މަސްވެރިންގެ އަތުން މިފްކޯއަށް ގަތް މަހުގެ ތެރެއިން ކިލޯއެއް 25 ރުފިޔާގެ ރޭޓުން ގަތް މަހަށް ފައިސާ ދޭނީ އެ އަގުން ކަމަށް މިނިސްޓަރު އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ، މިފްކޯއަށް ގަނެފައިވާ މަހަށް މަސްވެރިންނަށް ފައިސާ ދެއްކުމާބެހޭ ގޮތުންނާއި 25 ރުފިޔާއަށް ގަންނަމުންދިޔަ މަސް މިހާރު 20 ރުފިޔާއަށް ދަށްކޮށްފައިވާ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ޔައުގޫބު މިނިސްޓަރާ ކުރެއްވި ސުވާލުގައި ވިދާޅުވީ، މިފްކޯއަށް މީގެކުރިން 25 ރުފިޔާއަށް ގަތް މަހަށް، މިހާރު ހުރި މަހުގެ އަގު ކަމަށްވާ 20 ރުފިޔާގެ ރޭޓުން ބިލު ހަދައި ފައިސާ ދޭން އުޅޭ ވާހަކައެއް ދެކެވޭ ކަމަށާއި އެކަން ނިންމާފައި އޮތީ އެގޮތަށްތޯއެވެ. އަދި އަމިއްލަ އެއްވެސް ފަރާތަކަށް ފަސޭހަކޮށްދިނުމަށްޓަކައި މިހާރު 20 ރުފިޔާއަށް ހުރި މަހުގެ އަގު އިތުރަށް ދައްކުރަން ވިސްނަމުން ގެންދޭތޯވެސް ސުވާލު ކުރެއްވިއެވެ.

ޔައުގޫބުގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، 25 ރުފިޔާގެ އަގަށް މިފްކޯއަށް ގަނެފައިވާ ފައިސާ ދޫކުރާނީ ހަމަ އެ އަގުގައި ކަމަށެވެ. އެއަށް ބަދަލު ގެންނަން ހަމަޖެހިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށް ނުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅެއް ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އަމިއްލަ އެއްވެސް ފަރާތަކަށް މަގުފަހިކޮށްދިނުމުގެ ބޭނުމުގައި ވެސް 20 ރުފިޔާއަށް މަހުގެ އަގު ދަށްކުރުމުގެ ވިސްނުމެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، 20 ރުފިޔާއަށް މަސް ގަންނަނީވެސް ހަ ރުފިޔާގެ ސްބްސިޑީއެއް ދިނުމަށްފަހުގައި ކަމަށެވެ.