ސަރުކާރުން ތިނަދޫ ސިޓީގައި ތަރައްގީކުރާ އިންޓަނޭޝަނަލް އެއާޕޯޓް ހެދުމަށް ފައިނޭންސް ކުރާނީ އެ މަސައްކަތް ހަވާލުކޮށްފައިވާ ތައިލެންޑުގެ ޕްލޭން ޕެސިފިކް ކުންފުނިން ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ގދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ތިނަދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓް ހެދުމުގެ މަސައްކަތް ވަނީ ޕޭން ޕެސިފިކް ކުންފުންޏާ ހަވާލުކޮށްފައެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ، ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރާނީ އެންމެ ބޮޑެތި މަތިންދާބޯޓު ޖެއްސޭ ގޮތަށް ކަމަށެވެ. އަދި އެ އެއާޕޯޓުގައި ފިއުލް ފާމެއްވެސް ހުންނާނެ ކަމަށާއި އެއާޕޯޓުގައި ސީ ޕްލޭން ޓާމިނަލެއްވެސް ހުންނާނެ ކަމަށެވެ.
"މި ޕްރޮޖެކްޓު ކޮންޓްރެކްޓަރު އަމިއްލަ އިންވެސްޓްމެންޓެއްގެ ގޮތުގައި މި ކުރާނީކީ ހަމައެކަނި އަޅުގަނޑުމެން މިތަނުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމުގެ ބޭނުމަކު ނޫން،" މުއްތަލިބު ވިދާޅުވިއެވެ.
"މި ޕްރޮޖެކްޓަކީ ދިވެހި ސަރުކާރުން އެއްވެސް ހަރަދެއް ކުރާ ގޮތަށް ހިންގޭނެ ޕްރޮޖެކްޓެއް ނޫން. ސީދާ އިންވެސްޓާ ހުރިހާ ހަރަދެއްކުރާ ގޮތަށް ހިންގާ ޕްރޮޖެކްޓެއް. އެހެންކަމުން މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގައި އިނޮވޭޓިވް ފައިނޭންސް މޮޑަލްތަކަށް ޕްރޮޖެކްޓް ހިންގުމަށް ގެންގުޅުއްވާ އުސޫލުން ދައުލަތަށް ބުރަނުވާ ހިންގާ ޕްރޮޖެކްޓެއް،"
މިނިސްޓަރު ވިދާޅުވީ ޕޭން ޕެސިފިކް ކުންފުނިން ވަނީ ހުވަދޫ އަތޮޅުގައި ރިސޯޓު ތަރައްގީކުރުމަށް ނިންމާފައި ކަމަށެވެ. އެއީ 2،400 އަށްވުރެ ގިނަ ޓޫރިސްޓު އެނދު ކަމަށް މުއްތަލިބު ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ހުވަދޫ އަތޮޅުގައި ޓޫރިޒަމް ފުޅާވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހުވަދޫ އަތޮޅުގައި މިހާރު އޮތީ އެންމެ ތިން ރިސޯޓު ކަމަށާއި އެއީ 551 އެނދު ކަމަށް މުއްތަލިބު ވިދާޅުވިއެވެ. މުޅި ހުވަދޫ އަތޮޅުގައި މިވަގުތު ހުރީ އެންމެ އަށް ގެސްޓު ހައުސް ކަމަށާއި އެއީ 116 އެނދު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކަމަކު ހުވަދޫ އަތޮޅުގައި މީހުން ދިރިނޫޅޭ 133 ރަށް އެބައޮތް ކަމަށެެވެ.
ޚަބަރު
ޚަބަރު
ޚަބަރު