ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާއި އިގުތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ "ހިޔަލަ ވީކެންޑް މާކެޓް"ގެ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ދިރާގު ހަމަޖައްސައިފިއެވެ.
ހިޔަލަ ވީކެންޑް މާކެޓަކީ، ކޮންމެ ހަފުތާއެއްގެވެސް ބުރާސްފަތި އަދި ހުކުދު ދުވަހު، ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ހުޅުމާލެ ފޭސް އެކެއްގެ ކޮންޓެއިނާ ޕާކުގައި ކުރިޔަށްގެންދާ އިވެންޓެކެވެ.
"ޕަވާޑް ބައި ދިރާގު"ގެ ގޮތުގައި ކުރިއަށްގެންދާ އެ މާކެޓުގެ އަމާޒަކީ އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވައި އެފަރާތްތަކުގެ އުފެއްދުންތައް ދައްކާލައި ވިއްކުމަށް ހާއްސަ ޕްލެޓްފޯމެއް ފޯރުކޮށްދިނުމެވެ. އެގޮތުން ކޮންމެ ހަފުތާއަކުވެސް 18 އަންހެން ވިޔަފާރިވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ބީސީސީން ފޮރުކޮށްދެއެވެ.
ބީސީސީގެ ޑިރެކްޓާ ކޮމާޝަލް، މުހައްމަދު ޖައުޝަން ވިދާޅުވީ، "އަޅުގަނޑުމެންނާ އެކު 'ހިޔަލަ ވީކެންޑް މާކެޓް'ގެ ޕާޓްނަރަކަށް ވެ، ދެއްވަމުންގެންދަވާ އެއްބާރުލުމަށް ދިރާގަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. އަޅުގަނޑުމެންގެ އުންމީދަކީ ދިރާގާ އެކު މަސައްކަތްކޮށް، މި ޕްލެޓްފޯމް އިތުރު އަންހެން ވިޔަފާރިވެރިންނަށް ފޯރުކޮށްދީ، އެފަރާތްތަކުގެ އުފެއްދުންތައް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި އާންމުންނާ ހަމައަށް ވާސިލުކޮށްދިނުން،"ކަމަށެވެ.
ބީސީސީން ވަނީ އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ނަން ހުށަހަޅައި ވެއިޓްލިސްޓް ކުރުމުގެ އިންތިޒާމު ހަމަޖައްސާފައެވެ.
މިއީ މުހިންމު ފުރުސަތެއް ކަމަށާއި މި ކަމުގެ ސަބަބުން އަންހެން ވިޔަފާރިވެރީންނަށް ފަހި ފުރުސަތުތަކެއް ލިބިގެން ދާނެ ކަމަށް ދިރާގުންވެސް ވަނީ ފާހަގަކޮށްފައެވެ.
"ދެމެހެއްޓެނިވި ގޮތެއްގައި އަންހެނުން މާލީ ގޮތުން ބާރުވެރިކުރުވުމުގެ މަގުސަދުގައި ހިންގާ "ހިޔަލަ ވީކެންޑް މާކެޓް" ފަދަ އިވެންޓެއްގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަންހެނުން ބާރުވެރިކުރުވުމަކީ އަޅުގަނޑުމެންގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އެއް ފޯކަސް ދާއިރާ. އެގޮތުން މި ޕްލެޓްފޯމުގެ ސަބަބުން މުޖުތަމައުގެ ތަފާތު އަންހެން ވިޔަފާރިވެރިންނަށް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މީހުންނަށް އެނގި، އާ ފުރުސަތުތަކެއް އެފަރާތްތަކަށް މަގުފަހިވެގެން ދާނެކަމަށް އުންމީދު ކުރަން." ދިރާގުގެ މެނޭޖާ ބްރޭންޑް އެންޑް އިވެންޓްސް، ނާޔާ ޝަރީފް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު