މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު، އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ޒޯން އަށެއްގައި ރޭ ވިލިމާލެއާއި މާފަންނުން މުހިއްމު މޮޅެއް ހޯދި އިރު، ހުޅުމާލެ ކަޓައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ކުޅުނީ ޒޯން ހަތަރެއްގެ ދެމެޗާއި ޒޯން ފަހެއްގެ ދެމެޗުގެ އިތުރުން ޒޯން ތިނެއްގެ ދެމެޗު އަދި ޒޯން އަށެއްގެ ދެމެޗެވެ.
ޒޯން އަށެއްގައި މާލޭގެ ހަތަރު ޓީމަކުން ވާދަކުރަމުންދާ އިރު، މިހާތަނަށް ކުޅުނު ދެމެޗުން ހަތަރު ޕޮއިންޓް، ވިލިމާލެއާއި މާފަންނު ހޯދާފައިވެއެވެ. އެއްވަނައިގައި މިވަގުތު ވިލިމާލެ، ފައިދާ ތިން ގޯލާއެކު އޮތް އިރު، ދެވަނައިގައި އޮތީ މާފަންނެވެ. މައްޗަންގޮޅިން ފުރަތަމަ ކުޅުނު މެޗުގައި ހުޅުމާލެ ބަލިކޮށް ތިން ޕޮއިންޓް ހޯދާފައި އޮތުމުން، އެޓީމަށް އަދިވެސް އުންމީދު އޮތް އިރު، ބާކީ މެޗެއް އޮއްވާ، ޕޮއިންޓެއް ނުލިބި އޮތް ހުޅުމާލެ ވަނީ ކަޓައިފައެވެ.
ރޭ ވިލިމާލެއިން ހުޅުމާލެ ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ވިލިމާލޭގެ ގޯލުތައް ޖެހީ އަބްދުﷲ ޝައްފާން (ޝާކާ) އާއި އިސްމާއީލް ވަޖީހު (ވައްޖެ)ގެ އިތުރުން އަލީ ޝިޔާހު އަދި އަހުމަދު މުއާޒެވެ. ހުޅުމާލޭގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު މަހްދީއެވެ.
މާފަންނާއި މައްޗަންގޮޅީގެ މެޗު ފޯރިގަދަކޮށް ނިމިގެން ދިޔަ އިރު، މެޗު މާފަންނުން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ. މެޗުގައި މައްޗަންގޮޅީގެ ހަސަން ނަޒީމް (ޗޯޓު) ދެ ގޯލު ޖެހި އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ އަހުމަދު ހުސައިނެވެ. މާފަންނުގެ ހުސައިން ސުހައިލް (ސޮކޭ) ހެޓްރިކް ހެދި އިރު، ދެން އެޓީމަށް ގޯލު ޖަހައިދިނީ ހަސަން ޝިފާޒެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ޒޯން ބުރުގެ މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް