރުން މި ރާއްޖޭގެ އެހެން އެއްވެސް ތަނަކުން ފެންނަކަމަށް ވެއްޖިއްޔާ އެންމެ ރަނގަޅަށް ފެންނާނެ އެއް ތަނަކަށް ތިނަދޫ ސިޓީ ވެގެންދާތަން އަޅުގަނޑަށް މިއަދު އެބަ ތަސައްވަރު ކުރެވޭ" އާދަމް ޝަރީފު ވިދާޅުވިއެވެ.

އާދަމް ޝަރީފު ވިދާޅުވީ ރައީސް މުއިއްޒު ގެންދަވަނީ ކައުންސިލްތަކަށް ފަޅުރަށްތައް ހޯއްދަވައި ދެއްވުމަށް މަސައްކަތްކޮށްދެއްވައި، ކައުންސިލްތައް ހުރިހާ ގޮތަކުން ވެސް ބާރުވެރިކުރުވަމުން ކަމަށެވެ.

ވެރިކަމާ ރައީސް މުއިއްޒު ހަވާލުވެވަޑައިގެންނެވި ހިސާބުން ފެށިގެން ކުޅުއްވަން ޖެހިވަޑައިގެންފައިވަނީ ޑިފެންސަށް ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ. ބޮޑެތި ގޮންޖެހުންތަކާއި ދަތިތައް އެ މަނިކުފާނަށް އެބަހުރި ކަމަށެވެ. އެގޮތުން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމުގެ ދިފާއުގައި އެތަކެއް މަސައްކަތެއް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށާއި ދަރަފާއި އޮތް ދަރަންޏާއި ލޯނުތަކުން މިންޖުވުމަށް ރައީސް މުއިއްޒު، މަސައްކަތް ކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް ރައީސް މުއިއްޒުގެ ވިޝަނަރީ ވިސްނުންފުޅުތަކެއް ގެންގުޅުއްވާ ކަމަށާއި އެކަންކަމުން އިގްތިސޯދީ ގޮތުން ރާއްޖެ ތަރައްގީ ވެގެންދާނެ ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.