އެމްޑީޕީގެ ރައީސް ކަމަށް އައްޔަންކޮށްފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ފުރިހަމަ އިތުބާރާއި ޔަގީންކަން އެބަ އޮތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލި މުއްދަތު މިއަދަށް ހަމަވި އިރު، އެ މަގާމަށް ކުރިމަތިލީ ޝާހިދު އެކަންޏެވެ. އެހެންވެ އިންތިހާބަކާ ނުލައި، އޭނާއަށް ވަނީ އެ މަގާމު ލިބިފައެވެ.
ޝާހިދަށް މަރުހަބާ ވިދާޅުވެ ސޯލިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން ގައުމާއި ރައްޔިތުންނަށް އަގުހުރި މަސައްކަތްތަކެއް ޝާހިދު ކޮށްދެއްވާނެކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އެ މަނިކުފާނަށް އެބަ އޮތް ކަމަށެވެ.
ސޯލިހުގެ އެ ޕޯސްޓު ރީޝެއާ ކުރައްވައި ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާއި އެމްޑީޕީގެ އިސް ލީޑަރުކަމާއި ވަގުތީ ރައީސްގެ ހައިސިއްޔަތުން ރައީސް ސޯލިހު ދިވެހި ގައުމާއި ރައްޔިތުންނާއި އެމްޑީޕީއަށް ކޮށްދެއްވާފައި ވަނީ ގިނަގުނަ، ތެދުވެރި އަދި އިހުލާސްތެރި ހިދުމަތްތަކެއް ކަމަށެވެ. އެކަމަށްޓަކައި އެ މަނިކުފާނަށް ޝުކުރު ދަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު މި ހަވާލުވި މަގާމުގެ ވާޖިބުތަށް އަދާކުރުމުގައި މަނިކުފާނުގެ ލަފަޔާއި އިރުޝާދާއި އެހީތެރިކަން ލިބެމުންދާނެކަމުގެ ޔަގީންކަން ދެއްވާފައިވާކަމީ އިންތިހާއަށް ހިތްހަމަޖެހުން ލިބޭކަމެކެވެ.،” ޝާހިދުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު